Thursday, 22 July 2010

އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރު: القُرْآن

ޝާޑު ވަރޑްޕްރެސް

ސުވާލާއި ޖަވާބު

1) ކީރިތި ޤުރްއާނުގެ އެންމެ މަޝްހޫރު ނަމަކީ [قُرْآن] އެވެ. މި ލަފްޡުގެ މާނައަކީ ކޮބައިކަން ދަލީލާއެކު ބަޔާންކުރޭ!

ޖ. އަލްޤިޔާމަތު ސޫރަތުގެ 17-18 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. إِنَّ عَلَيْنَا جَمْعَهُ وَقُرْآنَهُ. فَإِذَا قَرَأْنَاهُ فَاتَّبِعْ قُرْآنَهُ. މާނައީ [ހަމަކަށަވަރުން އެ ޤުރްއާން (ކަލޭގެފާނަށް) ކިޔަވާ ވިދާޅުވެވޭގޮތަށް ދަސްކޮށްދެއްވުން ވަނީ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ. ފަހެ, (ޖިބްރީލް عليه السلام މެދުވެރިކުރައްވާ) އެ ޤުރްއާން ބާވާލައްވަވާ ހިނދު ކަލޭގެފާނު އެކިޔަވާ އަޑުއައްސަވާށެވެ.] القُرْآن ނަޤުލްވެފައިވަނީ މަޞްދަރުގެ މާނާގައެވެ. القِرَاءَةُ (ކިޔެވުން) މި މާނާގައިވެސް ބޭނުންކުރެވެއެވެ. އަދި ކަމުގެ ރައްދުވާއަށް މަޞްދަރު ބޭނުންކުރާ އުޞޫލުން, ﷲ ގެ ކަލާމްފުޅަށް ބޭނުންކުރެވުނެވެ.

2) ކީރިތި ޤުރްއާނަށް ދެވިފައިވާ އެހެން ދެ ނަމެއް ދަލީލާއިއެކު ބަޔާންކުރޭ!

ޖ. (ހ) الفُرْقَان: އަލްފުރުޤާން ސޫރަތުގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَى عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا މާނައީ [އިންސާނުންނާއި ޖިންނީންނަށް އިންޛާރުކުރައްވާ ބޭކަލަކުކަމުގައި, އެކަލާނގެ އަޅާއަށް الفُرْقان (ހެވައި ނުބައި ވަކިކޮށް އަންގައިދޭ މިންގަނޑު) ބާވާލެއްވި ކަލާނގެ މަތިވެރިވެ މާތްވެވޮޑިގެންފިއެވެ.]
(ށ) الذِّكْر: އަލްއަންބިޔާ ސޫރަތުގެ 50 ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. وَهَذَا ذِكْرٌ مُبَارَكٌ أَنْزَلْنَاهُ މާނައީ [މިއީ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވާލެއްވި ބަރަކާތްތެރި ޛިކުރެވެ.]

3) ޤުރްއާނަށް ކިޔޭ އެންމެ މަޝްހޫރު ދެ ނަމަކީ ކޮބާ؟

ޖ. القُرْآن އާއި الفُرْقَان އެވެ.

4) ޤުރްއާނުގެ އިޞްޠިލާޙީ މާނައަކީ ކޮބާ؟

ޖ. ޤުރްއާނަކީ އެއްވެސް ޝައްކެއް ނެތި, ރަސޫލާ صلى الله عليه وسلم ގެ އަރިހުން މުތަވާތިރުކޮށް ނަޤުލްކުރެވި, މުޞްޙަފްތަކުގައި ލިޔެވިފައިވާ, އެކަލޭގެފާނަށް ބާވާލެއްވެވި ﷲ ގެ ކަލާމްފުޅެވެ.

5) ކީރިތި ޤުރްއާނުގެ އެކިއެކި ބާވާލެއްވުންތަކުގެ ތެރެއިން ޢިލްމުވެރިން ބަޔާންކުރައްރާ 3 ބާވާލެއްވުން ދަލީލާއިއެކު ލިޔޭ!

