Monday 2 November 2009

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް
އަޙްމަދު ޢަބްދުލް މަތީން
މިދުވަސްވަރަކީ އަޅުގަނޑުމެންނަށް “މިނިވަން” ކަމެއް ލިބިގެންއުޅޭ ދުވަސްވަރެކެވެ. ކޮންމެ މީހަކަށްވެސް ފެންނަ ޝުޢޫރުތައް ފާޅުކުރަމުން ދަނީއެވެ. އެއީ ކޮންމެ މަޢްޟޫއަކަށްވިޔަސް އަދި ކޮންމެ ކަމަށް ވިޔަސްމެއެވެ. މިސާލަކަށް އަޅުގަނޑުމެން އަބަދުވެސް ބުނެއުޅޭބަހެއް އޮވެއެވެ. އެއީ “ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް” ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް” މިފަދަ ބަސްތަކެވެ.އެހެންކަމުން އަޅުގަނޑުމެންނަށް ހުޅަނގުގެ ފިލޯސަފަރުން ނުވަތަ ފައިސަލޫފީން “ޤާނޫނާއި” މެދު ދެކޭ ނަޟަރުތައް ހާމަކޮށްލުމަށް އަޅުގަނޑު ޤަސްދުކުރަމެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީހިނދު އަޅުގަނޑު އެންމެ ފުރަތަމަ ބަލާނީ އިސްލާމީ ޝަރީޢަތާއި ނުވަތަ އިސްލާމީ އަޚްލާޤިއްޔާތާއި ހުޅަނގުގެ އަޚްލާޤިއްޔާތުތަކުގެ ތަފާތު ފާހަގަކުރުމަށެވެ. އިސްލާމީ ޤާނޫނުގެ މައިގަނޑު ދެމަސްދަރަކީ ކީރިތި ޤްރުއާނާއި މާތް ރަސޫލާގެ ސުންނަތެވެ. މިއީ ކަނޑައެޅިގެން ބަޔާންވެގެންވާ އަދި ﷲ ގެ ހަޟުރަތުން އައިސްފައިވާ ޤާނޫނެވެ. މިމާނާގައި އިސްލާމީ ޝަރީޢަތަކީ ޝާމިލް އެއްޗެއްކަމާއި އެކަމުގައި ރޫޙާނީ ފައިދާއެކުލެވިގެންވާކަން އެގެއެވެ. އަދި އެއީ ޤިޔާމަތާއި ހަމައަށްދާންދެންވެސް އެއްވެސް ބަދަލުވުމެއް ނުވާ ޤާނޫނެކެވެ. އެއީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަ ޤާނޫނެކެވެ. އެހެންކަމުން އިސްލާމީ އަޚްލާޤިއްޔަތުގެ މައިގަނޑު ދެއަސްލަކީ ކީރިތި ޤްރްއާނާއި ސުންނަތެވެ.

އަޚްލާޤިއްޔަތަކީ މީހަކު ކުރާކަމެއް ނުވަތަ އޭނާގެ ސުލޫކީ މިންގަނޑު ޤާނޫނާއި އެއްގޮތަށް ރަގަޅުގޮތަކަށް ހުރުމެވެ. އެހެންކަމުން ސުލޫކަކީ އޭގައި ރަގަޅާއި ނުބައި ހިމެނޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ އަޚްލާޤިއްޔަތަކީ ރަގަޅުގޮތްކަމަށް މާނަކުރެވެއެވެ.
