Wednesday 31 March 2010

ވިސްނުންތެރިކަމާއެކު މުޅި ލިއުން ކިޔާލުން އެދެން

މައުހަދީ މުރާސިލްގައި ލިޔެފައިވާ ލިޔުމެއް
މިއީ ޑރ. މުޙައްމަދު ރައުފަތް ޢުޘްމާން ލިއުއްވާފައިވާ ލިއުމެއްގެ ޚުލާޞާ ތަރުޖަމާއެއް.

ބޯހިޔާ ވަހިކަން:
އިންސާނާ ބޯހިޔާވަހިކަމަށް ބޭނުންވުމަކީ ﷲ ތަޢާލާ އިންސާނާގެ ފިޠުރަތުގައި ލައްވާފައިވާ ކަމެކެވެ. އަންހެން ފިރިހެން ވަކިކުރުމެއްނެތިއެވެ. އެހެނެއްކަމަކު މި ބިންމަތީ ﷲ ތަޢާލާ އެއެއްޗެގައި ފުރާނަ އެޅުއްވި ހަމަ ކޮންމެ އެއްޗެއްވެސް މެއެވެ. މިކަން ޤުރުޢާނުގެ މުޙްކަމް އާޔާތްތަކުން ޘާބިތުވެއެވެ.

ޝަރުޢީ އެކިއެކި ޙުކުމްތަކުގައި ބޯހިޔާވަހިކަމުގެ މުހިއްމުކަން:
އިސްލާމި ޝަރީޢަތުގައި ބޯހިޔާވަހިކަމުގެ މުހިއްމުކަމަކީ މާގިނަ ވާހަކަތަކެއް ބަޔާން ކުރަންޖެހޭވަރަށްވުރެ ސާފުކޮށް ބަޔާން ވެގެން ވާކަމެކެވެ. އެހެނީ އިސްލާމީ ޝަރީޢަތުގައި އަނބިމީހާށް ލިބިގެންވާ، ފިރިމީހާގެ މައްޗަށް ލާޒިމްކުރާ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޙައްޤކީ ބޯހިޔާވަހިކަމެވެ. އަންބިމީހާއަށްޓަކައި ދިރިއުޅޭނެ ގެއެއް / އެޕާޓްމަންޓެއް ހުންނާން ޖެހޭނެއެވެ. އަނބިމީހާގެ އިޖްތިމާޢީ ޙާލަތާގުޅޭ ފެންވަރުގެ ތަނެކެވެ. ފިރިމީހާއަށް ކުޅަދާނަ ވެގެންވާ މިންވަރުގެ ތެރެއިންނެވެ.

ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރު:
އުފެދޭ ސުވާލެކެވެ. އިންސާނާ ބޯހިޔާވަހިކަމަށް ބޭނުންވެގެން ވަނީ ކިހާވަރަކަށް ހެއްޔެވެ؟ ކިހާ ދަރަޖައަކަށް ހެއްޔެވެ؟ ބޯހިޔާވަހިކަމަކީ ޟަރޫރިއްޔާތުގެ ތެރެއިން ވާކަމެއް ހެއްޔެވެ؟ ޟަރޫރިއްޔާތަކީ ކޮބައިހެއްޔެވެ.؟ ޟަރޫރިއްޔާތަކީ އެކަންތަކަކާއި ނުލައި ދީނީ ދުނިޔަވީ މަޞާލިޙުތައް ފުރިހަމަ ނުކުރެވޭނެ ކަންތައްތަކެވެ. އެހެނީ އެއިން ކަމެއް އުނިވެއްޖެނަމަ ހެޔޮ ގޮތުގައި ދުނިޔަވީ މަޞާލިޙުތައް ޤާއިމް ނުކުރެވޭނެތީއެވެ. އެކަންތައްތަކަކީ ދީން ޙިމާޔަތް ކުރުމާއި ނަފްސާއި ނަސްލާއި މުދަލާއި ބުއްދިއެވެ. ( އިމާމް ޝާޠިބީ ރަޙިމަހުﷲ)