ޖ. (ހ) الَوحُ المَحْفُوظ އަށް: ސޫރަތުލް ބުރޫޖިގެ 21-22 ގައި ﷲ ވަޙީކުރެއްވިއެވެ. بَلْ هُوَ قُرْآنٌ مَجِيدٌ. فِي لَوْحٍ مَحْفُوظٍ. މާނައީ [އަދި ކިއެއްތަ! އެއީ لَوحُ الْمَحْفُوظ (ރައްކާކުރެވިފައިވާ ފިލައެއް) ގައިވާ މާތްވެގެންވާ ޤުރުއާނެވެ.]
(ށ) بَيْتُ العِزَّة އަށް: ސޫރަތުލް ޤަދްރިގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ. إِنَّا أَنْزَلْنَاهُ فِي لَيْلَةِ الْقَدْرِ މާނައީ [ހަމަކަށަވަރުން ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވާލެއްވީ ލައިލަތުލް ޤަދްރީގައެވެ.] އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިގޮތުގައި, ކީރިތި ޤުރްއާން ލައިލަތުލް ޤަދްރީގައި ދުނިޔޭގެ އުޑަށް (އެބަހީ بَيْتُ العِزَّة އަށް) އެކީއެކަށް ބަވާލެއްވުނެވެ.
(ނ) ޖިބްރީލް عليه السلام މެދުވެރިކުރައްވާ ރަސޫލާ محمد صلى الله عليه وسلم އަށް: ސޫރަތުއް ޝުޢަރާގެ 193-194 ގައި ﷲ ވަޙީކުރެއްވިއެވެ. نَزَلَ بِهِ الرُّوحُ الأمِينُ. عَلَى قَلْبِكَ لِتَكُونَ مِنَ الْمُنْذِرِينَ. މާނައީ [އެ (ޤުރްއާން) އާއިގެން ފައިބާވަޑައިގެންނެވީ الرُّوحُ الأَمِين (ޖިބްރީލް عليه السلام) އެވެ. އެ (ޤުރްއާން) ކަލޭގެފާނުގެ ހިތްޕުޅަށް ފޯރުކޮށްދިނުށްޓަކައެވެ. އެއީ އިންޛާރުދެއްވަވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށްޓަކައެވެ.]

6) ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޤުރްއާން ބާވާލެއްވުނު ގޮތްތަކަކީ ކޮބާ؟ އަދި އޭގެތެރެއިން ރަސޫލާ صلى الله عليه وسلم އަށް އެންމެ އުނދަގޫފުޅުވެލައްވާ ގޮތަކީކޮބާ؟

ޖ. (ހ) ރަސޫލާ صلى الله عليه وسلم އިންސާނެއްގެ ޙާލަތުން މަލާއިކަތް ބޭކަލެއްގެ ޙާލަތައް ބަދަލުވެ, ޖިބްރީލް عليه السلام ގެ އަރިހުން އަޑުއައްސަވާ އެ ވަޙީ ބަސްފުޅު ޙާޞިލްކުރުމެވެ. މިއީ އެކަލޭގެފާނު صلى الله عليه وسلم އަށް އެންމެ އުނދަގޫފުޅުވެލައްވާ ގޮތެވެ.
(ށ) ޖިބްރީލް عليه السلام އިންސާނީ ޙާލަތަށް ބަދަލުވެވަޑައިގެން ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން, އެކަލޭގެފާނު صلى الله عليه وسلم އެ ވަޙީ ބަސްފުޅު ޙާޞިލްކުރުމެވެ.

7) ކީރިތި ރަސޫލާ صلى الله عليه وسلم އަށް ޤުރްއާން ބާވާލެއްވުނީ ކޮން އުޞޫލަކަށް (މަންހަޖަކަށް) ކަަން ދަލީލާއިއެކު ބަޔާންކުރޭ!

ޖ. ވަކިވަކީން ލަސްލަހުންނެވެ. ދަލީލަކީ އަލްއިސްރާ ސޫރަތުގެ 106 ވަނަ އާޔަތެވެ. وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَى مُكْثٍ وَنَزَّلْنَاهُ تَنْزِيلا މާނައީ [އަދި އެއީ (އެ ޤުރްއާނަކީ) ތިމަންރަސްކަލާނގެ (ބައިބަޔަށް) ބަހާލައްވާފައިވާ ޤުރްއާނެކެވެ. އެއީ ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭގޮތަށް) ލަސްލަހުން އެ ވިދާޅުވެދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ އެ ވަކިވަކިން (23 އަހަރުގެ ތެރޭގައި) ބާވާލެއްވީމެވެ.]