އިސްލާމީ އަޚްލާޤިއްޔާތުތައް ތަންޒީމްކޮށްދޭ އަނެއް އަސާސަކީ އިސްނާނުން އުފައްދާ ވަޟަޢީ ޤާނޫނުތަކެވެ. އިސްލާމީ ޤާނޫނުގައި އިންސާނާކުރާ ހުރިހާ ޢަމަލެއް ޞަރީޙަކޮށް އޭގެ ޙުކުމް އައިސްފައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އިޖްމާޢާއި ޤިޔާސްއަކީ އިސްލާމީ ޤާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ މަސްދަރުކަމުގައި ފިޤްހް ޢިލްމްވެރިން ޤަބޫލުކުރައްވައެވެ. ވަޟައީ ޤާނޫނުތަކަކީ ޤްރުއާނާއި ސުންނަތާއި ޚިލާފްނުވާނޭގޮތުގެމަތިން އިންސާނުން އުފައްދާ އެއްޗެއްކަމުން އެއީ ފުރިހަމަ އެއްޗެއްކަމަށް ނުބެލެވޭނެއެވެ. އެއީ އިންސާނާގެ ވިސްނުންއެއީ ފުރިހަމަ އެއްޗަކަށް ނުވާތީއެވެ. ހުރިހާ ވަޞަޢީ ޤާނޫނުތަކެއްވެސް ދެމިއޮންނާނީ އެޤާނޫނެއް ޤްރްއާނާއި ސުންނަތާއި އަދި އެހެން އަސްލުތަކާއި ޚިލާފްނުވާނަމައެވެ.
ހުޅަނގުގެ އަޚްލާޤިއްޔަތު މިއާއި މުޅީން ތަފާތެވެ. އެމީހުންދެކޭގޮތުގައި އަޚްލާޤިއްޔަތަކީ މުޖުމަޢުގެ އުފެއްދުމެކެވެ. އެބައިމީހުންގެ މުޖުތަމަޢުތަކުގެ ނަތީޖާއެކެވެ. ހުރިހާ ކަމެއް ބިނާވެފައިވާނީ އެމީހުންގެ ވިސްނުމުގެ މައްޗަށެވެ. އެމީހުންނަށް ވިސްނޭނީ ރަގަޅަށެވެ. އެއީ ޤާނޫނެވެ. އެއަޚްލާޤިއްޔަކީ ޙުކޫމަތްތެރިކަމަށް ބިނާވެފައިވާ އެއްޗެއްނޫނެވެ. އެހެންކަމުން އެއީ އަބަދުވެސް ބަދަލުކުރަންޖެހިފައިވާ އެއްޗެކެވެ. އެކިޒަމާނާއި އެކިތަންތަނަށް އެއަޚްލާޤިއްޔާތުތައް ތަފާތެވެ. މިސާލަކަށް އެމެރިކާގެ މީހުންގެ އަޚްލާޤިއްޔަތުއެއީ އިންޑިމީހުންގެ އަޚްލާޤިއްޔަތުކަމުގައި ނުހިމެނިދާނެއެވެ.
އެންމެ އިހުގައި މީހުން ދުށީ ޤާނޫނާއި އަޚްލާޤިއްޔަތާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އެކަން އެހެންވެފައިވަނީ ޤާނޫނާއި އަޚްލާޤިއްޔަތު އެމީހުންގެ މައްޗަށް ހިންގަނީ އެއް އަސާސެއްގެ މަތީގައިކަމަށްވާތީއެވެ. އަސާސްކަމުގައި އެމީހުން ދެކެނީ ހަމައެކަނި ދީނާއި އެމީހުންގެ އާދަތަކެވެ. އާދައަކާއި ޚިލާފަށް ޢަމަލުކުރިޔަސް އަޚްލާޤިއްޔަތުގެ އިމުން ބޭރުވިޔަސް އަދަބުދެވެއެވެ. އޭގެތެރޭގައި އެބައިމީހުންގެ ދީނީ ފިކުރާތުތަކުގެ މައްޗަށް އެކަށައަޅާ އަދަބުތަކާއި ހަމައެހެންމެ އިޖްތިމާޢީ ގޮތުން އަޅާ ހުރަސްތައްވެސް ހިމެނެއެވެ.
