Saturday 7 November 2009

ޖޯރޭގެ ސިޔާސީކޮޓަރި... ހިއުމަން ރައިޓްސްގެ ރާޑަރަށް އަރައި، އިސްލާމިކް މިނިސްޓްރީގެ ރާޑަރަށް ނޭރި "ޖާރިޔާ" އަކީ ކާކު؟

ޖޯރޭގެ ސިޔާސީކޮޓަރި... ހިއުމަން ރައިޓްސްގެ ރާޑަރަށް އަރައި، އިސްލާމިކް މިނިސްޓްރީގެ ރާޑަރަށް ނޭރި "ޖާރިޔާ" އަކީ ކާކު؟
މިއަދުނޫސް - ޖައުފަރު ރަޝީދު
އަޅުގަނޑުމެން ތިބޭފުޅުންނަށް ކަށަވަރުކޮށް ޔަގީންކަމާއެކު ދަންނަވަން ބޭނުންވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް މިހާރު ކަށަވަރޭ، ޔަގީނޭ، އެއީ ހިނގާފައި އޮތް ކަމެކޭ. ޖާރިއާއެއްގެ ނަމުގައި 18 އަހަރުން ދަށުގެ ކުއްޖަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގޮސް އައިޖީއެމްއެޗު ހޮސްޕިޓަލުގައި އޭނަ ބަލިވެ އިންތޯ ބެލުމަށް އައިޖީއެމްއެޗު ހޮސްޕިޓަލުން ޓެސްޓުވެސް ވަނީ ހަދާފައި. އެޓެސްޓު ޕޮޒިޓިވް ވެސްވި" މިއީ މިމަހުގެ 4 ވަނަ ދުވަހު ދަރުބާރުގޭ ފަންސަވީސް މާލަމުގައި އޮތް ނިއުސްކޮންފަރެންސެއްގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު ޒާހިދު ވިދާޅުވި ވާހަކަފުޅެކެވެ.

ޓީވީމޯލްޑިވްސްއިން ވަގުތުން ދައްކަމުންދިޔަ އެނިއުސްކޮންފަރެންސްގައި ޒާހިދު ވިދާޅުވީ ރާއްޖޭގައި " ޖާރިޔާއެއް" އުޅޭކަމަށް ދެކެވޭ ވާހަކައަކީ " ތޯތޯ" ވާހަކައެއް ނޫން ކަމަށެވެ. އަމިއްލަ މީހަކު ހިންގާ ބްލޮގެއްގައި އެވާހަކަ ޖަހައިގެން މީހުންގެ ސަމާލުކަމަށް އައުމުން ހިއުމަން ރައިޓްސް ކޮމިޝަނުން އެކަން ބެއްލެވުމަށް ފަހު އެކޮމިޝަނުގެ ނައިބް ރައީސް ވިދާޅުވެފައި ވަނީ " ޖާރިޔާއެއްގެ ނަމުގައި" އައިޖީއެމްއެޗަށް ގޮސް 18 އަހަރު ނުވާ އަންހެން ކުއްޖަކު ބަނޑުބޮޑުތޯ ޓެސްޓު ހެދިކަމަށެވެ.