8) ކީރިތި ޤުރްއާން އެއްފަހަރާ ބާވާނުލެއްވެވި ސަބަބެއްކަމުގައި ﷲ ވަޙީކުރެއްވީ ކޮންކަމެއް؟

ޖ. އަލް ފުރްޤާން ސޫރަތުގެ 32 ވަނަ އާޔަތުގައިވެއެވެ. وَقَالَ الَّذِينَ كَفَرُوا لَوْلا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً كَذَلِكَ لِنُثَبِّتَ بِهِ فُؤَادَكَ وَرَتَّلْنَاهُ تَرْتِيلا މާނައީ [ކާފަރުން ބުނެއެވެ. - (ތަޥްރާތާއި އިންޖީލާއި ޒަބޫރުފަދަ ފޮތްތައް ބާވާލެއްވުނު ފަދައިން) އެއްފަހަރާ އެކަލޭގެފާނުގެ މައްޗަށް ޤުރްއާން ބާވާނުލެއްވުނީ ކީއްވެގެންތޯއެވެ؟ - އެގޮތަށް (ވަކިވަކިން ބާވާލެއްވެވީ) ކަލޭގެފާނުގެ ހިތްޕުޅަށް ޘާބިތުކަން (އަދި ދަސްކޮށް ދެނެގަތުމަށް ފަސޭހަކޮށް) ދެއްވުމަށެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ލަސްލަހުން އެ (ޤުރްއާން) ބާވާލެއްވީމެވެ.]

9)ޤުރްއާން ބާވާލެއްވުނު އަޞްލު ސަބަބުގެ އިތުރުން އެހެން ބައެއް ސަބަބުތަކާއި ގުޅިގެންވެސް ޤުރްއާންގެ އާޔަތްތައް ބާވާލެއްވިއެވެ. މިއަށް ޤުރްއާން ބާވާލެއްވި ސަބަބުތަކޭ ކިޔައެވެ. ޤުންރާން ބާވާލެއްވެވި ސަބަބުތަކުގެ 2 ބާވާތް ލިޔޭ!

ޖ. (ހ) ދިމާވާ ޙާދިޘާއެއްގެ ސަބަބުން އާޔަތް ބާވާލެއްވުން:- ޚައުލަތު ބިންތު ޘަޢުލަބާގެ ފިރިމީހާ އައުސް ބިން އައްޞާމިތު ظِهاَر ކުރި ޙާދިޘާގައި, ޙުކުމެއް ބާވާނުލައްވަނީ ހަމައެކަނި އެކަމަނާގެ މައްސަލަތޯ ސުވާލުކުރެއްވިއެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަމަނާ ވަނިކޮށް سورة الْمُجَادِلَة ގެ 1 – 4 އަށް ބާވާލެއްވުނެވެ.
(ށ) ކުރެވޭ ސުވާލެއްގެ ސަބަބުން އާޔަތް ބާވާލެއްވުން.

10) ޤުރްއާނުން އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތަކީ ކޮބާ؟ އަދި އެންމެ ޞައްޙަ އީ ކޮންގޮތެއް؟

ޖ. (ހ) سورة العَلَق ގެ ފެށޭ ބައި:- އަލްބުޚާރީ އާއި މުސްލިމްގައިވާ ފަދައިން އެންމެ ޞައްޙަކަން ބޮޑު ގޮތަކީ މިއީއެވެ.
(ށ) سورة الْمُدَّثِّر ގެ ފުރަތަމަ އާޔަތް:- މިކަމަށް ދަލީލުކޮށްދިނުމަށް ނަންގަވާ ޙަދީޘަށް ޖަވާބުދެއްވަމުން ވިދާޅުވެފައިވާގޮތުގައި, ކަނޑައެޅިގެން އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްކަމެއް އެރިވާޔަތުން އެނގޭކަށްނެތެވެ. އެއީ އެ ޙަދީޘްގެ މި ޢިބާރާތުންނެވެ. [ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ޙިރާ (ފަރުބަދައިގެ ހޮހަޅައި) ގައި އިންނަވަނިކޮށް ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައިގަތް މަލާއިކަތާ އުޑާއި ބިމާ ދެމެދު ކުރުސިއެއްގައި އިށީނދެވަޑައިގެން އިންނަވަނިކޮށެވެ.] އެހެންކަމުން فَتْرَةُ الوَحْي އަށްފަހު ބާވާލެއްވުނީ މި ސޫރަތްކަމުގައިވުން އެކަށީގެންވެއެވެ.
(ނ) سورة الفَاتِحَة :- މުރްސަލް ރިވާޔަތެކެވެ. މުރްސަލަކީ ޟަޢީފްގެ ވައްތަރެކެވެ.
(ރ) بِسْمِ الله :- މިއީވެސް މުރްސަލް ރިވާޔަތެކެވެ. بِسْمِ الله އަކީ ކޮންމެ ސޫރަތެއްގެވެސް ފެށޭކޮޅުގައި ބާވާލެއްވެވިފައިވާ އާޔަތެއްކަމުން إِقْرَأ އާއިއެކުވެސް بِسْمِ الله ބާވާލެއްވެވިފައިވާނެއެވެ.

11) ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވުނު އާޔަތަކީ ކޮބާ؟ އަދީ އެންމެ ބޮޑަށް ބުރަވެވޭގޮތަކީ ކޮބާ؟

ޖ. (ހ) سورة البَقَرَة ގެ 281 ވަނަ އާޔަތް:- وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لا يُظْلَمُونَ މިފަދައިން އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް ބުރަވެވޭގޮތަކީ މިއީއެވެ. އަދި އިބްނު ޖުރައިޖު ވިދާޅުވިގޮތުގައި, މި އާޔަތް ބާވާލެއްވުނު ފަހުން ރަސޫލާ صلى الله عليه وسلم ދުނިޔޭގައި ހުންނެވީ 9 ރޭ ވަންދެނެވެ.
(ށ) سورة البَقَرَة ގެ 278 ވަނަ އާޔަތް:- يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبَا إِنْ كُنْتُمْ مُؤْمِنِينَ އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން އިމާމް އަލްބުޚާރީ ރިވާކުރެއްވިއެވެ.
(ނ) سورة البَقَرَة ގެ 282 ވަނަ އާޔަތް:- يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَى أَجَلٍ مُسَمًّى فَاكْتُبُوهُ ސަޢީދު ބުން އަލްމުސައްޔިބުގެ އަރިހުން އިބްނު ޖުރައިޖު ރިވާކުރެއްވިއެވެ. މިއާޔަތަށް آيَةُ الدَّيْن (ދަރަނީގެ އާޔަތް) އޭވެސް ކިޔައެވެ.

12) އެންމެ ފަހުން ބާވާލެއްވުނު އާޔަތްތަކާ ބެހޭ ރިވާޔަތްތައް ޖަމާކުރެއްވުމަށްފަހު އިމާމް ސުޔޫތީ ވިދާޅުވީ ކީކޭ؟

ޖ. އިމާމް ސުޔޫތީ ވިދާޅުވާގޮތުގައި, މި އާޔަތްތަކަކީ އެއް ޤިއްޞާއަކާ ގުޅޭ އާތްތަކެކެވެ. އަދި ބާވާލެއްވުނީވެސް އެއްފަހަރާ ޤުރްއާނުގައި ލިޔެވިފައިވާ ތަރުތީބުންނެވެ. މިގޮތުން ކޮންމެ ބޭފުޅަކުސް އެއިން އާޔަތެއް ވިދާޅުވެ އެންމެ ފަހުން ބާވާލެއްވުނީ މިއާޔަތޭ ވިދާޅުވީއެވެ. އަދި އެގޮތަށް ޚަބަރު ދިނުމަކީ ދޮގަކަށް ނުވާނެއެވެ.

13) ޤުރްއާން ޖަމަޢުކުރެވިފައިވަނީ އާޔަތްތަކުގެ ތަރުތީބުންކަން ދޭހަވާ ދަލީލަކީ ކޮބާ؟

