Sunday 5 December 2010

ޔަހޫދީންނާބެހޭ ވަރަށް ބިރުވެރި ވާހަކަތަކެއް ހާމަކޮށްފި

ޢަދާލަތު ޕާޓީ
ޒަޔަނިސްޓް ޔަހޫދީ ޖަމްޢިއްޔާ އެއްކަމުގައިވާ "އައި ފްރޮމް ޒިއޮން" ގެ މެޑިކަލް ޓީމެއް ރާއްޖެ ގެނައުމާއި ބެހޭ:
الحمد لله رب العالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، ومن تبعهم بإحسان إلى يوم الدين.
އައި.ޖީ.އެމް.އެޗް، އައްޑު އަތޮޅު އަދި ގދ. އަތޮޅުގައި ބަލިމީހުން ބަލައި އަދި އޮޕަރޭޝަން ކުރުމަށްޓަކައި އިސްރާއީލުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ސަރުކާރުގެ ފަރާތުން ރާއްޖެ ގެންނަން ވަނީ ހަމަޖައްސާފައެވެ.
މި ޓީމަށް ދައްކަވާ ލޮބުވެތި ރައްޔިތުންނަށް ޚާއްޞަކޮށް، އަދި ހުރިހާ ދިވެހި ރައްޔިތުންނަށް ޢާންމު ކޮށް އެނގެންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ޑިމޮކްރަސީ އާއި މަޢުލޫމާތުގެ މިނިވަންކަމުގެ ޒަމާނުގައި މިފަދަ ކަންތައް އެނގުމަކީ ބަލިމީހުންނާއި އަދި ރައްޔިތުންގެ ޙައްޤެކެވެ.
1. ޒަޔަނިސްޓު ޔަހޫދީންނަކީ މުސްލިމުންގެ އެންމެ މުޤައްދަސް އެއްބިން އެތަނެއްގައި ހިމެނޭ ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތާގެ ޙަޤީޤީ ވަޒަންވެރިން އެތަނުން ފައްސާލައި ދުނިޔޭގެ އެކިއެކި ތަންތާގައި ރެފިއުޖީންނަށް ހަދައި، ދިގުދެމިގެންވާ، ލާއިންސާނީ ޤަތުލުޢާންމެއް މުސްލިމުންނާއި ދެކޮޅަށް މިހާރުވެސް ހިންގަމުން ގެންދާ އަނިޔާވެރި ނުބައި ބައެކެވެ. އެއީ ފަލަސްޠީނު މީހުންގެ ގެތައް ކޮންމެ ދުވަހަކުހެން ބުލްޑޯޒަރު ތަކުން ސުންނާފަތިކޮށް، އެއްވެސް ޙައްގަކާއި ނުލައި މުސްލިމް ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންނާއި، މުސްކުޅީން މަރަމުން ގެންދާ ބައެކެވެ. މިއީ ކެނޑިނޭޅި އަޅުގަނޑުމެންނަށް ޚަބަރު ތަކުން ފެންނަމުންދާ ޙަޤީޤަތެކެވެ. އިސްރާއީލަކީ އެމީހުން ކުރާ ކަމެއްގައި އެއްވެސް ބަޔަކަށް ޖެހިލުމެއް ނުވާ ދައުލަތެކެވެ. ބައިނަލް އަޤުވާމީ މުޖުތަމަޢާއި އިންސާނީ ޙައްޤުތަކަށް ގޮންޖަހަމުން ގެންދާ "އައުޓްލޯ" ދައުލަތެކެވެ. އެއީ އެ ދައުލަތަކާއި ދެކޮޅަށް އދ. އިން އެންމެ ގިނަ ގަރާރު ތައް ފާސް ކޮށްފައިވާ ދައުލަތްވެސްމެއެވެ.