ހިއުމަން ރައިޓްސް ކޮމިޝަނުން މިވާހަކަ ގައުމީ ފެންވަރުގައި ބޮޑު މައްސަލައަކަށް ހަދައިގެން ވާހަކަ ދައްކަމުންދާއިރު އިސްލާމިކް މިނިސްޓްރީން ބުނަމުންދަނީ އެވާހަކަ ދެކެވޭތީ އެމިނިސްޓްރީންވެސް ވަރަށްބޮޑަށް އެކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ އެއްވެސް ރާޑަރަކަށް ހިއުމަން ރައިޓްސްއިން އެބުނާ ކަހަލަ ޖާރިޔާއެއް އަރާފައި ނެތް ކަމަށް އެމިނިސްޓްރީން ބުނެއެވެ. ނަމަވެސް ހިއުމަން ރައިޓްސްގެ ރާޑަރަށް އެބުނާ ޖާރިޔާއަކު އެބައަރައެވެ. އެހެންވެ މިހާރު އެބުނާ ޖާރިޔާވެސް މިވަނީ "ސިޔާސީ ޖާރިޔާ" އަކަށް ބަދަލުވެފައެވެ. ސިޔާސީ ވެއްޓަކަށް ޖާރިޔާ އައުމުން މިއަދު " ޖާރިޔާ" ވަރަށް މަޝްހޫރު ވެއްޖެއެވެ. ނަމަވެސް އެބުނާ " ޖާރިޔާ" އަތުގައި ޖެހުނު ކަމަކަށް ނުވެއެވެ. އައިޖީއެމްއެޗަށް " ޖާރިޔާ" ދިޔަކަމަށް ބުނެއެވެ. ޑޮކްޓަރަށްވެސް " ޖާރިޔާ" ދެއްކި ކަމަށް ބުނެއެވެ. އަދި އެކުއްޖާ ގޮވައިގެންދިޔަ އަންހެން މީހާ ކައިރީގައި އެއީ ކާކުތޯ ޑޮކްޓަރު ސުވާލު ކުރުމުން އެއީ " ޖާރިޔާ" ކަމުގައި އެއަންހެން މީހާ ބުނި ކަމަށްވެސް އެބަކިޔައެވެ. ނަމަވެސް " ޖާރިޔާ" އުޅެނީ ކޮންގެޔަކު ކަމެއް އަދި އެއީ ކާކުކަމެއް އަދިވެސް އެއްވެސް ފަރާތަކަށް ބުނެއެއް ނުދެވެއެވެ. ހިއުމަން ރައިޓްސްއިން އެބުނާ ކަހަލަ " ޖާރިޔާއެއް" ރާއްޖޭގައި އުޅެންޏާ އެއީ ދީނީ ފިކުރަކުން ބެލިޔަސް މައްސަލައެއް ކަމަށް ދަންނަބޭކަލުން ވިދާޅުވާތީ އަޑު އެހީމެވެ. އެހެންވެ ދަންނަބޭކަލުންވެސް އެއީ ސީރިއަސް މައްސަލައަކަށް ނުބަލައި ދޫކޮށްލާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. އިސްލާމިކް މިނިސްޓްރީގައި ދަންނަބޭކަލުން އެބަތިއްބެވިއެވެ. ހިއުމަން ރައިޓްސްއިން އެބުނާ ކަހަލަ " ޖާރިޔާ" އެއް ގެންގުޅުމަކީ ދީނީ ގޮތުން ހުއްދަ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމިނިސްޓްރީގައި ތިއްބެވި ދަންނަ ބޭކަލުން އަޅުގަނޑު ކައިރީގައިވެސް ވިދާޅުވިއެވެ.

އެހެންކަމުން ސުވާލަކީ ރާއްޖޭގައި އުޅެނީ ކޮންކަހަލަ ޖާރިޔާއެއްތޯއެވެ؟ އަޅުގަނޑުވެސް އެއްބަހެވެ. ރާއްޖޭގައި " ޖާރިޔާއެއް" އުޅެފާނެއެވެ. އެހެން މިދެންނެވީ ސައްދާމް ޙުސައިން މަރުވި ފަހުންވެސް ރާއްޖެއިން "ސައްދާމް ޙުސައިން" އަޅުގަނޑު ދެކެފައިވާތީއެވެ. އެހެންވީމާ ރާއްޖޭގައި " އުސާމާ ބިންލާދިން" ވެސް ނޫޅޭނެކޭ އަޅުގަނޑެއް ނުބުނާނަމެވެ. ފަހަރުގައި އެނަން ކިޔާ މީހަކުވެސް ރާއްޖޭގައި އުޅުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އައިޖީއެމްއެޗަށް އެނަން ކިޔާ މީހަކު ގޮސް ޑޮކްޓަރަށް ދެއްކުމުން " އުސާމާ ބިންލާދީން ރާއްޖޭގައި އެބައުޅެއޭ" ކިޔަންޖެހޭނީ ތަންކޮޅެއް ބަލާލައިގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗެއް ނުބުންޏަސް މިހާރު އެނގޭނެކަން ޔަގީނެވެ. ނަމަވެސް ހިއުމަންރައިޓްސްއިން އެބުނާ ކަހަލަ " ޖާރިޔާއެއް" ރާއްޖޭގައި ނޫޅެއެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ. ފަހަރުގައި ހަމަ އުޅުމަކީވެސް ވެދާނެ ކަމެކެވެ. ހަމަ އެގޮތަށް ޑޮކްޓަރަށް ދައްކަންދިޔަ 18 އަހަރު ނުފުރޭ އަންހެން ކުއްޖާއަށް އެކުދިންގެ މައިންބަފައިން ނަން ކީދުވަހު ކިޔާފައި ވަނީ " ޖާރިޔާ" ނޫންކަމެއްވެސް އެނގެނީ ކިހިނެއް ހެއްޔެވެ. ހަގީގަތުގައިވެސް ބަޔެއް އަންހެން ކުދިންނަށް ނަމެއްގެ ގޮތުގައި ޖާރިޔާ ކިޔައި އުޅެއެވެ. ހިއުމަން ރައިޓްސްއިންވެސް އެބުނަނީ "ޖާރިޔާއެއްގެ ނަމުގައި" ކުއްޖަކު ޑޮކްޓަރަށް ދެއްކި ވާހަކައެވެ. އެކުއްޖާއަށް ކިޔަނީ ޖާރިޔާ ކަމަށްވަންޏާ އެހެން ނަމަކު ދެއްކޭނެ ގޮތެއް ނޯންނާނެއެވެ. ތަކުރާރުކޮށްލާނަމެވެ. އެކޮމިޝަނުން އެބުނާ ކަހަލަ ޖާރިޔާއަކު ނޫޅޭކަމަށް އަޅުގަނޑު ވަކާލާތު ކުރަނީކީނޫނެވެ.