މީހުންގެ އިޖްތިމާޢީ ހާލަތުބަދަލުވެ ދުނިޔެއަށް ލޯހުޅުވެން ފެށުމާއި އެކުގައި އިސްވެ ދެންނެވުނު ވިސްނުން ބަދަލުވާންފެށިއެވެ. އަދި ހަމައެހެންމެ ޤާނޫނު އެކަށައަޅާނެ ފަރާތަކަށް އެބައިމީހުން އެއްބަސްވިއެވެ. އެއީ ރަސްގެފާނުކަމަށްވިޔަސް ނުވަތަ ފުރިހަމަ މާނައިގައި ބާރުލިބިގެންވާފަރާތްކަމުގައިވިޔަސް މެއެވެ. އެދުވަސްވަރު ވާންފެށިގޮތަކީ އަޚްލާޤިއްޔަތުގެ މައްޗަށް ޤާނޫނުތައް އެކަށައަޅަން ފެށުމެވެ. ޤާނޫނު އުފެދުނީ އަޚްލާޤިއްޔަތު ތަންފީޒުކުރުމަށެވެ. އަދި އޭގެތެރިން ބައެއްކަންތައްތައް މުޖުތަޢުގެ އިޚްތިޔާރަށް ދޫކޮށްލެވުނެވެ. އެހެންކަމުން އަޚްލާޤިއްޔަތާއި ޤާނޫނު ކަނޑައެޅިބަޔާންވެގެންވާ ފަރާތަކުން އައިކަމުގައިވިޔަސް އެއީ އެކައްޗެއްގެ ގޮތުގައި ނުބެލެވުނެވެ. މިޡާލަކަށް ޢަމަލުކުރުން ލާޒިމް ކަންތައްތައްތަކަކީ އަނެކާގެ ޙައްޤަކަށް ނޭރުމެވެ. އަދި މީހަކަށް ކަމެއްގައި އެހީވުން އެއީ މުޖުތަޢުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.
ތަބީޢަތަކީ ޤާނޫނުގެ އަސްލުކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނީ އިންސާނުން ހަދާޤާނޫނު ރަގަޅުވާނީ އޭގެ މަޞްދަރު ރަގަޅުވެގެންނެވެ. އިޖްތިމާޢީ ޒާވިއާއިން ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ރޮސްކޯ ޕޮންޑް(1964-1870) ވިދާޅުވަނީ ޤާނޫނުގައި އިޖްތިމާޢީ ބޭނުމެއްވެއެވެ. ޤާނޫނުގެ މަޤްޞަދަކީ ޖަމާޢަތެވެ. އެހެންކަމުން ޤާނޫނަކީ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި ޤާނޫނުގެ ބޭނުމަކީ ވީހާވެސް ބޮޑު ފައިދާއެއްނަގައި ޚިޔާލުތަފާތުވުން މަދުކުރުމެވެ. އެހެންކަމުން ހަޢްޤާއި މަޞްލަހަތު ކަނޑައެޅުމުގައި ތިންކަމަކަށް ބަލަންޖެހެއެވެ. އެއީ ފަރުދާއި، ޖަމާޢަތާއި ދައުލަތެވެ.
ޖޯން އޮސްޓިން ގެ ރައުޔުގައި ޤާނޫނާއި އަޚްލާޤިއްޔަތާއި ގުޅުމެއްނެތެވެ. އެދެމެދުގައިވާ ގުޅުން އޮސްޓިން ނަފީކުރެއެވެ. އޮސްޓިންގެ މަޝްހޫރު ނަޞަރިއްޔާތަކީ “އަމުރުގެ ނަޟަރިއްޔާ”އެވެ. ނުވަތަ ކޮމާންޑް ތިޔަރީއެވެ. އޭގައިވާގޮތުން ތިންކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ އަމުރަކާއި، އަމުރުކުރާފަރާތަކާއި އަދި އަދަބެވެ. މިތިޔަރީގައިވާގޮތުން އަމުރުކުރާފަރާތުން އޭނާ ކުރާ އަމުރަށް ކިޔަމަންވުން ލާޒިމެއްނޫނެވެ. އަދި އަމުރުކުރާފަރާތަކީ ކޮންމެ ހާލަތެއްގައިވެސް ބާރުވެރި ކިޔަމަންކުރެވޭ ފަރާތަކަށްވާންޖެހެއެވެ. އަދި އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ އަދަބުދެވޭނެއެވެ. އެހެންކަމުން މިނަޞަރިއްޔާތަކީ އެހާ ހަމަޖެހޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ. މިޒަމާނުގެ ނަޞަރިއްޔާތުތައް ހުންނަނީ ޤާނޫނު ހަދާފަރާތުންވެސް އެމައްޗަށް ލާޒިމްކުރުވާފައެވެ. ޤާނޫނުގެ ވެރިކަން ހިންގޭގޮތަށެވެ.