2. ޒަޔަނިސްޓު ޔަހޫދީންނަކީ ލާއިންސާނީ ޢަމަލުތައް ހިންގުމުގައި ނަންހިގާފައިވާ ބައެކެވެ. އިސްރާއީލުގެ ސިފައިންގެ ބާރު ނުވަތަ އިސްރާއީލީ ޑިފެންސް ފޯރސް (އައި.ޑީ.އެފް) އަކީ ދުނިޔޭގައި އޮތް އެންމެ ލާއިންސާނީ ސިފައިންގެ ބާރެވެ. ހަމަމިފަދައިން އިސްރާއީލުގެ ޖާސޫސީ އިދާރާ (މޮސާދް) އަކީ ވެސް ދުނިޔޭގައި ނުބައި ނުލަފާ ކަމަށް މަޝްހޫރު ވެފައިވާ މުއައްސަސާ އެކެވެ. އިސްރާއީލުގެ ޑޮކްޓަރުންނަކީވެސް މީގެ ތެރޭން އިސްތިސްނާވާ ބައެއް ނޫނެވެ. އިސްރާއީލުގެ ޑޮކްޓަރުންނަކީވެސް މިލިޓަރީ ޓްރެއިނިންގ ހަދާފައިވާ ބައެކެވެ. އިސްރާއީލުގެ ސިފައިން ޝަހީދު ކޮށްލާފައިވާ ފަލަސްޠީނީންގެ އެތައް ބައެއްގެ އެކިއެކި ގުނަވަންތައް އެމީހުންގެ ޑޮކްޓަރުން ވަގަށް ނަގާކަމުގެ ވާހަކަ ތަކަކީ ތޯތޯ ވާހަކަ ތަކެއް ނޫނެވެ. މިކަމަކީ ޚުދު އެމީހުން އެއްބަސް ވެފައިވާ ކަމެކެވެ. އޮސްޓރޭލިއާގެ އެންމެ މަޝްހޫރު އެއް ނޫސް ކަމުގައިވާ 'ދަ ޑެއިލީ ޓެލެގްރާފް' ގައި 21 ޑިސެމްބަރ 2009 ގައި އައިސްފައިވާ ރިޕޯރޓެއްގެ ސުރުޚީގައި ވަނީ:
(“Israeli army admits stealing organs”) - "މީހުންގެ ހަށިގަނޑުގެ ބައިތައް ވަގަށް ނަގާ ކަމަށް އިސްރާއީލުގެެ ސިފައިން އެއްބަސްވޭ" މިހެންނެވެ. މިރިޕޯރޓްގައިވާ ގޮތުން އިސްރައީލުގެ އަބޫކަބީރު ކިޔާ ފޮރެންސިކް އިންސްޓިޓިއުޓް ގެ ޑޮކްޓަރުން އިންސާނުންގެ ހަށިތަކުގެ އެކި އެކި ބައިތައް ވަގަށްނަގަމުން އަންނަތާ އެތައް ޒަމާނެއް ވެއްޖެއެވެ. އެމީހުން ވަގަށް ނަގާ ބައިތަކުގެ ތެރޭގައި ލޮލުގެ ކޯރނިއާ، ބުރަކަށީގެ ހަން، ހިތުގެ ވޭލްވް ތައް އަދި ދިގު ކަށި ތައް ހިމެނެއެވެ. އެއީ މިތަކެތި ޔަހޫދީންގެ ބަލިމީހުންގެ ހަށިތަކުގައި ބޭނުން ކުރުމަށެވެ. އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯރނިއާ (ބާރކްލޭ)ގެ ޕްރޮފެސަރ އޮފް އެންތްރޮޕޮލޮޖީ، ނެންސީ ޝެޕާރޑް ހިއުސް 2000ވަނަ އަހަރު މަތީގައި ބަޔާން ކުރެވުނު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކުރި އިންޓަރވިއު އެއް ވަނީ ޚުދު އިސްރާއީލުގެ ޓީވީގެ ޗެނެލް 2 އިން ދައްކާފައެވެ. އެއިންޓަރވިއުގައި އެތާގެ އިސްމީހަކަށް ހުރި ޑރ. ޖެހުޑާ ހިސް ބުނެފައިވާގޮތުގައި، ހަށިގަނޑުގެ އެކިއެކި ބައިތައް ވަގަށް ނެގުމަކީ އެމީހުން ޢާންމުކޮށް ކުރާ ކަމެކެވެ. އަދި ލޮލުގެ ކޯރނިއާ ތައް ނެގުމަށް ފަހު އެމީހުން ހަދާގޮތަކީ (“We’d glue the eyelid shut”) "ލޯ ނުހުޅުވޭ ގޮތަށް ތެރަސް އަޅާ ތަތްކޮށްލަނީ" ކަމުގައިވެސް ބުނެފައި ވެއެވެ. މިވަޙުޝީ، އަދި ލާއިސްނާނީ ޢަމަލު ފެންމަތިވެ، ދުނިޔޭގެ މީޑިއާގެ ސަމާލު ކަމަށް އައިސްފައިވީ ނަމަވެސް، އެ އިންސްޓިޓިއުޓްގެ ވެރިޔަކަށް އަދިވެސްހުރީ ހަމަ މި ޑރ. ޔެހުޑާ ހިސް އެވެ! މި ޢަމަލާއިމެދު އެމީހުން މާފަށް ނޭދޭނޭ ކަމުގައި އިސްރާއީލުގެ ސަރުކާރުން ވަނީ ބުނެފައެވެ.
