Wednesday 7 July 2010

ޑިމޮކްރަސީ ކުނިވެ ފުޅައަޅައިފި

ބިން މޫސާ
ރައްޔިތުން ވިސްނާލުން މުހިންމެވެ. ޑިމޮކްރަސީންއިން އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއްހެއްޔެވެ؟ ޚިޔާނާތެވެ! މަކަރެވެ! ރިޝްވަތެވެ! ލަދުހަޔާތްކުޑަކޮށް އުޅޭނޭ ގޮތެވެ! އެއްބަޔަކު ތިރީސް އަހަރު ފަރިތަކޮށްގެން މިކަންތައްތައް ކުރަމުންދާއިރު އަނެއްބަޔަކު ދެއަހަރު ތެރޭގައި މިކަންތައްތަކުގެ މާހިރުންނަށްވެ ނިމިއްޖެއެވެ.
އަހަރެމެންގެ ހުރި ނިކަމެތިކަމާއެވެ.

"ކަސޯޓީ ސީރީސް"ގެ ފުރަތަމަ ބައިގެ ނަމުން މަޝްހޫރުވެގެން ދިޔައީ ކުރީގެ ޤާނުނު ހަދާ މަޖިލީހުގެ މަންޒަރުތަކެވެ. އެއީ އޭރުގެ ސަރުކާރުން ޤާނޫނު އަސާސީ އިޞްލާޙު ކުރިދުވަސްތަކުގަ އާއި، ސިޔާސީ ޕާރޓީތައް އުފެދިގެން ދިޔަ ދުވަސްތަކުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރިކޯޑިންގް ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް ފެންނަން ފެށުމުންނެވެ. އެ މަޖިލީހުގެ ތެރޭގައި ކަންހިނގާ ގޮތް އެނގުމުންނެވެ.
މިހާރު މިއޮތީ ޕާޓް 2 ފެށިފަޔޯލައެވެ. ޙައިވާނު ބަގީޗާއެއްގައި، އެތާނގެ އަހުލުވެރިންގެ ތަޞައްރުފާތުތައް މިބައިމީހުންނަށްވުރެ މާ ތަރައްޤީވެފައި ހަމަޖެހޭނެކަން ޔަޤީނެވެ. ބަލައިލަން ހިތަށް ތަންކޮޅެއް ފަސޭހަވެސްވާނެއެވެ.
ދިވެހިރައްޔިތުންގެ ނަމުގައި ވަކިބަޔަކު ނުކުމެ އިޚްތިޔާރު ކޮށްފައިވަނީ ޑިމޮކްރަސީއެވެ. "އިސްލާމް" ކޮށްލާފައި އިސްލާމިކް ޑިމޮކްރަސީއެކޭ ބައެއް މީހުން ކިޔަން ބޭނުންވާއިރު، އަނެއް ބަޔަކުގެ މުރުތައްދު ޢަޤީދާގައި ޑިމޮކްރަސީއަކީ މާ ޙުރުމަތްތެރިވެގެންވާ، މާ އިޙްތިރާމް ކުރަންޖެހޭ އެއްޗެކެވެ. މިދެންނެވި މޮޔައިންގެ ޚާނާއިން ޑިމޮކްރަސީ ތެރެއިންލާފައި އުފެދިގެންއައި ދެކޮޅުނުޖެހޭ، އެއް މާއްދާއާއި އަނެއް މާދާއާ ފުށޫއަރާ ޤާނޫނުތަކާއި ޤަވާޢިދުތައް އެބައިމީހުންގެ ކައިރީގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިލާހީ ޤާނޫނަށްވުރެ މާ މަތިވެރިއެވެ. ބޯލަންބަންޖެހޭލެ މާބޮޑެވެ.
މިއަދު މުޅީންވެސް އިވޭ އަޑަކީ އެވެނި ޢިއްޒަތްތެރި މެންބަރަކު ޚިޔާނަތްތެރިވި ވާހަކައެވެ. މިވެނި މެންބަރަކު ރިޝްވަތު ހިފަންއުޅޭ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބީ ހުސްވަގުންނެވެ. ނޫނީ ނޫޕާޓީގައި ތިބީ ހުސްވަގުންނާއި ޚާއިނުންނެވެ. މިއީ އަޅުގަނޑު ބުނިވާހަކައެއް ނޫނެވެ. މިއީ ދެސަރުކާރުގައިވެސް ވަޒީރެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅާ ޤައުމީ ޓީވީގައި ދެއްކެވި ވާހަކައެއްގެ ޚުލާޞާއެވެ.
އެކަކު ﷲ ގަންދީ ހުވާކޮށްފައި "ހަތް މިލަޔަން" ރުފިޔާ ތިމަންނައަށް ރިޝްވަތުގެ ގޮތުގައި ހުށައެޅިއޭ ބުނާއިރު، ތިމަންމެން ނޫން އެންމެންނަކީ ވަގުންނޭ ގޮވާ މަންޒަރަކީ ދިވެހީންނަކަށް މިހާރު މާ އާކަމަކަށް ނުވެއެވެ. މާބޮޑުކަމަކަށް ނުވަތަ މާމުހިންމު ޚަބަރަކަށް ނުވެއެވެ. ބަލައިލަން ކިތަންމެ ހަޑިޔަސް، އަޑުހާމީހުންގެ ލޮލަށާއި ބޮލަށް ކިތަންމެ ތުރާވިޔަސް، ތިމާމެންގެ މަޤުޞަދުތައް ޙިމާޔަތްކުރުމަށް ޓީވީއާއި ރޭޑިޔޯއިން މިވާހަކަތައް ނޫން އަޑެއް ނީވެއެވެ.
މުޅީންވެސްތިބީ، ރައްޔިތުންނަށް އިޚްލާޞްތެރި ރައްޔިތުންގެ ވިންދު ނުހަނު ގާތުން ބަލަމުންދާ ރައްޔިތުންނަށް ހެޔޮއެދޭ މީހުންނެވެ. ﷲ އަށް އިޚްލާޞްތެރިވުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ނުވަތަ ކުރަން އެނގޭ ކަމެއްވެސްނޫނެވެ.
ރައްޔިތުން ވިސްނާލުން މުހިންމެވެ. ޑިމޮކްރަސީންއިން އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއްހެއްޔެވެ؟ ޚިޔާނާތެވެ! މަކަރެވެ! ރިޝްވަތެވެ! ލަދުހަޔާތްކުޑަކޮށް އުޅޭނޭ ގޮތެވެ! އެއްބަޔަކު ތިރީސް އަހަރު ފަރިތަކޮށްގެން މިކަންތައްތައް ކުރަމުންދާއިރު އަނެއްބަޔަކު ދެއަހަރު ތެރޭގައި މިކަންތައްތަކުގެ މާހިރުންނަށްވެ ނިމިއްޖެއެވެ.
އަހަރެމެންގެ ހުރި ނިކަމެތިކަމާއެވެ.
= ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެއް =

No comments:

Post a Comment