ނުވަތަ އިންސާނާ ބޯހިޔާވަހިކަމަށް ބޭނުން ވެގެންވަނީ ޙާޖިއްޔާތުގެ ދަރަޖާގައި ހެއްޔެވެ؟ އުޞޫލުލް ފިޤްހުގެ ޢިލްމުވެރިންގެ އަރިހުގައި ޙާޖިއްޔާތަކީ އެއިންކަމެއް ނެތި ދިއުމުން ދަތި އުދަގުލާއި ކުރިމަތި ވިނަމަވެސް، ޟަރޫރިއްޔާތުގައި ހިމެނޭ ކަމެއް ނެތި ދިއުމުން މެދުވެރިވާ ފަދަ ކަންތައްތަކެއް ކުރިމަތި ނުވާ ކަންކަމެވެ.
ނުވަތަ ބޯހިޔާވަހިކަމަކީ ތަޙްސީނިއްޔާތުގެ ތެރެއިން ވާކަމެއް ހެއްޔެވެ؟ އިމާމް ޝާޠިބީ ރަޙިމަހުﷲ ތަޙްސީނިއްޔާތު ގެ ތަޢުރީފުގައި ވިދާޅުވަނީ އެއީ އެމީހަކާއި ލާއިޤުވެގެންވާ މަޙާސިންތަކުގައި ( އެދެވިގެންވާ ރަގަޅުކަންތައްތަކާއި އެއްޗިހީގައި ) ހިފައި، ދުރުހެލިވެގަތުން އެދެވިގެންވާ ކަންކަމުން ދުރުހެލިވެގަތުމެވެ. އެހެން ޢިބާރާތަކުންނަމަ ދުނިޔަވީ ދިރިއުޅުމުގައި ކޮންމެހެން ބޭނުން ނުޥާ އެހެން ނަމަވެސް އެއެއްޗެއް ތިމާއާއެކު ވުމުން ތިމާގެ ދިރިއުޅުން ފުރިހަމަ ކޮށްދޭ އެއްޗިއްސާއި ކަންކަމެވެ.

އިސްވެދިޔަ ތަޢުރިފުތަކުގެ އަލީގައި އިންސާނާ ބޯހިޔާވަހިކަމަށް ބޭނުންވާ ވުން ތަޙްސީނިއްޔާތުގެ ދަރަޖައަށް ވަނުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. އެހެނީ ބޯހިޔާވަހިކަމަކީ ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދޭއެއްޗެއްނޫނެވެ. އެހެނެއްކަމަކު ބޯހިޔާވަހިކަން ނެތުމަކީ މީހާގެ ދިރިއުޅުން އޭގެ އެހޮމަގުން ނެޓިދާނެ ކަމެކެވެ. އެހެން ކަމުން ބޯހިޔާވަހިކަން ހިމެނެނީ ޟަރޫރިއްޔާތާއި ޙާޖިއްޔާތި ދެމެދުގައި ވާކަމެއްގެ ގޮތުގައެވެ. އެހެނެއްކަމަކު ޟަރޫރިއްޔާތުގެތެރެއަށް ވަނުނުން ގާތްވެގެން ވެއެވެ. އެހެނީ ބޯހިޔާވަހިކަމަކީ ޟަރޫރިއްޔާތުގެ ތެރެއިންވާ ކަންތައްތައް ރައްކާތެރިކުރުމަށް މަގުފަހިކޮށްދޭ ވަޞީލަތެކެވެ. މިއީ އިމާމް ޝާޠިބީ ރަޙިމަހުﷲ ވެސް ދެކިވަދައިގަންނަވާގޮތެވެ. އަދި އިމާމް އިބްނި ޙަޒްމު ދެކެވަޑައިގަންނަވާގޮތުގައި ބޯހިޔާވަހިކަމަކީ އަސާސީހައްޤުތަކުގެ ތެރެއިން ވާ ކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެން ނުވާ ކޮންމެ މީހަކަށް ދައުލަތުގެ ފަރާތުން ބޯހިޔާވަހިކަން ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދޭންވާނެއެވެ.

ރިބަވީ މުޢާމަލާތެއްގެތެރެއިން ގެއެއް/އެޕަރޓްމަންޓެއް ގަތުން ހުއްދަ ވާނެ ހެއްޔެވެ؟