3. ސްވިޑްން ގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ 'އަފްޓޮންބްލާޑެޓް' ގައި 17 އޮގަސްޓް 2009 ގައި ހެކިތަކާއިއެކު ލިޔެފައިވާ ރިޕޯރޓެެއްގެ ސުރުޚީގައިވަނީ "ގުނަވަންތައް ނެގުމަށްޓަކައި ޔަހޫދީ ސިފައިން ފަލަސްޠީނު މީހުން މަރާ" ކަމުގައެވެ. މިގޮތުން އެމީހުން ބޭނުންވާ އެކިއެކި ސިފަތައް ހުރި މުސްލިމުން ބަލާ ފާހަގަ ކޮށް އެމީހުން ހައްޔަރުކޮށް ނުވަތަ ބަޑިޖަހައި މަރާލައިގެން ގެންގޮސް ޔަހޫދީ ޑޮކްޓަރުން އެމީހުން ފަޅައި އެކިއެކި ގުނަވަން ތައް ނަގަމުން ގެންދާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާ ތަކުން މަރާލާފައިވާ ނުވަތަ ހައްޔަރު ކޮށްގެން ގެންދާ އިންތިފާޟާގެ ޒުވާން ފަލަސްޠީނީންގެ ހަށިތައް ވަޅުލުމަށްޓަކައި ޢާއިލާޔާއި ޙަވާލު ކުރާއިރު އެމީހުންގެ މެއާއި ބަނޑު ފަޅައި އަދި ލޮލުގެ ކޯރނިއާ ތައް ފަދަ ތަންތަން ވަގަށް ނަގާފައިވާ ކަމުގައި ރިޕޯރޓްގައި ވެއެވެ. އެ ރިޕޯރޓްގައި ވާ ގޮތުން މިގޮތަށް ވަގަށްނަގާ ބައިތައް އެމީހުން ޔަހޫދީންގެ ބޭނުމަށް ނުވަތަ ބައިނަލް އަގުވާމީ ގުނަވަންތަކުގެ ކަޅުބާޒާރަށް ވިއްކަނީއެވެ! މި ރިޕޯރޓް ޝާޢިޢު ކުރުމާއި އެކު އިސްރާއީލު ސަރުކާރު ވަރަށް ރުޅިއައެވެ. އަދި ސްވިޑްންގެ ޚާރިޖީ ވަޒީރު އެހަފްތާގައި އިސްރާއީލަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުވެސް ކެންސަލް ކުރިއެވެ. އަދި އެއީ "އެންޓި ސެމެޓިކް" (ޔަހޫދީންނާއި އިދިކޮޅު) ބަޔާނެއް ކަމުގައި ބުންޏެވެ.
4. އަޅުގަނޑުމެން މި ބަޔާން ނެރުމުގެ ބޭނުމަކީ ރާއްޖެއަށް އަންނަ މިފަދަ ޓީމަކުން ދިވެހީންގެ ގުނަވަންތަކެއް ވަގަށް ނަގައިގެން ގެންގޮސްފާނެއޭ ބުނުމެއް ނޫނެވެ. ނަމަވެސް ބޭނުމަކީ އިސްރާއީލުގެ ޑޮކްޓަރުންނަކީ ހަމަ މިދެންނެވި ވަޙުޝީ ޢަމަލު ފަލަސްޠީނުގެ އަޅުގަނޑުމެންގެ ލޯބިވާ އަޚުންނާއި އުޚުތުންގެ މައްޗަށް ހިންގާ ބައެއްކަމުގައި ބައިނަލް އަގްވާމީ އިތުބާރު ހުރި މީޑިއާގައި ހާމަކުރެވިފައިވާ ބައެއްކަން ހަދާންކޮށް ދިނުމެވެ.
