Saturday, 23 October 2010

ފިޤުހީ މަޛްހަބްތައް

ޖަންނަތު ސަޢީދު
އިސްލާމީ ޝަރީޢަތް އުފެދިގެން އައުމުގައި ތަރައްޤީގެ މަރްޙަލާއެއް ކަނޑައްތުކޮށްފައި ވެއެވެ. އެ މަރްޙަލާގައި ، ފިޤްހު ޢިލުގައި ވަރަށް ފުންނާބު އުސް އެތަކެއް ބޭކަލުންނެއް ވަނީ ފާޅުވެގެން ގޮސްފައެވެ. އިމާމުންނާއި ބޮޑެތި ފިޤްހު ޢިލްވެރިންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ. އިސްލާމީ ތަޝްރީޢު ފުޅާވެ ފުރިހަމަވުމުގައި މި ދެންނެވި ޢިލްމުވެރިން ވަނީ ވަރަށް ފާޅުކަންބޮޑު ދައުރެއް އަދާކޮށްފައެވެ.
އެ މަރްޙަލާގައި ތެރޭގައި 13 ފިޤްހު ޢިލްމުވެރިން އުފަންވިއެވެ. އަދި އެބޭފުޅުންގެ މަޛްހަބުތައް އެކަށައެޅި ، ލިޔެވި ، އެ ރައުޔުތަކަށް ތަބާ ވެވުނެވެ. އެހެންކަމުން އިސްލާމީ މުޖްތަޢު ، މި ބޭކަލުން އިމާމުންތަކެއް ކަމުގައި ބަލައިގަތެވެ. އަދި އެއީ މީސްތަކުންނަށް ނަމޫނާތަކެއްކަމުގައި ވިއެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް މި ބޭކަލުން ފެތުރިވަޑައިގަތެވެ. މައްކާގައި ސުފްޔާން ބުނު ޢުޔައިނާ އެވެ.
މަދީނާގައި މާލިކް ބުނު އަނަސް އެވެ. ބަޞްރާގައި ޙަސަނުލް ބަޞްރީއެވެ. ކޫފާގައި އަބޫ ޙަނީފާ އާއި ސުފްޔާން އައްޡައުރީއެވެ. ޝާމްގައި އައުޒާޢީ ހުންނެވި އިރު މިޞްރުގައި ޝާފިޢީގެ ފާނު ހުންނެވި އެވެ. އަދި މީގެ އިތުރުން ލައިޡް ބުނު ސަޢުދު ވެސް ހުންނެވީ މިޞްރުގައެވެ. އަދި ނައިސާބޫރުގައި އިސްޙާޤުބުނު ރާހަވިޔަހް ، ބަޣްދާދުގައި އަބޫ ޡައުރު ، އަޙްމަދު ބުނު ޙަންބަލް ، ދާވޫދު އައްޘާހިރީ އަދި އިބްނު ޖަރީރު އައްޠަބަރީ އުފެދިގެން ދިޔައެވެ.
އިސްވެ ދެންނެވުނު ފަދައިން ، މި ބޭފުޅުން ފާޅުވެގެން ދިޔުމާއި ގުޅިގެން ފިޤްހީ އެތަކެއް މަޛްހަބުތަކެއް އުފެދި ، އެ މަޛްހަބުތައް ، އެ މަޛްހަބުތައް އުފެއްދެވި ބޭބޭފުޅުންނަށް ނިސްބަތްކުރެވިގެން ދިޔައެވެ. އަދި މަޛްހަބުތަކުގައި އެބޭފުޅުން އިޖްތިހާދުކުރެއްވި ދާއިރާތަކާއި ، އިސްތިންބާޠުކުރެއްވި ގޮތްތަކާއި ، ޙުކުމްތައް ނުވަތަ މައްސަލަތައް ބައިބަޔަށް ބައްސަވާލެއްވި ގޮތުގެ ޢާންމު ޤަވާޢިދުތައް ހިމެނިގެން ދިޔައެވެ.
