Sunday 1 November 2009

ހިމަންދޫ ރައްޔިތުންނަށް ނުހައްގުންކުރި އަނިޔާ މިސަރުކާރުން ނުކުރުމަށްއެދި ހިމަންދޫ އޮފީހުން ސަރުކާރުގައި އެދިއްޖެ

ހިމަންދޫ ރައްޔިތުންނަށް ނުހައްގުންކުރި އަނިޔާ މިސަރުކާރުން ނުކުރުމަށްއެދި ހިމަންދޫ އޮފީހުން ސަރުކާރުގައި އެދިއްޖެ
މުޙައްމަދު ޝާން- ހާމަނޫސް
"އާއިލާތަކުން ކުރަމުންގެންދާ ހިތާމަ އެންމެރަގަޅަށް އެނގޭ އެކަކީ އަޅުގަނޑު" ހިމަންދޫ ކައުންސެލަރ މިދިޔަ (މައުމޫނުގެ) ސަރުކާރުން ހިމަންދޫގެ ރައްޔިތުންނަށް ނުހައްގުގައިކުރި އަނިޔާ މިސަރުކާރުން ނުކުރުމަށްއެދި ހިމަންދޫ ރައްޔިތުންގެ ނަމުގައި ހިމަންދޫ އޮފީހުން ސަރުކާރަށް ސިޓީއެއް ފޮނުވައިފިއެވެ. ހިމަންދޫ ކައުންސިލަރ ޢަލީ ނަސީރު ސޮއިކުރައްވައި، މިއޮކްޓޫބަރުމަހުގެ 27 ވަނަދުވަހު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީއަށް ފޮނުއްވާފައިވާ މިސިޓީގެ ކޮޕީއެއް މިނޫހަށްވެސްވަނީ ލިބިފައެވެ.

މިސިޓީގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ އެރަށުގެ ޒުވާނުން ލުއިޖަލަކަށްް ބަދަލުކޮށްދީ، އޭގެތެރެއިން ބަލިމީހުން މާލެ ބަންދަށް ނެރެދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކޮށްދިނުމަކީ ހިމަންދޫގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ވާހަކަ ދައްކައިގެން ހައްލުކުރުމަށް އެދިފައިވެއެވެ.

ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި އެރަށު ބޮޑުކަތީބު އިބްރާހިމް އަބްދުއްރަހުމާނާއި، އޭނާގެ ކޮއްކޮ، ސުކޫލް އެކްޓިން ޕްރިންސިޕަލް އާދަމް އަބުއްރަހުމާންގެ އެދުމުގެމަތިން ހިމަންދޫގެ ބަސް ޤަބޫލުކުރާ ކިޔަމަންތެރި ގިނައަދަދެއްގެ ޒުވާނުންނަށް އެދިން އަނިޔާ ހިމަންދޫ ރައްޔިތުގެ ނަމުގައިޔާއި ކައުންސިލަރގެ އަމިއްލަ ނަމުގައި ހަރުއަޑުން ކުށްވެރި ކުރާކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ. މިމައްސަލައަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވޭނެ ކަމެއްކަން މިއަނިޔާ ދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް މިހާރުވަނީ އެނގިފައި ކަމަށައި، އެރަށުގެ މިމައްސަލައަކީ ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ މައްސަލައެއްކަން، ދިވެހި އެންމެހާ ރައްޔިތުންނަށް އަންގައި ދެއްވުމަށްވެސް އެދިފައިވެއެވެ.

"މާނިކުފާނެވެ. ވޭތިވެދިޔަ ދިގު މާޒީގައި ޙާއްސަކޮށް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގެ ފަހު ތިންއަހަރުގައި ހިމަންދޫގެ ވަކިއާއިލާއަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންނަށްވަނީ ވަރަށް ގިނަގުނަ އަނިޔާތަކެއް ދީފައެވެ. ސަބަބަކަށް އޭރުގެ ސަރުކާރުން ބުނަމުންދިޔައީ ވަކިވެގަންނަން އުޅޭތީވެ ކަމަށެވެ. ނަމަވެސް އެކަންތައްތަށް ހައްލުކުރުމަށް އޭރުގެ ސަރުކާރުންވަނީ ނުކުޅެދިފައެވެ. ނުކުޅެދިފައިވާ އެސަރުކާރުން އެއްވެސް ވާހަކައެއް ދެއްކުމެއްނެތި، ކޮންމެ ރަމަޟާންމަހަކު ހިމަންދޫއަށް ރާއްޖޭގެ ސަލާމަތީ ބާރުތަށް ފޮނުވައިގެން، ސިޔާސީ ބޭނުމަކަށް، މިރަށު ބޮޑުކަތީބު އިބްރާހިމް އަބްދުލްރަޙްމާންއާއި، ސުކޫލްގެ އެކްޓިން ޕްރިންސިޕަލް އާދަމް އަބުއްރަހުމާންއާއި ދެބެއިން ނުރުހުންވެގެން އިނގިލި ދިއްކޮލި ކޮންމެމީހަކު ދިޔައީ ހިފާ ހައްޔަރު ކުރަމުންނެވެ.

