Saturday 7 November 2009

މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވޭ.

މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވޭ.

ލިޔުނީ: ދޮންވެލި، މުރާސިލް.ކޮމް

މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި މުނާފިގުންގެ ޢަމަލުތަށް ހުރިގޮތަށް މިއަދު މިރާއްޖޭގައިވެސް މުސްލިމުންގެ ނަމުގައި ތިބިމީހުންގެ ޢަމަލުތަށް ބަދަލުވަމުން އެބަދެއެވެ. ނުވަތަ ބަދަލުވެފައި ވެއެވެ. މިބުނާ 'ޖާރިޔާއިންގެ' މައްސަލައަކީ މިފަދަމީހުން އިސްލާމު ދީނަށް 'ލޯބިކުރާ' މިންވަރު ފާޅުކޮށްދިން އަލާމާތެކެވެ. އިސްލާމު ދީނާއިމެދުގައި މިބައިމީހުންގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ޝުޢޫެރުތަށް ފާޅުވެގެން އަލިގަދަ ހެއްކެކެވެ. އަދި އިސްލާމުދީނުގެ ޢިލްމުން، މިމީހުނަށް އުގެނިފައިވާ މިންވަރުވެސް މިފަދަކަންކަމުން ހާމަކޮށްދެއެވެ.

އަޅުގަނޑު މިދަންނަވަންއުޅެނީ ޖާރިޔާއިންގެ ވާހަކަ ނުލިޔާށެކޭ ނޫނެވެ. އެކަމުގެ ޞައްޙަ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށް ނުދޭށެކޭނޫނެވެ. އަޅުގަނޑު މިދަންނަވަން އުޅޭވާކަހައަކީ 'ޖާރިޔާއޭ' ބުނުމަށްފަހު ވަރަށްގިނަ ލިޔުންތެރިންނަށް ދެން ފެށެނީ ދީނަށް ފުރައްސާރަކުރާށެވެ. ކަމާނުބެހޭ މީހުންގެ ސިފަތަކާ، ލާހެދުމުގެކުލަޔާ، ތުބުޅިއާ ބުރުގާގެ ވާހަކަތަކެވެ. އެފަދަ އަމަލުތަށް ކުރާ މީހުންނަކާ ބެހޭކަމެއްވެސް ނޫނެވެ. މިއީ މިއަދުގެ ބަޔެއް ލިޔުންތެރިން އެމީހުންގެ ފަންނަށް ތަސައްރަފު ނުފުދޭ ކަމުންވާގޮތެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

ދިވެހި ރާއްޖޭގައި ކައިވެނި ކުރުމަކާނުލާ، 'ޖާރިޔާއިންގެ' ނަމުގައި އަންހެން ކުދިންނާއި ނުވަތަ އަންހެނުންނާއި ޖިންސީގުޅުން ހިންގުމަކީ، އެކަމަށް އަޅުގަނޑުވެސް ދެކޮޅުހަދާކަމެކެވެ. އަދި އެފަދަ ކަންތަށް ހުއްޓުވުމަށް ސަރުކާރަށާ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުވެސް ގޮވާލަމެވެ. އެހެން ނަމަވެސް، އެހިސާބަކުން ނިމުނީކީ ނޫނެވެ. ކައިވެނި ކުރުމަކާނުލާ ކޮންމެ ނަމެއްފައިވިއަސް ޖިންސީ ގުޅުން ހިންގުމާއި އަޅުގަނޑު ދެކޮޅުހަދަމެވެ. އެޅުގަނޑުމެން މޭކަރައިގަންނަނީ ޖަރިޔާއިން ކީމައެވެ. 'ގާލްފުރެންޑް ކިޔަސް' އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ 'ބޯއި ފުރެންޑް' ކިޔަސް އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ ހަލާލު އަނބިމީހާގެ އިތުރުން 'ސައިޑް ބިޓެއް' ނުވަތަ 'ސައިޑް ބިޓުންތަކެއް' ގެންގުޅުނަސް އެންމެ ރަގަނޅެވެ. ނުވަތަ އެހެންވެސް ނަމެއްގައި އަނބިމީހާފިޔަވައި އެހެން މީހުނާއި ޒިނޭކުރުމަކީ މިއަދު މައްސަލައަކަށް ނުވެއެވެ. ހިތާމައަކީ އެފަދަ ވާހަކަތަށް ލިޔަން މިދަންނަވާ ލިޔުންތެރިންގެ ގަލަމުގެ ދެއްޔެއްވެސް ނުހިނގައެވެ. މިއީ ޙަޤީޤަތުގައިވެސް ދިވެހިންނަށް ހެޔޮއެދިގެން ލިޔާލިޔުންތެރިންބާވައެވެ؟