5. ރާއްޖެއަށް ގެންނަން މިއުޅޭ މެޑިކަލް ޓީމާއިބެހޭގޮތުން ވަރަށް މުޢުތަބަރު ގޮތަކަށް އަޅުގަނޑުމެނަށް އެގިފައިވާ ގޮތުގައި:
ހ. މި ކޭމްޕަށް ޚަރަދު ކުރަނީ ޔަހޫދީންގެ ބާރު ދުނިޔޭގެ އެކި ހިސާބު ތަކުގައި ފެތުރުމަށްޓަކައި އެމެރިކާގައި އުފައްދާފައިވާ މަޝްހޫރު ޖަމާޢަތެއް ކަމުގައިވާ އެމެރިކަން ޖުވިޝް ޖޮއިންޓް ޑިސްޓްރިބިއުޝަން ކޮމެޓީ (ޖޭ.ޑީ.ސީ) އިންނެވެ.
ށ. މި އައި ކޭމްޕްގައި އަންނަނީ ހަމަ ސީދާ ޒަޔަނިސްޓް ޖަމްޢިއްޔާ އެއް ކަމުގައިވާ “Eye from Zion” - "އައި ފްރޮމް ޒިއޮން" ("ސިހްޔޫން އިން ލޮލެއް") ކިޔާ ޖަމްޢިއްޔާއެއްގެ ބައެކެވެ. މިއީ އެއްގޮތަކަށްވެސް އާދައިގެ ހޮސްޕިޓަލެއްގެ ޑޮކްޓަރުން ތަކެއް ކަމުގައި ހީނުކުރައްވާށެވެ! މި ޓީމާއި އެކީގައި އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ ބަޔަކު އަންނަކަން ވެސް އަޅުގަނޑުމެންނަށް ވަނީ އެނގިފައެވެ. މިއީވެސް މިދެންނެވި ބަހުގެ އިތުރު ހެއްކެކެވެ. މީގެ ކުރީންވެސް ދުނިޔޭގެ އެކި ގައުމު ތަކުން (މިސާލަކަށް ޖަރުމަނުވިލާތް، އެމެރިކާ އަދި އިންޑިއާ) ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ މެޑިކަލް ޓީމްތައް ރާއްޖެއަށް އާދެއެވެ. އެއީ އަޅުގަނޑުމެން އަބަދުވެސް މަރުޙަބާ ކިޔާނޭ ކަމެކެވެ. ނަމަވެސް މިއީ އެފަދަ ކަމެއް ނޫނެވެ.
ނ. އިސްރާއީލް ސަރުކާރާއި އެކީގައި ދިވެހި ސަރުކާރުން ޢާންމުކޮށް ހާމަ ނުކުރާ ސިއްރު ގުޅުން ތަކެއް ހިންގާކަމުގައި ކުރެވޭ ތުހުމަތު ތަކަކީ ދިވެހި ރައްޔަތުން މިއަދު ކަންބޮޑުވާން ޖެހޭ ކަމެކެވެ. ޖޯޑަން މަގުން ސަރުކާރުގެ އިސް ބައެއް ބޭފުޅުން އިސްރާއީލަށް ސިއްރު ދަތުރުތައް ކުރައްވާ ކަމަށް ދެކެވޭ ވާހަކަ ތަކުގެ ޙަގީގަތަކީ ކޮބައި ބާވައެވެ؟ އިސްރާއީލު ސަރުކާރުން މިއަހަރު ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ފްލޯޓިންގ އެމްބިއުލަންސްއެއް ދީފައިވާކަމަށް އެނގިފައި ވެއެވެ. އައި.ޖީ.އެމް.އެޗަށް އާ އެކްސްރޭ މެޝިނެއް ލިބުނަސް ވަގުތުން މީޑިއާގެ ސަމާލު ކަމަށް އެކަމެއް ގެންނަވާއިރު، މިއެމްބިއުލެންސް ދިން ވާހަކައެއް އެގޮތަށް ހާމަ ކޮށްފައެއް ނުވެއެވެ. އަދި މި ފޮލޯޓިންގ އެމްބިއުލާންސް މިހާރު ވަނީ ދެކުނުގެ އަތޮޅެއްގެ ރަށެއްގެ ބޭރުގައި އަޅާފައި ކަމުގައި އެނގިފައި ވެއެވެ.