ބެންކު މެދުވެރިކޮށް ރިބާ ހިމެނޭ މުޢާމަލާތެއްގެތެރެއިން ގަތުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބައިތޯއެވެ؟
1- ބެންކުން ގެތަކެއް އެޅުމަށްފަހު ވިއްކުމަށްޓަކައި މާކެޓަށް ހުޅުވާލުމެވެ. 2 އަގެއްގައެވެ. ވަގުތުން ފައިސާދެއްކުމުން ވިއްކާ އަގެވެ. ދެވަނަ އަގަކީ (ފުރަތަމަ އަގަށްވުރެ ބޮޑު) ފަހުން ދައްކާގޮތަށް ވިއްކާ އަގެވެ. އެއީ މަހުން މަހަށް ދައްކާ ޚަލާޞްކުރާގޮތަށް ކަމުގައިވިޔަސް ނުވަތަ ވަކި މުއްދަތެއްގެ ކުރިން ގަނޑުކޮށް ދެއްކުން ކަމުގައިވިޔަސްމެއެވެ.
2- ބޯހިޔާވަހިކަން ލިބިގަންނަ ފަރާތާއި ބެންކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް ވެސް އެގޭ އަގެއްގައި ބެންކުން ގެއެއް/އެޕަރޓްމަންޓެއް ގަތުމެވެ. އަދި ބެންކުން ގަތް އަގަށްވުރެ ބޮޑުއަގުގައި ބޯހިޔާވަހިކަން ލިބިގަންނަ މީހާއަށް ބެންކުން ގެ ވިއްކުމެވެ.
3- ބޯހިޔާވަހިކަން ފޯރުކޮށްދޭ ކުންފުނި / ބެންކު ފަދަ ތަންތަނުން ރިބަވީ ލޯނުނަގައި ބިމުގައި ގެއެއް ބިނާކުރުމެވެ. ނުވަތަ އެފައިސާއަށް ގެއެއް ގަތުމެވެ.

މި ތިން ގޮތުން ކުރެ ކޮންމެ ގޮތެއްވެސް މެދުވެރި ވެދާނެއެވެ. އެހެން ކަމުން ތިރީގައި އެވަނީ މި ތިން ޙަލަތުގެ ފިޤްހީ ރައުޔެވެ.

1- ފުރަތަމަ ޙާލަތުގައި އެވާ ފަދައިން ބެންކުން އެފަދަ ގެތަކެއް ބިނާކޮށް އެގެތައް ދެ އަގެއްގައި ވިއްކުމީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ހުއްދަކަމެކެވެ. އެހެނީ މިތާގައި ރިބާގެ މުޢާމަލާތެއް ނުހިގާތީއެވެ. މިތާގައި ސުވާލު އުފެދެނީ ފަހުން ދައްކާތީވެ އަގު ބޮޑުވާ ބޮޑުވުމެވެ. ޙަޤީޤަތަކީ ބޯހިޔާވަހިކަމަށް ބޭނުން ވެފައިވާ މީހާއަށް ދެ އިޚްތިޔާރެއް ހުށަހެޅި އެއިން އޭނާއަށް ލާއިޤުވެގެންވާ ގޮތް އިޚްތިޔާރު ކުރާކުރުމެވެ. މިތާގައި އަޞްލަކީ ދެ އަގެވެ. އަޞްލު އަގު އޮވެފައި އަޞްލުގެ މައްޗަށް ލަސްވާ ލަސްވުމަށް، ކަޑައެޅޭ މިންވަރެއް ނުވަތަ އަގުގެ އިންސައްތައެއް އިތުރުވާ އިތުރުވުމެއް ނޫނެވެ. އެހެނެއްކަމަކު ދެ އަގެކެވެ. އެއްއަގަކީ (6 މިލިއަން) މުޅި އެގްރީމެންޓުގެ ފުރިހަމަ އަގު އެއްފަހަރާ ބެންކަށް ދެއްކާނަމަ ''ގެ/އެޕަރޓްމަންޓް'' ވިއްކާ އަގެވެ. ދެވަނައަގަކީ (6.5 މިލިއަން) މުޅި އެގްރީމެންޓުގެ ފުރިހަމަ އަގު 2 އަހަރު ދުވަހުގެ ތެރޭގައި އިތުރުވުމެއްނެތި އެއްކޮށް ދައްކާ ޚަލާޞްކުރަންޖެހޭ އަގެވެ. މިޙަލަތުގައި 2 އަހަރު ދުވަހުގެ ތެރޭ ބައިބަޔަށް ބަހާލައިގެން ދެއްކުމާއި، ގަނޑުކޮށް އެއްފަހަރާ 2 އަހަރު ދުވަހުގެ ތެރޭގައި ދެއްކުން އެއްގޮތްވެގެން ވެއެވެ. ނަމަވެސް މިތާގައި ފާހަގަކޮށްލަންޖެހޭ ކަމަކީ 2 ވަނަ އަގު ދެއްކުމުގައި ބެންކަށް ދައްކަން ޖެހޭ އަގު ނުދައްކާ ލަސްވާ ލަސްވުމަށް ވަކި ޢަދަދެއް ނުވަތަ އިންސައްތައެއް އިތުރުވާނަމަ އެއީ ރިބާއެވެ. އެކުރެވެނީ ރިބާގެ މުޢާމަލާތެކެވެ.
2- ދެވަނަ ޙާލަތުގައިވާ ފަދައިން ބޯހިޔާވަހިކަމަށް ބޭނުންވާ މީހާއާއި ބެންކާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ބެންކުން ދެފަރާތަށް ވެސް އެގޭ އަގެއްގައި ގެއެއްގަނެ، ބެންކާއި އެއްބަސްވުން ހަދާފައިވާ މީހާއަށް ބެނުްކުން އެގެ ގަތް އަގަށްވުރެ ބޮޑުއަގުގައި (ބެންކަށް ފައިދާ ލާފައި) ވިއްކުމަކީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެކެވެ. އެފަދަ މުޢާމަލާތަށް އިސްލާމީ ޝަރީޢަތުގައި ކިޔަނީ ''ޢަޤްދު މުރާބަޙާ'' އެވެ. ނަމަވެސް ފުރިހަމަ އަގު ދެއްކުމުގެ ބަދަލުގައި އަގުގެ ބައެއް ނުވަތަ އަގު އެއްކޮށް ބައިބަޔަށް ބަހާލެވިގެން ދައްކާ ޚަލާޞްކުރާނަމަ ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ގަނޑުކޮށް ދައްކަން އެއްބަސްވެ އެ މުއްދަތުގައި އަޞްލު އަގުގެ މައްޗަށް އިތުރު އެއްޗެއް (އިންޓްރެސްޓެއް) އިތުރުވާނަމަ އެއީ ރިބާއެވެ. އެފަދަ ޙާލަތުގައި އެމުޢާމަލާތް ހުއްދައެއްނުވާނެއެވެ.
3- ތިންވަނަ ޙާލަތުގައިވާ ފަދައިން ރިބަވީ ލޯނެއް ނަގައި ގެއެއް ބިނާކުރުން ނުވަތަ ގެއެއް ގަތުން ހިމެނެނީ ކަނޑައެޅިގެން ރިބާގެތެރެއިންނެވެ. އެހެނީ އިންޓްރެސްޓް ހިމެނޭ ލޯނަކީ ރިބާގެ ވައްތަރެކެވެ.