ދާދިފަހުން އައި ޖީ އެމް އެޗުން ހާމުކުރި ގޮތުގައި، މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވެއެވެ. 85 އެއީ އައި ޖީ އެމް އެޗަށް ދެއްކު ކުދިންގެ އަދަދެވެ. އެ ހޮސްޕިޓަލުގެ ރެކޯޑްތަކަށްނާރާ މާބަނޑުވެފައިވާ ކިތަށް ކުދިންވާނެ ބާވައެވެ؟ އަދި މިފަދަ ކުރިއަރާފައިވާ ޒަމާނުގައި އެކިކަހަލަ 'ހުރަސް' ބޭނުންކޮށްގެން އެ ފާޙިޝް އަމަލު ހިންގާފައިވާ ކިތަށް މީހުންވާނެ ބާވައެވެ؟ ނަމަވެސް، މިފަދަ ކަންތައްތަތް ބޮޑުކަމަކަށް ވާހެނެއް ހިޔެއް ނުވެއެވެ. އަދި ނިމުނީކީ ނޫނެވެ. މިފަދަ ފާހިޝް އަމަލު ތަކުގެ ނަތީޖާ ކުރިމަގުގައި ވަރަށް ހިތިވާނެ ކަމުގެ ސިގުނަލްތަށްވެސް ވަރައް ސާފުކޮށް އެއަންނަނީ ލިބެމުންނެވެ.

ރާއްޖެތެރޭ ރަށެއްގައި އެއިޑްސް ޖެހިފައިވާ 26 އަހަރުގެ ފިރިހެނަކު ވަނީ ތަފާތު 4 އަންހެން ކުއްޖަކާއެކީގައި ބަދުއަޚްލާޤީ އަމަލު ކޮށްފައެވެ. މީނާ ލޯބީގެގޮތުން ރައްޓެހިވެގެން އުޅުނީ، އަންހެން ކުއްޖާގެ އާއިލާގެވެސް ރުހުމުގައި، ގްރޭޑް 9 ގައި އުޅޭ ކުއްޖަކާއެވެ. އެއަންހެން ކުއްޖާއާއިއެކުގައި ޖިންސީގުޅުން ހިންގާކަމުގައި އަންހެން ކުއްޖާގެ އާއިލާއިް ވަނީ ކަށަވަރު ކޮށްދީފައެވެ. މިދިޔަ އޮގަސްޓް މަހުގައި ފުލުހުން އޭނާ އަތުލައިގަތީ، ފަޅުގެއެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކާ އެކީގައި ބަދުއަޚްލާޤީ އަމަލު ހިންގަން އޮއްވައި ކަމުގައި ވެއެވެ. ނަމަވެސް މިފަދަ ވާހަކަތަށް ލިޔެ، މީހުންގެ ސަމާލުކަމަށް މިކަން ގެނައުމަށް، ދީނާއި ޤައުމަށް 'ލޯބިކުރާ' ލިޔުންތެރިންގެ ގަލަމަކުން ދެއްޔެއް ނުހިގައެވެ.

ލިޔުން ތެރިޔާއެވެ! އަޅުގަނޑުވެސް އެއްބަހެވެ. "މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި ކަންތައް ހުރިގޮތަށް، މިހާރު މިރާއްޖެ މިހިރަދަނީ ބަދަލުވަމުންނެވެ."