މެންދުރުގެ އިރު ފަދައިން އެނގޭ ކަމަކީ ޒަޔަނިސްޓު ޔަހޫދީންނަކީ ދުވަހަކުވެސް މުސްލިމުންނަށް ނުވަތަ މުސްލިމް ގައުމަކަށް ހެވެއް އެދޭނެ ބައެއް ނޫންކަމެވެ. ސައްތައިން ސައްތަ މުސްލިމް ދިވެހި ރާއްޖެއަށް ޒަޔަނިސްޓުން މާބޮޑު ލޯތްބެއް ޖެހިގެން ހިލޭސާބަހަށް އެހީވާން ބޭނުންވެދާނެ ކަމީ ބުއްދި ގަބޫލު ކުރާކަމެއް ނޫނެވެ! އެމީހުންގެ އަތުން ޚިދުމަތެއް ލިބުނަސް ނުވަތަ އެއްޗެއް ލިބުނަސް އޭގެ ފަހަތުގައި އެމީހުންގެ ނުސިޔާނު އެދުމަކާއި ޝަރުޠު ތަކެއް ފޮރުވިފައި އޮންނާނޭ ކަން ޔަގީނެވެ. މިއަދު ޑޮކްޓަރުންގެ ޓީމެކެވެ. މާދަމާ އިސްރާއީލުގެ ފްލައިޓް ތަކެވެ. ދެން އަންނާނީ އިސްރާއީލުގެ ޓީޗަރުންނާއި، ޓެކްނީޝިއަނުންނާއި އެޑްވައިޒަރުންނެވެ. ޒަޔަނިސްޓު ދައުލަތާއި އެކު ގުޅުން ބަދަހި ކުރަން ފެށިފަހުން ރާއްޖޭގެ ތަޢުލީމީ މަންހަޖު ބަދަލުކޮށް އިސްލާމީ ތަޢުލީމުގެ ދައުރު ފަނޑުކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ މީގެ ކުރީންވެސް އެތައް ފަހަރެއްގެ މަތީން އަޅުގަނޑުމެން، ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްދީފައިވާ ކަމެކެވެ. ޢަރަބި އިސްލާމީ ތަޢުލީމްދޭ މުއައްސަސާތައް އިހުމާލު ކުރުމާއި، މަތީ ސާނަވީގައި އިސްލާމް ދިވެހި ދެ މާއްދާ އިޚުތިޔާރީ ކުރުމަށް ރޭވުން އަދި ރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތް ކުރުމަށްޓަކައި އެކިއެކި ބައިނަލް އަގުވާމީ މުއާޙަދާ ތަކުގައި ބަހައްޓާފައި ހުރި ރިޒަރވޭޝަން ތައް ނެގުމަށް މަސައްކަތް ކުރުންފަދަ ކަންކަމަކީ ގުޅުމެއްނެތް ވަކިވަކި ކަންތައްތަކެއް ކަމުގައި މިއަދު ބެލެވޭކަށް ނެތެވެ. އަދި މިކަންތަކަކީ އަޑުއިވެމުންމިދާ "ބޮޑުމަންޒަރު"ގެ ތެރޭގައި ހިމެނޭ ކަންތައް ބާވައެވެ؟
ލޮބުވެތި ދިވެހި މުސްލިމް މުވާޠިނުންނޭވެ! ޔަހޫދީ ޒަޔަނިސްޓުން މުސްލިމް ދިވެހި ގައުމުގެ ތެރެއަށް ފުރޭނިގެން މިދާ ދިއުމާއި މެދު ހޭއަރައި ތިއްބަވާށެވެ! އަޅުގަނޑުމެންގެ ތެރޭގައިތިބި އެމީހުންގެ ޕްލޭންތަކަށް މަގުފަހިކޮށްދޭ އެޖެންޓުންނާއިމެދުވެސް ފަރުވާތެރިވެލައްވާށެވެ! އަދި ދަންނަވަމެވެ. ރާއްޖޭގެ އިސްލާމް ދީން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ހަމައެކަނި ޢަދާލަތު ޕާޓީގެ މަސްއޫލިއްޔަތެއް ނޫނެވެ. އެއީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ވާޖިބެކެވެ. ވީމާ މިކަމާއިމެދު ވަރަށް ފަރުވާތެރިވެ ތިއްބެވުމަށް ހުރިހައި ސިޔާސީ ޕާރޓީ ތަކަށާއި ރާއްޖޭގެ މީޑިއާ އަށާއި އަދި އެންމެހައި ދިވެހި ރައްޔިތުންނަށް ގޮވާލައި ނަސޭޙަތްތެރިވަމެވެ.

والحمد لله
27 ޛުލްޙިއްޖާ 1431 ހ.
03 ޑިސެމްބަރ 2010 މ.

No comments:

Post a Comment