ޟަރޫރީ ޙާލަތުގައި ޟަރޫރީ މިންވަރަށް ޙަރާމް ކަމެއް/އެއްޗެއް ހުއްދަކުރެއްވުން:
ޙަރާމް އެއްޗިއްސާއި ކަންކަމަކީ ﷲ ތަޢާލާ އެއްޗަކުން/ކަމަކުން ދުރުހެލުވުން ލާޒިމް ކުރައްވާފައިވާ ކޮންމެ އެއްޗެކެވެ. ކަމެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ އެކަމެއް ނުކޮށް ދޫކޮށްލުމުން ޘަވާބު ލިބޭ ކުރުމުން ޢިޤާބު ލިބޭ ކަންކަމެވެ.
ނަމަވެސް އިސްތިޘްނާއީ ޙާލަތެއް މެދުވެރި ވުމަކީ އެކަށީގެން ވާކަމެކެވެ. އެފަދަ ޙާލަތްތަކަކީ ޟަރޫރީ ޙާލަތެވެ. އެފަދަ ޙާލަތުގައި ކުރުން ޙަރާމްކަމެއް ޟަރޫރީ މިންވަރަށް އަޞްލުން އިސްތިޘްނާކުރެވި ހުއްދަކުރެވެތެވެ. މިސާލަކަށް ސަހަރާއެއްގައި ހާލުގައިޖެހިފައިވާ މީހަކު ދިރިހުންނާނެ މިންވަރަށް އޫރު މަސްކެއުމަކީ ހުއްދަކަމެކެވެ. އަދި ޤުރުޢާނުގެ މުހްކަމް އާޔަތްތަކުގައި މިކަމަށް ދަލިލު ދައްކައިދޭ އެތަކެއް އާޔަތްތަކެއް ވެއެވެ. ނަމަވެސް މިއީ އެ އާޔަތްތައް ބަޔާން ކުރަން އެންމެ އެކަށޭނަ މަވްޤިފް ކަމަށް ނުވާތީ މިވަރުން ފުއްދާލީމެވެ.