ޖޯން އޮސްޓިން (1890-1790) ނަޟަރިއްޔާތާއި އެންމެ ގާތްކުރާ ނަޟަރިއްޔާތަކަކީ ޖެރަމީ ބެންތަމްގެ(1832-1748) ނަޟަރިއްޔާތެވެ. ބެންތަމްވެސް ޤާނޫނާއި އަޚްލާޤިއްޔަތާއިދެމެދު ގުޅުމެއްނުވާކަމަށް ވިދާޅުވެއެވެ. ޤާނޫނެއް ޤާނޫނަކަށްވާނީ އެޤާނޫނެއް އުފެދޭގޮތަށް ބަލައިގެންނެވެ. ޤާނޫނެއް އުފެދެންޖެހޭނީ އެކަމުގެ ޙައްޤު ބާރު ލިބިގެންވާ ފަރާތަކުންނެވެ. އަދި ޤާނޫނުގައި އަޚްލާޤީ އެއްވެސް އަސާސެއްވާކަށް ނުޖެހެއެވެ. ބޭނުމަކީ އިންސާނާގެ ޢަމަލުތަކާއި ގުޅުންތައް ހިންގާނެ މަގުދެއްކުމެވެ.
ހާޓް (1992-1907) ދެކެވަޑައިގަންނަވާގޮތުގައި ޤާނޫނެއް ޤާނޫނެއްގެ އަސްލުސިފަ ޖެހުމަށްފަހު ދެން އެއަށް އިންކާރު ކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނޯންނާނެއެވެ. މާނައަކީ އެއަށް ޢަމަލުކުރަން ލާޒިމްވުމެވެ. ޤާނޫނެއް އަޚްލާޤިއްޔަތާއި ފުށުއަރާނަމަ އެފަދަ އެއްޗެއް ޖެހޭނީ ބަދަލުކުރާށެވެ. އަޚްލާޤީ ގޮތުން ޤާނޫނު ފުރިހަމަ ނުވިޔަސް އެއީ އެއަށް ޢަމަލުކުރުމުން އެއްކިބާވެވޭނެ ހަމައެއްނޫނެވެ. އަދި ހަމައެހެންމެ ޤާނޫނަކީ ކޮންމެތަނެއްގައިވެސް އެއަށް ޢަމަލުކުރަންޖެހޭނެ ޤާނޫނު ވުޖޫދުގައިވާނެ އެއްޗެކެވެ. ބޭނުމަކީ ގިނަބަޔަކަށް އުފާވެރިކަން ހޯދައިދިނުމެވެ.
މާކްސް (1883-1818) ޤަބޫލުކުރާގޮތުގައި ޤާނޫނަކީ މުޖުމަޢެއްގެ މަތީފަންތީގެ މީހުން ނުވަތަ ޣާލިބުން ފައިދާއެއް ނެގުމަށް ބޭނުންކުރާ މަޞްދަރެކެވެ. އަދި ފަޤީރު ފަންތީގެ މީހުންނަށް ނާޖާއިޒްގޮތުގައި މިކަން ބޭނުންކުރަމުން ދެއެވެ. އަދި އެކަމުގެ ނަތީޖާއަކީ ފަޤީރުން ޣާލިބުންގެ މައްޗަށް ބާރުހޯދައި ހުދުމުހުތާރު ވެރިކަމެއް ގެނައުމެވެ. އެހުދުމުހުތާރު ވެރިކަމުގެ ބޭނުމަކީ މުޖުތަމަޢުގެ އެންމެންގެ ހަމަހަމަކަން ޤާއިމްކޮށް އިޤްތިޞާދުގައި ތަފާތުނުކުރުމެވެ.
މިއީ ކުޅުދުއްފުށި.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

1 comment: