Thursday 5 August 2010

ނުކުޅެދޭ ޑިމޮކްރަސީ ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހު، ﷲ ޝަރީޢަތް ތަންފީޒު ކުރަންޖެހޭ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟

އަބޫ ޣަރީބް
މުޅި ޤައުމު ހަމަނުޖެހުމެއްގައެވެ. އެކި ކަންކޮޅުތަކުގައި މުޒާހަރާތެކެވެ. ޕާރޓީތަކުގެ މެދުގައި ތަޅާފޮޅުމެވެ. ދޮގު ހެދުމާއި ރިޝްވަތު ކެއުމާއި ވައްކަން ކުރުން ސިޔާސީ ދާއިރާގައި ޢާއްމުވެއްޖެ އެވެ. ފުލުހުންނާއި އަމަން ބަލަހައްޓާ މީހުން ދާންވީ ނުދާންވީ ކޮޅެއް ނޭނގި އަންނަހާ އަމުރަކަށް ކިޔަމަން ވަމުން ދަނީ އެވެ. ނުކުޅެދޭ ޑިމޮކްރަސީގެ ސިޔާސީ އޮއެވަރުގައި ދިވެހިންތައް ޖެހި މަސްތުވެގެންދާ ހިނދު މިއީ ކިހާވަރެއްގެ ދަށްފެންވަރެއްގެ ދިރިއުޅުމުގެ ނިޒާމެއްކަން އިޙްސާސް ކުރެވުނީ ކިތައް ދިވެހި ދަރީންނަށް ހެއްޔެވެ؟

ނުކުޅެދޭ ޑިމޮކްރަސީ ނިޒާމްގެ ފުރިހަމަކަމުގެ ވާހަކަ ދައްކާ މީހުން އަބަދުވެސް މަސައްކަތް ކުރަނީ އެއް ބައްޓަމަކަށެވެ. އެއީ އެއްބެއްގެ އުނިކަން ދެއްކުމަށް ފަހު އެމީހުން ވައްޓާލުމަށްފަހު ކުރިއެރުމެވެ. ވާދަވެރިކަމުގެ ރޭހެކެވެ. އަދި މި ވައްޓާލުމުގައި އެކި އުޞޫލުތައް ބޭނުން ކުރެއެވެ. އޭގެތެރެއިން އެންމެ ހުތުރުކަން ބޮޑު އެއް އުޞޫލަކީ ހަމަނުޖެހުންތައް ބޮޑު ކުރުމަށްފަހު ބޭރުގެ ޤައުމުތަކަށް އެ މަންޒަރުތައް ދައްކައިގެން އެމީހުންގެ އިރުޝާދުގެ ދަށުން ކަންކަން ހައްލު ކުރުމެވެ. މިބައިމީހުން އެހީއާއި މަދަދާއި ހައްލު ހޯދުމަށް މި އެދެނީ ކޮންބައެއްގެ ގާތުން ހެއްޔެވެ؟ ކުއްފާރުންގެ ގާތުންނެވެ. ތެދެއްމެ މި ނުކުޅެދޭ ޑިމޮކްރަސީ ނިޒާމް ގެ ބައްޕައިންނަކީ އެމީހުން ވިއްޔާ އެވެ.