ޟަރޫރީ ޙާލަތުގައި ރިބަވީ ބެންކުން ލޯނުނެގުން:
ޟަރޫރީ ޙާލަތަކީ: އިންސާނާ އެޙާލަތެއްގައި ޙަރާމްކަމެއް ނުކޮށް ދޫކޮށްލައިފިނަމަ އޭނާގެ ފުރާނައަށް ޢިރްޟަށް މުދަލަށް ނުރައްކާވެދާނެ ޙާލަތެވެ.

އިންސާނަކު ބޯހިޔާވަހިކަމަށް ޟަރޫރީ މިންވަރަށް ބޭނުންވާ ޙާލަތުގައި ރިބާ ހިމެނޭ މުޢާމަލާތެއްގެ ތެރެއިން، ޟަރޫރީ މިންވަރުގެ ގެއެއް/އެޕަރޓްމަންޓް ގަތުމީ ހުއްދަ ކަމެކެވެ. ނަމަވެސް އެއީ ޝަރުޢީ ގޮތުން ހުއްދަ އެހެން އެއްވެސް ބަދީލެއް ނެތް ޙާލަތުގައެވެ. އިންޓްރެސްޓް ނުހިމެނޭ ސްކީމެއް ނުވަތަ ގޮތެއް އޮތް ހިދެއްގައި އެފަދަ ރިބާ ހިމެނޭ މުޢާމަލާތެއް ނުކުރެވޭނެއެވެ. މިސާލަކަށް:

1- ކުއްޔަށް ހިފުން: ތިމާއާއި ތިމާގެ ބެލެހެއްޓުންތެރިކަމުގެ ތެރޭގައި ތިބި މީހުނަށް އެކަށޭނަ ތަނެއް ކުއްޔަށް ހިފުމުގެ ޤާބިލުކަން ލިބިގެންވާ މީހަކު އެފަދަ ލޯނެއް ނެގުން ހުއްދައެއް ނުވާނެއެވެ. ސަބަބަކީ އޭނާގެ ޟަރޫރަތު ފުއްދޭނެ ޝަރުޢީ ގޮތުން ހުއްދަ ބަދީލެއް އޮތުމެވެ.
2- ބައިބަޔަށް ބަހާލައިގެން ގެއެއް ގަތުން: ތިމާގެ އިޖްތިމާޢީ ފެންވަރާ އެކަށޭނަ ތަނެއް ބައިބަޔަށް ބަހާލައިގެން ކަނޑައެޅޭ މުއްދަތެއްގައި ދައްކާ ޚަލާޞްކުރާ އުޞުލުން ބޯހިޔާވަހިކަން ހޯދުމުގެ ޤާބިލްކަން ލިބިގެންވާމީހާ އެފަދަ ރިބަވީ ލޯނެއް ނަގައި ބޮޑު ގެއެއް އެޅުން ނުވަތަ ގަތުމަކީ ހުއްދަ ކަމެއް ނޫނެވެ.
3- ބައިބަޔަށް ބަހާލައިގެން ތަނެއް ބިނާކުރުން: ކޮންސްޓަރަކްޝަން ކުންފުންޏަކުން ނުވަތަ ހައުސިން ކޯޕަޜޭޝަނަކުން އެކަށޭނަ ތަނެއް ބައިބަޔަށް ބަހާލައިގެން ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި، ކަނޑައެޅިފައި އޮންނަ މިންވަރެއް (އެމިންވަރަކީ ބޯހިޔާވަހިކަން ލިބިގަންނަ މީހާއަށް ތަޙައްމަލު ކުރެވޭ ވަރުގެ މިންވަރެއް) ކޮންމެ މަހަކު ދައްކާ ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން ލިބިގަތުމުގެ ޤާބިލުކަން ލިބިގެންވާ މީހާ އިންޓްރެސްޓް އެކުލެވޭ ގޮތަށް ލޯނެއް ނެގުމީ ހުއްދަ ކަމެއް ނޫނެވެ.

މިފަދަ ބަދީލެއް އޮތް ޙާލަތެއްގައި ނުވަތަ މިނޫންވެސް ޝަރުޢީ ގޮތުން ހުއްދަ ބަދީލެއް އޮތް ޙާލަތެއްގައި އިންޓްރެސްޓް ހިމެނޭ ރިބަވީ މުޢާމަލާތެއް ކުރުމީ ހުއްދަވެގެންވާކަމެއް ނޫނެވެ.

No comments:

Post a Comment