ޙަޤީޤަތުގައި ، މި ދެންނެވި މަޛްހަބުތައް ގިނަވެގެން ދޔުމަކީ އިސްލާމީ ތަޝްރީޢު އެކިބައިތަކަކަށް ބެހިގެން ނުވަތަ ބައިބައި ވެގެން ދިޔުން ، ނުވަތަ އިސްލާމްދީނާއި ގުޅުމެއްނުވާ އާ ކަންތައްތަކެއް އުފެދިގެންދިޔުމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއިން ކޮނމެ ބަހަކީ ވެސް ހަމަ ދީނުގެ ބަހެވެ. އެހެނީ އެއިން ކޮންމެ ބުނުމެއް ނުވަތަ ރައުޔެއްވެސް ބިިނާވެފައި އޮތީ އެޔަށް ބާރުދޭ ދަލީލުތަކެއްގެ މައްޗަށެވެ. އަދި ހަމައެފައިން އެއީ އިސްލާމީ ޝަރީޢާ ފަހުމްވުމާއި އޭގެ މަޤްޞަދުތައް ދެނެގަތުމުގެ އަޞްލު މަންހަޖުތަކެއް ކަމުގައި ވެގެން ދިޔައެވެ. އެހެނެކަމުން އެއީ ނައްޞުތައް ތަފްސީރުކުރުމުގެ ޙަޤީޤީ އުސްލޫބުތަކާއި އޭގެ ރޫޙު ފާޅުވެގެން ދިޔުމުގެ ވެސް އަޞްލު ކަމުގައި ދެންނެވިދާނެއެވެ.
ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުން ، މިއަދާއި ހަމަޔަށް ވެސް މީގެތެރެއިން ބައެއް މަޛްހަބުތަކަށް ތަބާވެވި ، އެ މަޛްހަބުތައް ދެމިއޮތުމަށް އެކަލާނގެ ވަނީ އިރާދަކުރައްވާފައެވެ. އަދި އޭގެތެރެއިން ބައެއް މަޛްހަބުތައް ދެމިއޮތުމަށާއި ، ފެތުރިގެން ދިއުމަށް ބޭނުންވާ ސިފަތަކުން އެކަހެރިވެފައި ވާތީ އާއި ، އެޔަށް ތަބާވާނެ މާގިނަ ބަޔަކު ނެތުމުގެ ސަބަބުން އެހާ ފާޅުވެގެން ނުދިޔައެވެ. އަދި އޭގެ ރައުޔުތައް ވެސް ޚިލާފީ މައްސަލަތަކުގެ ތެރެއިން ނޫނީ ފާޅުވެ ، ފެންނާކަށް ނެތެވެ.
އިސްލާމީ ތަޝްރީޢު ފާޅުވެގެން ދިޔުމުގައި މިހާ ފާޅުކަންބޮޑު އަދި އެހާމެ އަސަރުގަދަ އެއްޗެއްކަމުގައި މިދެންނެވި މަޛްހަބުތަކުގެ ދައުރު ވަނީ ވެގެންގޮސްފައެވެ. އެހެންކަމުން އެ މަޛްހަބުތަކުގެ ތެރެއިން މިއަދާއި ހަމަޔަށް އުވިގެން ނުގޮސް ބާކީ ހުރި މަޛްހަބުތަކާއި މެދު އަލިއަޅުވާލުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ. އެހެނީ އެމަޛްހަބުތަކަކީ އޭގެ މަންހަޖުތަކުގެ ވަށައިގެން އެތަކެއް ބަޔަކު ހިނގަމުންގެންދާ މަޛްހަބުތަކެއް ކަމުގައި ވާތީއެވެ.

1 comment:

  1. i hate mazhab it make this dheen weak so there is no mazhab for me there is only dheen and it the dheen of peace ISLAM dheen hop u gys understand this soon or later

    ReplyDelete