އެކިމީހުންވެ ވިސްނުން ތަފާތުވާނެއެވެ. އަޅުގަނޑަށް ގަބޫލުކުރަން އުދަނގޫވާ ކަމެއް އެބައޮތެވެ. ރާއްޖޭގައި ދީނީގޮތުން ހައްދުފަހަނައެޅުން އިންތިހާއަށް މައްޗަށް އަރައިގެން ދިޔަ ދުވަސްވަރެއް އައެވެ. ނަމަވެސް އެކަން މިހާރު ކުޑަކޮށް މައިތިރިވެއްޖެއެވެ. އެކަމަކު ދީނީގޮތުން ހައްދު ފަހަނައަޅައި ގޮސްފައިވާ މީހުންގެ ވާހަކަ ދެކެވެމުން އަންނަނިކޮށް އެބުނާ އަންހެން މީހާ ޑޮކްޓަރު ކައިރީގައި އެއީ "ފިރިމީހާގެ ކަންކަން ބަލަހައްޓަން ގެންގުޅޭ ޖާރިޔާ" ކަމަށް ޑޮކްޓަރު ކައިރީ ބުނާނެ ކަމަށް ގަބޫލުކުރަން އުދަނގުލެވެ. އެހެން ބުނާވަރަށް ވުރެ ޖެހިލުންވާނެއެވެ. އަންހެން މީހާ އާއި އެކުއްޖާއާއެކުގައި ހައްޔަރު ކޮށްފާނެ ކަމަށްވެސް ވިސްނަފާނެއެވެ. އެކަމަކު ގަބޫލު ކުރަމެވެ. އަޅުގަނޑު ގަބޫލުކުރާ ކޮންމެ ގޮތަކީ ހަގީގަތް ކަމަށްވާކަށްވެސް ނުޖެހޭނެއެވެ.

އެންމެ ރަނގަޅެވެ. މިއީ 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރާއްޖޭގައި ނަހަލާލަށް ބަލިވެއިން ފުރަތަމަ ފަހަރުތޯއެވެ؟ ހަމައެކަނި މައްސަލައަކީ ނަހަލާލަށް ބަލިވެއިން އަންހެން ކުއްޖާއަކީ ޖާރިޔާއަކަށް ވުންތޯއެވެ. އެބުނާ ކަހަލަ ޖާރިޔާއަކަށް ނުވެ މިގައުމުގައި 18 އަހަރު ނުފުރޭ ކިތައް އަންހެން ކުދިން ނަހާލަށް ބަލިވެ އިންތޯއެވެ؟ 18 އަހަރު ނުފުރޭ ވަރަށްގިނަ އަންހެން ކުދިން ނަހަލާލަށް ބަލިވެއިން ކަމަށްވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ދާދިފަހުން ބުނެފައި ވެއެވެ. 18 އަހަރު ނުފުރޭ އަންހެން ކުދިން ރާއްޖޭގައި ނަހަލާލަށް ބަލިވެތިބެނީ މިއަދަކު ނޫނެވެ. އެކަން ކުރިޔަށްދާތަން ވަރަށްގިނަ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ ސްކޫލެއްގައި ނަހަލާލަށް ބަލިވެތިބި ބައިވަރު ކުދިން އެބަތިބި ކަމަށް މަޝްހޫރު ޝޭޚެއް ކަމަށްވާ އިލްޔާސް ޙުސައިން ތަންކޮޅެއް ކުރިން ޖަލްސާއެއްގައި ވިދާޅުވި އަޑު އަޅުގަނޑު އެހީމެވެ. އެޚަބަރު އަޅުގަނޑު ލިޔުނީމެވެ. އެކަމަކު އިލްޔާސްގެ އެވާހަކަ ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާލުކަމަށް އޭރު ނައިކަން އެއީ މިއަދު އަޅުގަނޑު ދެރަވާކަމެކެވެ. ހިއުމަން ރައިޓްސްއިން މިއަދު އެބުނާ 18 އަހަރު ނުފުރެނީސް ބަނޑުބޮޑުތޯ ޓެސްޓުހެދި ކުދިންތަކަކީ ޝައިޚް އިލްޔާސް އެދުވަހު އެވިދާޅުވި ރަށުގެ ސްކޫލް ކުދިންތައް ނޫންކަމެއް އެނގެނީ ކިހިނެތްތޯއެވެ. އޭރު އިލްޔާސްގެ އެވާހަކަފުޅު ސަމާލުކަމަށް ނައިސް މިއަދު އެވާހަކަ މިބޮޑުކުރަން ޖެހެނީ އެކުދިން ވިހަން ތަންމައްޗަށް އެރީމަތޯއެވެ؟