ދަޢުވާ ކުރަނީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ޤާނޫން ހެދުމުގައި މަޝްވަރާ ކުރަނީ ކުއްފާރުންގެ ފަރާތުންނެވެ. ސިޔާސީ ހައްލުތައް ހޯދުމުގައި ދުވެފައި ދަނީ ކުއްފާރުންގެ ފައިބުޑަށެވެ. ފަހެ މިއީ ﷲ އަށް ގޮންޖެހުން ފިޔަވައި ދެން ކޮންކަމެއް ހެއްޔެވެ؟ ﷲ ގެ ޤާނޫނާއި އެއިލާހުގެ ދުސްތޫރު އަހަރެމެންނަށް ނުފުދެނީ ހެއްޔެވެ؟ ހަމަކަށަވަރުން އިސްލާމުންނަށް ﷲ ކަނޑައެޅުއްވި ޤާނޫނަކީ އެއީ އެވެ. ކީރިތި ޤުރުއާނާއި ރަސޫލު ﷲ (صلى الله عليه وسلم) ގެ ސުންނަތެވެ. މި ދެ އަޞްލުގައި ކޮޅުފައިން ޖެހުމަށް ފަހު ކާފަރުންގެ ގާތުން ހައްލެއް ލިބޭނެކަމަށް ޤަބޫލު ކުރުމަށްވުރެ މޮޔަ ކަމެއް އޮންނާނެ ހެއްޔެވެ؟

މި ހަލަބޮލިކަމާއި މި ހަމަނުޖެހުމުގެ މެދުގައި ތިއްބެވި ލޮބުވެތި ޢާއްމު މުސްލިމުންނޭވެ! އަމަން އަމާންކަމާއި ހަމަޖެހުން ލިބުންވަނީ ހަމަކަށަވަރުން އަހަރެމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ﷲ ގެ ޝަރީޢަތް ތަންފީޒު ކުރުމުންނެވެ. އެމެރިކާއާއި، އިނގިރޭސިންނާއި ފަރަންސޭސީންގެ މަޝްވަރާއިން މުސްލިމުންނަށް ލިބޭނެ އެއްވެސް މަންފާއެއް ނޯންނާއެވެ. ޙަޤީޤަތުގައި އެމީހުންނަކީ އިސްލާމުދީނުގެ ބޮޑެތި ޢަދުއްވުންނެވެ. އަދި ހަމައެހެންމެ ﷲ ގެ ވަޢުދު ހަމަ ޔަޤީނުން ވެސް ދޮގެއް ނުވާނެއެވެ. އެއިލާހުގެ ވަޙީއަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެއެވެ. އެއިލާހު މުސްލިމުންނަށް އަންގަވާފައިވަނީ، ކުއްފާރުންގެ މިއްލަތަށް، އެބައިމީހުންގެ ދީނަށް މުސްލިމުން ރުޖޫޢަވެއްޖައުމަށް ދާންދެން އެކުއްފާރުން އަހަރެމެންގެ މައްޗަށް ނުރުހޭނެ ކަމަށެވެ. އެހެންކަމުން އެމީހުންގެ ރުހުން ހޯދުމަށްޓަކައި އަހަރެމެންގެ ލޮބޮވެތި ދީން ދޫކޮށްލަން ތިޔައިގެ ތެރެއިން ހަމަ އެކަކުވެސް ބޭނުންފުޅެއް ނުވާނެއެވެ. ސިޔާސީ ވާދަވެރިކަމާއި ސިޔާސީ ދޮގުތަކާއި ސިޔާސީ ކެހިވެރިކަމާއި، ރިޝްވަތާއި ވައްކަން ކުރުމަކީ ﷲ ތަޢާލާގެ އެންމެ އިންޞާފުވެރި ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހުގައި އަމިއްލަ ނުކުޅެދޭ ވަޟަޢީ ޤާނުންތަކަށް ކިޔަމަންވުމުގެ ސަބަބުން ނިކުންނަ ހިތާމަވެރި ނަތީޖާތަކެވެ. ޣާފިލްކަމުގެ ނިދިން ހޭލާ ޑިމޮކްރަސީގެ ނުކުޅެދޭ ނިޒާމްގައި ކޮޅުފައިން ޖެހުމަށްފަހު، ﷲ ޝަރީޢަތައް ނަޞްރު ދިނުމުގެ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި ސުލްޙަ މަޞްލަޙަތާއި އަމަން އަމާންކަން ވަނީ 7 އުޑު މަތިން ﷲ ބާއްވާއްލެއްވި މަތިވެރި ނިޒާމްގައެވެ.


Read more...