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިކަރާގައި އެމީހުނަށް ލިބޭދަރިން، ޚަރަދު ބޮޑުވާތީވެ، އެމީހުން ދިޔައީ މަރަމުންނެވެ. ނުވަތަ ދިރިތިއްބާ ވަޅުލަމުންނެވެ. އިސްލާމްދީން އައުމަށްފަހު އެކަން ޙަރާމްކުރެވުނެވެ. އެހެންނަމަވެސް އެޒަމާނުގެ އަރަބިންނެކޭ އެއްފަދައިން ދިވެހި ރާއްޖޭގައި މިގޮތަށް ޅަކުދިން މަރާލުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ބޯނުކޮށާ، ތުބުޅި ނުބާލާ އަދި ޖަގިޔާ ނުލާވާހަކަ ދެއްކެވި އިރު މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބި ކަރާގައި މަސްތުވާތަކެތި ބޭނުންކުރުމަކީ އާންމުވެފައިވާ ކަމެކެވެ. އެމީހުނަށް ރަލަކީ ހިތިއެއްޗެކެވެ. އެކަން ޚަރާމް ކުރެވުނީ އިސްލާމުދީން އައުމަށް ފަހުގައެވެ. އެހެން ނަމަވެސް އަރަބިންގެ އެނާތަހުޒީބީ ޢަމަލު މިއަދު ދިވެހިން މިވަނީ ތަހުޒީބީ އަމަލަކަށް ހަދައި ކުރަންފަށާފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބި އެންހެނުން ކަޅުހެދުންލާވާހަކައާއި މަސައްކަތްނުކޮށް ގޭގައިތިބޭވާހަކަ ލިޔުއްވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ޒިނޭކުރުމަކީ އާންމު ކަމެކެވެ. އިސްލާމްދީން އައުމަށްފަހު އެކަން މަނާކުރެވުނެވެ. ނަމަވެސް ދިވެހިން މިއަދު މިވަނީ އެކަންވެސް ރީތިކަމަކަށް ހަދާފައެވެ. އެކި ނަންނަމުގައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. 'ޖާރިޔާއިންގެ' ވާހަކަ ލިޔުއްވިއިރު މީހުނާ އިދެގެން އުޅޭ ފިރިހެނުންގެ ނުވަތަ އަންހެނުންގެ 'ސައިޑް ބިޓުންގެ' ވާހަކަ ނުދެއްކެވީ ހަމަ ހަދުމަފުޅު ނެތުނީ ތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރަށްވުރެވެސް މާކުރިން (ލޫތު އަލައިހި ސަލާމްގެ ޒަމާނުގައި)، ފިރިހެނުންނާއި އަންހެނުން އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް 'ފޯރިނަގާފައި' ކުރަމުން އާކަމެކެވެ. ލޫތު އަލަހިސަލާމް އެކަން މަނާކުރެއްވުމުން، އެކަލޭގެފާނަކީ 'ހިއުމަން ރައިޓްސް'އާއި ދެކޮޅަށް މަސައްކަތް ކުރަށްވާ ބޭފުޅެއްކަމުގައިބުނެ އެކަލޭގެފާނުގެ އަމުރާއި އެބައިމީހުން ދެކޮޅުހެދިއެވެ. އިސްލާމުދީނުގައި މާތްﷲގެ ވަނީ އެފަދަ ފާހިޝް، ދަށުފަންތީގެ އަމަލުތަށް ޙަރާމް ކުރައްވާފައެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހިންގެ ދައުވާއަކީވެސް އެތައް ހާސް އަހަރެއްކުރިން ލޫތުގެފާނުގެ ޤައުމުގެ މީހުންވެސް ކުރި ދައުވާއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޖަމަލާއި ގާޑިޔާގެންގުޅުނުވާހަކަ ލިޔުއްވިއިރު، މިދަންނަވާލިވާހަކަ އިތުރުކޮށްލަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އޮންނަ އުސޫލަކީ ކޮންމެ ގޮތަކުންނަމަވެސް މުދާ އެއްކުރުމެވެ. އެއީ ރިބާ ކައިގެން ކަމުގައިވިއަސް، ވިޔަފާރީގައި މަކަރުހަދާ އޮޅުވާލައިގެން ކަމުގައިވިއަސް، އަދި ނާސިގެތަށް ހުޅުވައިގެން ކަމުގައިވިއަސް ވަރިހަމައެވެ. އިސްލާމުދީން އައުމަށްފަހު އެފަދަ ހުރިހާކަމެއް މަނާކުރެވުނެވެ. އަދި ޒަކާތްނެރުމަށާ ފަޤީރުންނަށް އެހީވުމަށް އެންގުނެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖޭގައި މުދަލާއި ފައިސާ އިތުރުކުރުމަށްޓަކައި، އެހުރިހާ ނުބައިކަމެއްވެސް ކުރަމުންދެއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އެވާހަކަ ލިޔުއްވަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އެއްވެސް ޙައްޤަކާނުލާ މީހުންގެ ފުރާނަހިފުމާ، ކިޑްނޭޕުކުރުމާ، އެއްބަނޑު އެއްބަފާ ދެބެންގެތެރެއިން އެކަކު އަނެކަކު ކަތިލުންފަދަ ކަންކަމަކީ އާންމު ކަންތަކެވެ. އިސްލާމުދީން އައުމަށްފަހު ޙައްޤަކާނުލާ މީހުންގަތުލުކުރުމާ، އެހެންވެސް އެފަދަކަންތައްތައް މަނާކުރެވުނެވެ. ނަމަވެސް މިއަދު ރާއްޖޭގައި އެކަން އެވަނީ އާންމުވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ނައަމުސޫފި ހުއިހެއްޕިވާހަކައާއި ކަދުރުހެއްދިވާހަކަ ލިޔުއްވިއިރު، މިވާހަކަތަށް ލިޔަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ވައްކަންކުރުމާ، މީހުންގެ މުދާ ނުހައްޤުން ފޭރުން އަރަބި ކަރާގައި ވަނީ އާންމުވެފައެވެ. އިސްލާމުދީން އައުމަށްފަހު އެކަންތަށް މަނާކުރެވުނެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހި ޒުވާނުންގެ ވަޒީފާއަކީ (ނުވަތަ އާމުދަނީ ހޯދަން ކުރާ މަސައްކަތަކީ) ވައްކަންކުރުމާ، މަގުފޭރުމެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޝާމުކަރަޔަށް ވިޔަފާރި ދާވާހަކަ ދެއްކެވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