މަނިކުފާނެވެ. އޭރުގެ ސަރުކާރުން ވަނީ ހިމަންދޫގެ ގިނަ ޒުވާނުންތަކެއް ހައްޔަރުކޮށް އެބައިމީހުންގެ އަބިންނާއި މުސްކުޅިމައިންނާއި ޅަދަރިންނާއި ވަކިކޮށްދޫނިދޫގެ ކުޑަގޮޅީގައި 2 މަސް ނުވަތަ 3 މަސްދުވަހުގެ މުއްދަތަކަށް ބައިތިއްބާފައެވެ. އެއިރުގެ ސަރުކާރުން ހިންގި ޕޮރޮޕްގެންޑާގެދަށުން އެންމެފަހުން ނިންމީ އެއިރުގެ ސަރުކާރަށް ސަޕޯޓްނުކުރާ ހުރިހާ ފިރެހެނުން ޖަލަށްލައި، މިބައި މީހުންގެ އަބިންނާއި މައިންގެ އައުރަތަށް ބަލައި ފޮޓޯނެގުމަށެވެ. އެގޮތުން 2007 ވަނައަހަރުގެ ރަމަޟާންމަހުގައި އެއިރުގެ ސަރުކާރުން ކަންތައްކުރީ ހަމަ އެބީދައިންނެވެ.

މަނިކުފާނެވެ. ގިނައަދަދެއްގެ އާއިލާތަކުން ކުރަމުންގެންދާ ހިތާމަ އެންމެ ރަގަޅަށް އެނގޭ އެކަކީ އަޅުގަނޑެވެ. މިއަދު ހިމަންދޫ ގިނަ އަދަދެއްގެ އާއިލާތަކުން، އެތަކެއް މައިންނާއި ބަފައިން މުސްކުޅިވިދުވަހު، އެބައިމީހުންގެ ދަރިންނާއި ދޭތެރޭގައި ވިސްނާ، އެދަނީ ހަލާކުވަމުންނެވެ. ސުކޫލަށްދާ އުމުރުގެ އެތައް ކުދިންނެއް ދަނީ އެކުދިންގެ ބައްޕަ ފެންނާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ. އެތަކެއް އަބިންނެއްދަނީ އެމީހުންގެ ފިރިންނާއި ނުލައި، ބިކަހާލުގައި ދަރިންކޮޅު ބަލަމުންނެވެ. މާތް ﷲ ގަންދީ ބުނަމެވެ. މިއީ، އެއިރުގެ ސަރުކާރުން ހިންގި ވަރަށްބޮޑު އިންސާނިއްޔަތާ ޚިލާފު ޖަރީމާއެކެވެ." ހިމަންދޫ ކައުންސިލަރ ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މިސިޓީގައި، ހިމަންދޫގެ ޙާލަތު ބައްލަވައި، އެރަށުގެ މައްސަލަ ޙައްލުކުރެއްވުމަށް ޚާއްޞަކޮށް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައިވެއެވެ. "ޙާއްސަކޮށް ވަޒީރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ސްޓޭޓް މިނިސްޓަރ އައްޝައިޙު މުޙައްމަދު ޝަހީމް އަލީ ސައީދުއާއި އުތުރު ޕުރޮވިންސްގެ ވެރިކަން އިސްނަގައިން މިރަށަށް ޒިއާރަތްކޮށް މިރަށުގެ ހާލަތު ލޮލުން ބަލައި، މިރަށުގެ މައްސަލަ ހައްލުކުރުމަށް ކުރެވެންއޮތް މަސައްކަތްދަނީ ކުރަމުންނެވެ. ތިޔަބޭފުޅުންގެ އަމިއްލަ މަސައްކަތްތަކޭ އެއްގޮތަށް ރޭނިދިނުދިދާ މިރަށުގެ ދީނީ އެއްބައިވަނަތަކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއްދަނީ ކުރަމުންކަން އަލުގަނޑު ޤަބޫލުކުރަމެވެ. ޚާއްސަކޮށް އައްޝައިހް މުޙައްމަދު ޝަހިމް އަލީ ޝައީދު އަޅުގަނޑާއި ފޯނުން ގުޅުއްވައިގެން ރަށުގެ ހާލަތު ނުބަލާ ދުވަހެއް ނުދެއެވެ. އެކުރައްވާ ބުރަ މަސައްކަތްތަކުގެ ފޮނިމީރުކަން މިހާރު ދަނީ ފެންނަމުންނެވެ." ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ނަތީޖާއެއްގެގޮތުން، ވަކި ޖަމާއަތްތައް ހަދައިގެން އުޅުނު މީހުންގެ 98 އިންސައްތަ މީހުން މިހާރުވަނީ އެރަށުގެ މަސްޖިދުލް އުލާގައި ނަމާދުކުރަން ފަށާފައި ކަމަށާއި، މިއީ، އިސްލާމިކް މިނިސްޓްރީން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. "މިފަހަކަށްއައިސް ބައެއް މުއައްސަސާތަކުން މީޑިޔާގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒު ބަދުނާމުކޮށް، ދީނީ އެއްބައިވަންތަކަމަށް މަސައްކަތް ނުކުރެއޭ ކިޔާފައި އެދައްކާ ވާހަކަތައް އަޅުގަނޑުގެ ރަށުގެ ރައްޔިތުން ކުށްވެރިކުރަމެވެ." ހިމަންދޫ ރައްޔިތުންގެ ނަމުގައި ކައުންސިލަރ ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.: ނޯޓް: މިއީ ހާމަނޫހުން ނަކަލުކޮށްފައިވާ ލިޔުމެއް.

No comments:

Post a Comment