ޖ. (ހ) އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވާގޮތުގައި, ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޤުރްއާނުގެ އާޔަތެއް ބާވާލެއްވުމުން, ވަޙީ ލިޔުއްވާ ބައެއް ކާތިބުންނަށް ގޮވާލައްވާ, އެ އާޔަތް މިވެނި ނަމެއްކިޔާ ސޫރަތެއްގައި ލިޔުއްވުމަށް އަމުރުކުރައްވައެވެ.
(ށ) ޢުޘްމާން ބުން އަބީ އަލްޢާޞް رضي الله عنه ގެ އަރިހުން ރިވާވެގެންވާގޮތުގައި, ރަސޫލު صلى الله عليه وسلم ގެ އަރިހުގައި އިންނަވަނިކޮށް, އެކަލޭގެފާނުގެ ލޯފުޅު ބޮޑުކޮށް މައްޗަށް ދެން ސީދާ ބިމަށް ދެން އަނެއްކާވެސް މައްޗަށް ބައްލަވާލެއްވިއެވެ. އެއަށްފަހު ޖިބްރީލ عليه السلام ވަޑައިގެން, މިވެނި ސޫރަތެއްގެ މިވެނި ތަނެއްގައި އެ އާޔަތް ލިޔުއްވުމަށް އަމުރުކުރެއްވިކަމަށް ޙަދީޘްކުރެއްވިއެވެ.
(ނ) އަބޫ މުލައިކާގެ އަރިހުން ރިވާވެގެންވާގޮތުގައި, މަންސޫޚް ކުރެވިފައިވާ އާޔަތެއް ދޫކޮށްނުލައްވާ ލިޔުއްވަންވީ ކީއްވެތޯ ޢުޘްމާން رضي الله عنه ގެ އަރިހުގައި ސުވާލު ދެންނެވުމުން, ވިދާޅުވީ ޤުރްއާނުން އެއްވެސް އެއްޗެއް އެއޮތްތަނަކުން ބަދަލުނުކުރައްވާނެކަމަށެވެ.
(ރ) އަބުއްދަރްދާ رضي الله عنه ގެ އަރިހުން ރިވާވެގެންވާގޮތުގައި, الكَهْفُ ސޫރަތުގެ ފުރަތަމަ 10 އާޔަތް ހިތުދަސްކޮށްފިމީހާ, ދައްޖާލުގެ ފިތުނައިން ސަލާމަތްވާނެކަމަށް, ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
(ބ) الكَلاَلَة (އަޞްލެއް ފަރުޢެއް ނެތި މަރުވާމީހާގެ ތަރިކަ) އާއި ބެހޭގޮތުން ޢުމަރުގެފާނު رضي الله عنه ސުވާލުދެންނެވުމުން, النِّسَاء ސޫރަތުގެ ފަހުގައިވާ ހޫނުމޫސުގައި ބާވާލެއްވި އާޔަތް އެކަލޭގެފާނަށް ނުފުދޭތޯ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

14) ވަޙީ ލިޔުއްވި މަޝްހޫރު ބައެއް ބޭކަލުންގެ ނަންތައް ލިޔޭ!

ޖ. (ހ) އަބޫ ބަކުރުގެފާނު رضي الله عنه
(ށ) އުބައްޔު ބުން ކަޢުބު رضي الله عنه
(ނ) ޒައިދު ބުން ޘާބިތު رضي الله عنه
(ރ) މުޢާވިޔާ ބުން އަބީ ސުފިޔާން رضي الله عنه
(ބ) ޒައިދު ބުން އަބީ ސުފިޔާން رضي الله عنه
(ޅ) އަލްމުޣީރާ ބުން ޝުޢުބާ رضي الله عنه

15) ޤުރްއާން ލިޔުމުން ޖަމަޢުކުރެވުނު ދައުރުތަކަކީ ކޮބާ؟

ޖ. (ހ) ފުރަތަމަ:- ރަސޫލާ صلى الله عليه وسلم ދެ ދައުރު.
(ށ) ދެވަނަ:- އަބޫ ބަކުރު رضي الله عنه ގެ ދައުރު.
(ނ) ތިންވަނަ:- ޢުޘްމާން رضي الله عنه ގެ ދައުރު – މިއީ އެންމެ ފަހު ދައުރެވެ. މިދައުރުގައި އެތައް ކޮޕީތަކެއް ލިޔެވި އިސްލާމީ ޚިލާފަތުގެ ދަށުން އެކި ސަރަޙައްދުތަކަށް އެކޮޕީތައް ބަހާލެވުނެވެ.


ޝާޑް ވަރޑްޕްރެސް އިން ނަގާފައި

Read more...

Sunday, 18 July 2010

އިސްމާއީލް ދަންޖެހުން- ފައްޅީގެ ބިންގާ ކޮނުން

ޢަބްދުއްލަޠީފް
ދާދިފަހުން އެއަރޕޯރޓު ކޮންޓްރޯލް ޓަވަރުގައި ބޭރަށް ފެންނަގޮތަށް ވާގަނޑެއް އެލުވައިގެން ދަންޖެހުނު އިސްމާޢީލްގެ މަރާއިބެހޭގޮތުން މިހާރު ލިބެމުންދާ ބޭރުގެ ރިޕޯރޓުތަކަށް ބަލާއިރު އެއީ ވަރަށް ކުރިން ސުރެ ރާވައިގެން ރާއްޖޭގައި ފައްޅިއެޅުމަށް ކޮނުނު ބިންގަލެއްކަމާއިމެދު ސުވާލު އުފެދެއެވެ.

އޭނާ ދަނޖެހެން ޖެހުނު ސަބަބުތައް ބައިނަލް އަޤްވާމީ މީޑިއާ ތަކުން ހާމަކުރާއިރު ހާމަކުރަމުންގެންދާ ކަންތައްތަކަށާއި އެކަން ކޮށްފައިވާގޮތާއިމެދު ވިސްނައިލުމުން މިއީ ސަލީބީ ކާލިގަނޑުގެ ތެރެއިން ވަރަށް ބޮޑަށް ޕްލޭނު ކުރެވިގެން ކުރެވިފައިވާ ކަމެއްކަމާއިމެދު ޝައްކު ކުރުމަކަށް އެއްވެސް ޖާގައެއް ނެތެވެ.

“އޭނާ އިސްލާމް ދީނަށް އުޅޭކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އޭނާގެ އާއިލާއިންވެސް އަދި ގާތް ރަހުމަތްތެރިންވެސް އޭނާ ސަލިބީ ދީނުގައި އުޅުމަށް ހިތްވަރެއް ނުދިނެވެ. ރާއްޖޭގެ ޤާނޫނުން އޭނާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ރާއްޖޭގައި އުޅުން މަނާކުރެއެވެ. އެހެންކަމުން ދެން އެހެން ގޮތެއް ނެތިގެން ދަންޖެހުނީއެވެ.”

ދަންޖެހުނީ ކޮންތަނެއްގައިތޯއެވެ.! ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން އައިސް ފުރާ ހެދުމަށް އޮތް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ޢާއްމުކޮށް ފެންނަން ހުންނާނެ ގޮތަށެވެ.

މިމަންޒަރު ފެނިގެން އޭނާ އެތަނުން ނަގައިދިނުން އެދި އިމަރޖެންސީ ނަމްބަރުތަކަށް ގުޅަމުންގެންދިއަ ފަރާތްތަކުގެ ފޯނުކޯލުތަކަށް އިޖާބަ ދިނީ އެކަށީގެންވާ ގިނައިރެއްގައި އޭނާ އެގޮތަށް ބަހައްޓައި އިޝްތިހާރުކުރުމަށްފަހުގައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ އެތަނުން ނެގުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޭނާ އެތަނުގައި ހުރިތަން ފެނުނުތާ ގަޑިއެއްހާއިރު ފަހުންނެވެ.

ދުނިޔެއަށް ހާމަވި މަންޒަރު:

ރާއްޖޭގައި ސަލީބީން އެބައުޅެއެވެ. އެމީހުންނަށް ސަލީބީ ދީނަށް އުޅެވެން ނެތިގެން އަމިއްލައަށް ދަންޖެހި މަރުވަމުންދަނީއެވެ. އެމީހުން ތިބީ އެވަރަށް ސަލީބީ ދީނުގައި ފައިތިލަ ސާބިތުކޮށްގެންނެވެ. އެމީހުންނަށް އޮތް ހުރަހަކީ ރާއްޖޭގެ ޤާނޫނެވެ. މުސްލިމުން ނޫން ބަޔަކަށް ދިވެހިރައްޔިތުންގެ ގޮތުގައި ރާއްޖޭގައި އުޅުމުގެ ޤާނޫނު ފުރުޞަތު ލިބިފައި ނެތްކަމެވެ.

ރާއްޖޭގައި މިއަދު އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާއި މިކަންކަމާއި ގުޅުވާ ވިސްނުންތެރިންވެސް މަދެއް ނޫނެވެ. “ޤާނޫނު އަސާސީގައި މައްސަލަތަކެއް އެބަހުއްޓެވެ. އެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންވީއެވެ. ޤާނޫނު އަސާސީ އަލުން މުރާޖަޢާކުރަންވީއެވެ.” އެއްބަޔަކު މިގޮތަށް ބުނަމުން މިގެންދަނީ ޤާނޫނު އަސާސީ އިން ރާއްޖޭގެ ރައްޔިތުންގެ ދީނަކީ އިސްލާމް ދީން ކަމަށް ބަޔާންކޮށްފައި އޮތް އޮތުން ނައްތާލުމަށް ކަމަށް ޤަބޫލުކުރާ ވިސްނުންތެރިންވެސް މަދެއް ނޫނެވެ.

