Sunday, 9 May 2010

ދެރަނުވާށެވެ. ދަރުސް އަޑުއެހުމަށް އެތައް ހާސްބަޔަކު ޙާޟިރުވި.

އަބްދުއްލަތީފް
ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގެ ސްޓޭޖްގައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ” ދެރަނުވާށެވެ.” މައުޟޫއަށް ދެއްވި ދަރުސް އަޑުއެހުމަށް ވަރަށްގިނަ ޢަދަދެއްގެ މީހުން ޙާޟިރުވިއެވެ.

ދެރަނުވާށެވެ.މިމައުޟޫއަށް ދެއްވި ތަޤްރީރުގައި އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރު ވަރަށް ތަފްސީލުކޮށް އައްޝައިޚް އިލްޔާސް ޙުސައިން ބަޔާންކޮށްދެއްވިއެވެ. ކީރިތި ޤުރްއާނާއި މާތްރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ހުށަހަޅައިދެއްވި ދަރުސަކީ ވަރަށް އަސަރުގަދަ ދަރުސެއްކަމަށް އަޑުއެއްސެވުމަށް ޙާޟިރުވި ގިނަބަޔަކު ބުނެފައިވެއެވެ. މިރޭގެ ދަރުސަށްވެސް ދިހަހާހަށްވުރެ ގިނަ މީހުން ޙާޟިރުވެފައިވާކަމަށް ދަރުސަށް ޙާޟިރުވީ ގިނަބަޔަކު ބުނެފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު 29 ގައި ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުނު ދަރުސަކީ މިހާތަނަށް، އެއްތަނަކަށް ރާއްޖޭގައި އެންމެ ގިނަ މީހުން އެއްވަގުތަކާ އެއްވި އެންމެ ބޮޑު އެއްވުމެވެ. “ސުވަރުގެ އެދޭމީހާއަށް” މިމައުޟޫއަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ތަޤްރީރަކީ މީހުންނަށް ވަރަށް ކަމުދިޔަ ޢިލްމީ ދަރުސެކެވެ. ލަފާކުރެވޭގޮތުން ދިހަ ހާހާއި، ބާރަހާހާއި ދެމެދުގެ ޢަދަދަކަށް މިދަރުސް އަޑުއެހުމަށް މީހުން ޙާޟިރުވެފައިވެއެވެ. މިދަރުސްގެ ސީޑީއަކީވެސް ރެކޯޑެއް ހޯދާފައިވާ ސީޑީއެކެވެ. 24 ގަޑިއިރުގެ ތެރޭގައި ދެހާހެއްހާ ސީޑީ ވިކިފައިވާ، މިސީޑީއަކީ މިހާތަނަށް ރާއްޖޭގައި ނެރެވުނު ފިލްމުތަކަށާއި ލަވަސީޑީތަކަށް ގޮންޖަހާލާފައިވާ ސީޑީއެކެވެ. މިކަމުން ދިވެހިންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް ދެވިފައިވާ ޤަދަރު އިތުރުވަމުން އަންނަކަމާއި، ދީނުގެ މަޢުލޫމާތު ހޯދުމަށް ދަހިވެތިވެފައިވާ މިންވަރު އެނގިގެންދެއެވެ.

އައްޝައިޚް އިލްޔާސް ޙުސައިން 2010 ވަނަ އަހަރު ދެއްވާފައިވާ ތަޤްރީރުތަކުގެ ތެރެއިން ޢަދާލަތު ޕާޓީއާއި ވިލިގިލީ ޒުވާނުންނާއި ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި “މިޢުރާޖްގެ ހަދިޔާ” މައުޟޫއަށްބޭއްވި ދަރުސާއި، ހެންވޭރު ޒުވާނުންނާއި ގުޅިގެން “ޢިއްފަތްތެރިކަމުގެ ގަހަނާ” މައުޟޫއަށް ބޭއްވި ތަޤްރީރަކީވެސް ވަރަށްގިނަ ޢަދަދެއްގެ މީހުން އެތަޤްރީރުތައް އަޑުއެއްސެވުމަށް ވަޑައިގެންނެވި ތަޤްރީރުތަކެކެވެ.

ހުކުރު ދުވަހުގެރޭގެ ދަރުސާއި މީގެ ކުރީން ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާފައިވާ އެންމެހައި ދަރުސްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހައި އަޚުންނާއި އުޚުތުންނަށް، ދަރުސް އިންތިޒާމްކުރުމުގައި އެކިގޮތްގޮތުން އެހީތެރިކަންދެއްވި ގިނަޢަދަދެއްގެ ޒުވާނުންނަށް ވަކީން ޚާއްސަ ޝުކުރެއް ޢަދާލަތު ޕާޓީގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއިއެކު ދަންނަވާކަމަށް އެޕަރޓީން ވަނީ ވިދާޅުވެފައެވެ

ޚަބަރު މިއަދު ނޫހުން ނަކަލުކޮށްފައި

No comments:

Post a Comment