އާއެކެވެ! ތިބާއަކީ ނޫސްވެރިޔެކެވެ. އަދުލުވެރި 'ތަސައްރަފު ފުދިފައިވާ' ނޫސްވެރިންގެ ގޮތަކީ ކަމެއްހިނގާއިރަށް ތިމާގެ ހަވާނަފްސާއެއްގޮތަށް، ދިރާސާކުރުމެއްނެތި ލިޔުންތަށް ލިޔެނެގުމެއްނޫނެވެ. އެ މައުޟޫއަކާ ގުޅޭގޮތުން އެކަމުގެ ޞައްހަ މައުލޫމާތު މީހުނަށް ފޯރުކޮށް ދިނުމެވެ. ތިމާއަށް ކިޔޭނުކިޔޭއެއްޗެހި ނޭންގޭވަރަށް ތިމާގެ ދަރަޖަ ދިއުމެއް ނޫނެވެ. އާއެކެވެ. ކުރިންވެސް ބުނިހެން، ކައިވެނިން ބޭރުގައި ޖާރިޔާއިންގެ ނަމުގައި އަންހެންކުދިންނާއި ޖިންސީގުޅުން ހިންގުމަކީ ކުއްވެރިކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުއްވެރިކުރައްވާއިރު އެކަމުގެ ވާހަކަ ދައްކަވާށެވެ. އެކަމުގެ ޞައްޙަމައުލޫމާތު އާމުންނަށް ފޯރުކޮށްދޭށޭވެ.

އޭގެބަދަލުގައި ތި ދައްކަވަނީ، ސާދަސަތޭކަ އަހަރު ކުރިން ޢަރަބިން ޖަގިޔާ ނުލާ އުޅުނުވާހަކައެވެ. އެއީ މިކަމަކާ ގުޅުން ހުރިކަމެއް ނޫނެވެ. އަދި ތި މައުލޫމާތަކީވެސް ޞައްޚަ މައުލޫމާތެއް ނޫނެވެ. އެމީހުންވެސް ޖަގިޔާ ނުވަތަ 'އަންޑަވެޔަރ' ލައިއުޅުނެވެ. އަޅުގަނޑު މިތާނގައި މިފާހަގަކޮއްލި ކުށުގެ އިތުރުން މުޅި ލިޔުމުގައިވެސް ޖުމްލަކޮށް ވަނީ މަޢުލޫމާތުގެކުށެވެ. އަދި ގިނައިން ހަދާފައިވަނީ ބުހުތާނު ދޮގުތަކެވެ.