އަނެއްކޮޅުން އުފެދޭ ކުޑަކުޑަ ސުވާލެއް އެބައޮތެވެ؟ ހަމައެކަނި މައްސަލައަކީ ޖާރިޔާއެއް ގެންގުޅުން ތޯއެވެ؟ މައްސަލައަކީ 18 އަހަރު ނުފުރެނީސް ނަހަލާލަށް ބަލިވެއިނުންތޯއެވެ؟ 18 އަހަރު ފުރުމުން ޖަޕާނު މަހެއްހެން ނަހަލާލަށް ބަލިވެއިނަސް އެންމެ ރަނގަޅުތޯއެވެ؟ 18 އަހަރު ފުރިފައިވާ މީހުން ނަހަލާލަށް ބަލިވެއިނުން ރާއްޖޭގައި އިންތިހާއަށް މިއަދު މިވަނީ ގިނަވެފައެވެ. އެއީވެސް އިންސާނީ ހައްގުތަކާ ތަންކޮޅެއް ބީރައްޓެހި ކަމަށް މިއަދު ވަނީތޯއެވެ؟ "ރަށްމެދަށް ބަލިވެއިނީމަ" އިރެއްގައި "ނަޖިސްވިޔަސް" މިއަދު އެއީ "ޝަރުވެރި އަންހެނަކަށް" ވަނީތޯއެވެ؟ ޖާރިޔާއެއް ނަހަލާލަށް ބަލިވެއިނަސް ލޯބިވެރިޔަކު ނަހަލާލަށް ބަލިވެއިނަސް ދެމީހުންވެސް ކުރިކަމަކީ ޒިނޭ ކުރުމެވެ. 18 އަހަރު ފުރުނަސް ނުފުރުނަސް ކައިވެންޏެއްނުކޮށް އިންދެ ބަނޑުބޮޑުވާނީ ދެމީހުންވެސް އެއްކަމެއް ކޮށްގެންނެވެ. ދެމީހުންވެސް ކުރާނީ ޒިނޭއެވެ.


ނޯޓު: މިލިޔުން ކިޔާލާފައި މާޅޮހު ނަސީރު ނޫނަސް ލިޔުންތެރިން ތިބިކަން އަހުރެންނަށް އެނގިއްޖެއެވެ.

1 comment:

  1. މި ސައިޓުގަ ހުރި ސައިޑު ލިންކުތަކަށް ބަލާލީމަ ޝައިތާނީ ވެބްސައިޓުގެ ނަން ވެސް ފެނުނު. އެކަމަކު, ދީނީ ވެބްސައޓެއް ކަމަށްވާ
    www.click4islam.com
    ގެ ނަން ޖަހައިފާ ނެތްކަމަށް ފާހަގަކުރެވޭ. އެއީ ކީއްވެގެންތޯއާއިމެދު ސުވާލު އުފެދޭ؟ އެސައިޓު އެނގިނުލައްވަނީތޯ؟ އަޅުގަނޑުގެ ނަޒަރުގަ އެސައިޓުގެ އެޑްރެސް ޝައިތާނީ ވެބްސައިޓު ޖެއްސެވުމަށްވުރެ ހައްޤުކަމަށް ފެނޭ.

    ReplyDelete