ސަލީބީ ދީނަށް އެނބުރިގެން މިއުޅޭ ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި މާލެއިން އިތުރުގެ ސަރަހައްދެއްގައި ބައްދަލުވުންތައް ބާއްވަމުންގެންދާ ޚަބަރުތައް ލިބެއެވެ. އެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މާލެއިން ބަޔަކު ކޮންމެ ހަފްތާ ބަންދެއްގައި ހަނިމާދޫ އަށް އުދުހޭ ކަމަށާއި ދަންޖެހުނު އިސްމާއީލް އަކީވެސް ޤަވާއިދުން އުދުހޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖޭގައި ކުއްލިއަކަށް މި ކަންކަން މިހާ ހާމަނަކަންބޮޑު ގޮތެއްގައި ހިނގަން ފުރުޞަތު ލިބިގެންމިދިއަ ސަބަބު ދިރާސާކުރަންޖެހެއެވެ. އެކަމުގެ ތަފްޞީލު ރިޕޯރޓެއް އެކުލަވާލަން އެބަޖެހެއެވެ. މި ފަނި ދިރެމުން އަންނަ ދިމާއެއްވެސް ބަލައި ފަނިތައް މަރައިލެވޭވަރުގެ އެންޓިބައިޓިކެއް ދެވިގެން ނޫނީ އަޅުގަނޑުމެންނަށް މިކަމުން ސަލާމަތްކަމެއް ނެތްކަމަށް ޤަބޫލުކުރަންޖެހެއެވެ.

ތުހުމަތުގެ އިނގިލި ދިއްކުރަން ތިއްބައި އެ ފަނި ބޮޑުވެ ކެންސަރަށް ބަދަލުވެ ނިމެނީއެވެ. އެއިރުން ދެން އޮންނާނެ ހަމައެކަނި ގޮތަކީ އެގުނަވަން ކަނޑައިލުންކަން އެއީ ދުނިތެއިން އަބަދުވެސް ފެންނަމުންދާ ތަޖުރިބާއެވެ.
މިއަދު ނޫހުން ނަގާފައިވާ ލިޔުމެއް

Read more...

Wednesday, 7 July 2010

ޑިމޮކްރަސީ ކުނިވެ ފުޅައަޅައިފި

ބިން މޫސާ
ރައްޔިތުން ވިސްނާލުން މުހިންމެވެ. ޑިމޮކްރަސީންއިން އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއްހެއްޔެވެ؟ ޚިޔާނާތެވެ! މަކަރެވެ! ރިޝްވަތެވެ! ލަދުހަޔާތްކުޑަކޮށް އުޅޭނޭ ގޮތެވެ! އެއްބަޔަކު ތިރީސް އަހަރު ފަރިތަކޮށްގެން މިކަންތައްތައް ކުރަމުންދާއިރު އަނެއްބަޔަކު ދެއަހަރު ތެރޭގައި މިކަންތައްތަކުގެ މާހިރުންނަށްވެ ނިމިއްޖެއެވެ.
އަހަރެމެންގެ ހުރި ނިކަމެތިކަމާއެވެ.

"ކަސޯޓީ ސީރީސް"ގެ ފުރަތަމަ ބައިގެ ނަމުން މަޝްހޫރުވެގެން ދިޔައީ ކުރީގެ ޤާނުނު ހަދާ މަޖިލީހުގެ މަންޒަރުތަކެވެ. އެއީ އޭރުގެ ސަރުކާރުން ޤާނޫނު އަސާސީ އިޞްލާޙު ކުރިދުވަސްތަކުގަ އާއި، ސިޔާސީ ޕާރޓީތައް އުފެދިގެން ދިޔަ ދުވަސްތަކުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ރިކޯޑިންގް ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް ފެންނަން ފެށުމުންނެވެ. އެ މަޖިލީހުގެ ތެރޭގައި ކަންހިނގާ ގޮތް އެނގުމުންނެވެ.
މިހާރު މިއޮތީ ޕާޓް 2 ފެށިފަޔޯލައެވެ. ޙައިވާނު ބަގީޗާއެއްގައި، އެތާނގެ އަހުލުވެރިންގެ ތަޞައްރުފާތުތައް މިބައިމީހުންނަށްވުރެ މާ ތަރައްޤީވެފައި ހަމަޖެހޭނެކަން ޔަޤީނެވެ. ބަލައިލަން ހިތަށް ތަންކޮޅެއް ފަސޭހަވެސްވާނެއެވެ.
ދިވެހިރައްޔިތުންގެ ނަމުގައި ވަކިބަޔަކު ނުކުމެ އިޚްތިޔާރު ކޮށްފައިވަނީ ޑިމޮކްރަސީއެވެ. "އިސްލާމް" ކޮށްލާފައި އިސްލާމިކް ޑިމޮކްރަސީއެކޭ ބައެއް މީހުން ކިޔަން ބޭނުންވާއިރު، އަނެއް ބަޔަކުގެ މުރުތައްދު ޢަޤީދާގައި ޑިމޮކްރަސީއަކީ މާ ޙުރުމަތްތެރިވެގެންވާ، މާ އިޙްތިރާމް ކުރަންޖެހޭ އެއްޗެކެވެ. މިދެންނެވި މޮޔައިންގެ ޚާނާއިން ޑިމޮކްރަސީ ތެރެއިންލާފައި އުފެދިގެންއައި ދެކޮޅުނުޖެހޭ، އެއް މާއްދާއާއި އަނެއް މާދާއާ ފުށޫއަރާ ޤާނޫނުތަކާއި ޤަވާޢިދުތައް އެބައިމީހުންގެ ކައިރީގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިލާހީ ޤާނޫނަށްވުރެ މާ މަތިވެރިއެވެ. ބޯލަންބަންޖެހޭލެ މާބޮޑެވެ.
މިއަދު މުޅީންވެސް އިވޭ އަޑަކީ އެވެނި ޢިއްޒަތްތެރި މެންބަރަކު ޚިޔާނަތްތެރިވި ވާހަކައެވެ. މިވެނި މެންބަރަކު ރިޝްވަތު ހިފަންއުޅޭ ވާހަކައެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބީ ހުސްވަގުންނެވެ. ނޫނީ ނޫޕާޓީގައި ތިބީ ހުސްވަގުންނާއި ޚާއިނުންނެވެ. މިއީ އަޅުގަނޑު ބުނިވާހަކައެއް ނޫނެވެ. މިއީ ދެސަރުކާރުގައިވެސް ވަޒީރެއްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅާ ޤައުމީ ޓީވީގައި ދެއްކެވި ވާހަކައެއްގެ ޚުލާޞާއެވެ.
އެކަކު ﷲ ގަންދީ ހުވާކޮށްފައި "ހަތް މިލަޔަން" ރުފިޔާ ތިމަންނައަށް ރިޝްވަތުގެ ގޮތުގައި ހުށައެޅިއޭ ބުނާއިރު، ތިމަންމެން ނޫން އެންމެންނަކީ ވަގުންނޭ ގޮވާ މަންޒަރަކީ ދިވެހީންނަކަށް މިހާރު މާ އާކަމަކަށް ނުވެއެވެ. މާބޮޑުކަމަކަށް ނުވަތަ މާމުހިންމު ޚަބަރަކަށް ނުވެއެވެ. ބަލައިލަން ކިތަންމެ ހަޑިޔަސް، އަޑުހާމީހުންގެ ލޮލަށާއި ބޮލަށް ކިތަންމެ ތުރާވިޔަސް، ތިމާމެންގެ މަޤުޞަދުތައް ޙިމާޔަތްކުރުމަށް ޓީވީއާއި ރޭޑިޔޯއިން މިވާހަކަތައް ނޫން އަޑެއް ނީވެއެވެ.
މުޅީންވެސްތިބީ، ރައްޔިތުންނަށް އިޚްލާޞްތެރި ރައްޔިތުންގެ ވިންދު ނުހަނު ގާތުން ބަލަމުންދާ ރައްޔިތުންނަށް ހެޔޮއެދޭ މީހުންނެވެ. ﷲ އަށް އިޚްލާޞްތެރިވުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. ނުވަތަ ކުރަން އެނގޭ ކަމެއްވެސްނޫނެވެ.
ރައްޔިތުން ވިސްނާލުން މުހިންމެވެ. ޑިމޮކްރަސީންއިން އަޅުގަނޑުމެންނަށް ދަސްވީ ކޮން އެއްޗެއްހެއްޔެވެ؟ ޚިޔާނާތެވެ! މަކަރެވެ! ރިޝްވަތެވެ! ލަދުހަޔާތްކުޑަކޮށް އުޅޭނޭ ގޮތެވެ! އެއްބަޔަކު ތިރީސް އަހަރު ފަރިތަކޮށްގެން މިކަންތައްތައް ކުރަމުންދާއިރު އަނެއްބަޔަކު ދެއަހަރު ތެރޭގައި މިކަންތައްތަކުގެ މާހިރުންނަށްވެ ނިމިއްޖެއެވެ.
އަހަރެމެންގެ ހުރި ނިކަމެތިކަމާއެވެ.
= ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެއް =

Read more...