ލިޔުންތެރިޔާއެވެ! މުސްލިމުންނަކީ އިސްލާމު ދީނެއް ނޫނެވެ. އަދި މުސްލިމުންގެ ދިރިއުޅުމަކީވެސް އިސްލާމުދީނެއް ނޫނެވެ. އެކަމަކު މުސްލިމުން ދިރިއުޅެން ޖެހެނީ އިސްލާމު ދީނުގައިވާ ގޮތަށެވެ. އެހެންކަމުން މުސްލިމުންގެ ދިރިއުޅުމަށް ބަލައިގެން އިސްލާމު ދީނެއް ނޭންގޭނެއެވެ. އިސްލާމުދީން އެގޭނީ ﷲގެ ފޮތާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަށް ބަލައިގެންނެވެ. މުސްލިމުން ނަކީ އިންސާނުންނެވެ. އެމީހުން ގޯސްކަންތަށް ވެސް ކުރާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ނަމަވެސް އިސްލާމު ދީނަކީ މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އެއީ ޙިކްމަތްވަންތަ އިލާހުގެ ދީނެވެ. އެއީ އިންސާނުންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހުގެ ދީނެވެ. އެ އިންސާނާއަށް ރަގަޅީ ކޮންގޮތެއްކަމާ، ގޯހީ ކޮންގޮތެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ދީނެވެ. ވިމާ، އެ އިލާހުގެ ޝަރީއަތުގައި ކުށެއް ނުހުންނާނެއެވެ. މައްސަލައެއް ނުހުންނާނެއެވެ. މައްސަލަހުރީ އަހަރުމެންގެ ކިބާގައެވެ. ޙަޤީގަތަކީ ކޮބައިތޯ ނުބަލަނީ އަހަރުމެންނެވެ.

ވީމާ، މީހަކު ކުށެއްކުރާއިރަށް، އެމީހާ ހުންނަ ސިފައަށް ނުވަތަ އެމީހާނިސްބަތްވާ ދީނަށް އެއްޗެހިގޮވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އަދި އެކަމުން ދޭހަވާކަމަކީ، އެފަދަ ލިޔުންތެރިންނަކީ، ކަންކަމުގެ މަޢުލޫމާތު އޮޅުންނުފިލާ މީހުންކަމެވެ. ލިޔުންތެރިކަމުގެ ދާއިރާއަށް ތަންދޮރު އޮޅުންނުފިލާ ތަސައްވަރު ނުފުދޭމީހުންކަމެވެ. އަޅުގަނޑު މަތީގައި ދަންނަވާފައިވާ، ވައްކަން ކުރުމާ، ޒިނޭކުރުމާ، މަސްތުވާތަކެތި ބޭނުންކުރުމާ، މާރާމާރީ ހިންގުމާ އަދިވެސް މިފަދަ ގިނަކަންތައްތައް ކުރާމީހުންގެ 'ބެކްގްރައުންޑް' ދިރާށް ކުރައްވާށެވެ. އޭގައި ގިނައިންވަނީ ތުބުޅިލީ މީހުންތޯއެވެ؟ ނުވަތަ ކަޅުހެދުންލާ އަންހެނުންތޯއެވެ؟ ނޫނެކެވެ. މިއީ ކޮންމެ މީހަކަށްވެސް އެނގޭކަމެކެވެ. ވީމާ ތުބުޅިލީ މީހަކު ގޯސްކަމެއްކުރާއިރަށް، ތުބުޅިލީ ހުރިހާމީހުނަށް އޭގެ އެތިވަރުގޮވާ، ދީނަށާ ސުންނަތަށް ފުރައްސާރުކުރުމުން ލިބޭފައިދާއެއް އޮވޭތޯއެވެ؟

1 comment: