Wednesday 3 March 2010

ހެންވޭރުގެ ޒުވާނުން އިޞްލާޙްވަނީ

އައިޝަތު ސިތުނާ
އަޅުގަނޑުމެން ﷲ ސުބުޙާނަޙޫ ވަތަޢާލާއަށް އީމާންވާންވީ ތެދުހިތުންކަމަށާއި އޭރުން އިއްފަތްތެރިކަމުގެ ގަހަނާއަކީ ކިހާވަރެއްގެ އެއްޗެއްކަން އެނގިގެންދާނެކަމަށް އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ. ޝެއިޚު މިހެންވިދާޅުވީ ހެންވޭރު ޒުވާނުންނާއި އަދާލަތު ޕާޓީ ގުޅިގެން ހެންވޭރުޕާކުގައި ބޭއްވި ދީނީ ދަރުސްގައި ތަޤްރީރު ކުރައްވަމުންނެވެ.

އައްޝައިޚު އިލްޔާސް ހުސެއިން ވިދާޅުވީ އައުރައަކީ ފޮރުވިގެންވާ އެއްޗެއްކަމަށާއި އެ ކަޝްފު ކުރުމަށް ޝައިތާނާ އަބަދުވެސް ވަސްވާސް ދެމުންދާނެކަމަށެވެ. އަދި އިއްފަތްތެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެއްޖެ މީހަކަށް ދެދުނިޔެ ބާއްޖަވެރިވެގެންދާނެކަމަށް އައްޝައިޚް އިލްޔާސް ޙުސައިންގެ ދަރުހުގައި ވިދާޅުވިއެވެ.

އައުރަ ނިވާކުރުމަށް އަންގަވާފައިވަނީ އަޅުގަނޑުމެން ހެއްދެވި މަތިވެރި ރަސްކަލާނގެކަމަށާއި އެހެންކަމުން މިކަމާއި އެއްވެސް މީހަކަށް ދެކޮޅު ނެހެދޭނެކަމަށް ޝައިޚު ވިދާޅުވިއެވެ. އައުރަ ނިވާކުރަންވީ ދީނުގައި އެކަމަށް އަންގަވާފައިވާ ގޮތުގެ މަތިންކަމަށާއި އެނޫންގޮތަކަށް ކަންތަށް ކޮށްފިނަމަ މުޖުތަމަޢު ފަސާދަވެގެންދާނެކަމަށާއި އެކަންތައް މިމުޖުތަމަޢުންވެސް ފެންނަކަމަށް ވިދާޅުވިއެވެ.

ޝައިޚު އިލްޔާސް ދެއްވި ތަޤްރީރުގައި މިހާރު މުޖުތަމައުގައި ހުރި ވަރަށް ގިނަ މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި އެކަންކަން ދީނުގައި އޮތް ގޮތް ހާމަކޮށްދެއްވިއެވެ. ޅަ ދަރިން ތަރުބިއްޔަތުކުރުން ފަދަ ޢާއްމު މައްސަލަތަކަށް ބައްލަވާލައްވަމުން އެކުދިންނަށް ކިޔާނަން ނޫން އެހެން ނަންތަކުން ނުކިޔުމަށާއި ވަނަމަކުން ގޮވާލުމުގެ ބަދަލުގައި ދަރިފުޅާ އެވެ ގޮވާލުމަށް ބާރުއެޅުއްވިއެވެ.

މިދަރުސް އަޑުއެހުމަށްޓަކައި ހެންވޭރު ޕާކަށް ގިނައަދަދަކަށް މީހުން ހާޒިރުވެތިބިކަމަށް ހާމަކުރައްވަމުން، ހެންވޭރު ޒުވާނުން ހާމަކޮށްފައިވަނީ ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ ދަރުސްތައް ދިނުމުގެ ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށެވެ.

މިދަރުސް އިންތިޒާމުކުރުމުގައި އަމަލީގޮތުން ބައިވެރިވި ބައިވެރިޔަކު މިއަދުނޫހަށް މައުލޫމާތުދެމުން ބުނިގޮތުގައި އެމީހުން މިފަދަ ދީނީ ދަރުސްތައް އިންތިޒާމުކުރުމުގެ ބޭނުމަކީ އެސަރަހައްދަކީ އިސްލާމް ދީނަށް ލޯބިކުރާ ޒުވާނުންތަކެއް އުޅޭ ސަރަހައްދަކަށް ހެދުންކަމަށެވެ. ކުރިން އެސަރަހައްދުން ފެނުނުފަދަ މަންޒަރުތައް މިހާރު ނުފެންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް ރަނގަޅު މަންޒަރުތައް ފެންނަން ފަށާނެކަމަށް ވެސް ބުނެފައިވެއެވެ.

” އަޅުގަނޑުމެން ޒުވާނުންނަށް އެކިއެކި ނުރަނގަޅުކަންތައްތައް ކުރެވުނީ ރަނގަޅުމަގު ދައްކައިދޭނެ ބަޔަކު އެކަމަށް އިސްނަގައިގެން މަސައްކަތްނުކުރިތީ. މިހަރު މިދަނީ މަގުފެންނަމުން. އިރާދަކުރެއްވިއްޔާ ދެން އަހަރެމެން ކުރިއަށްދާނީ އެމަގުން. ” ކަމަށްވެސް ބުނެފައިވެއެވެ..

ސޯސް: މިއަދު ނޫސް

3 comments:

  1. އަލްޙަމްދުލިއްލާހި! ހެންވޭރުގެ ތިޔަ ލޮބުވެތި އެންމެހާ ކުދިންނަށް މާތް ﷲ ހެޔޮ ތައުފީޤު ދެއްވާށި. ޤައުމުގައި ހިންގަމުން މިދާ ލާ އިންސާނީ ޢަމަލުތަކުން ހެންވޭރުގެ ލޮބުވެތި އަޚުންނާއި އުޚުތުން ސަލާމަތް ކޮށްދެއްވުމަށް ތިޔަ ކުދިން ތިއަށްވުރެ ހީވާގި ކަމާއެކު މަސައްކަތް ކޮށްދެއްވުމީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. މާދަމާވެސް މަރުވީމާ ދާން އޮތް ދާއިމީ ގޯތީގެ ފޮނިމޭވާ ލިބިގަތުމައްޓަކައި މަސައްކަތް ކުރަން އޮތީ ވަރަށް ކުޑަކުޑަ ވަގުތު ކޮޅެއް. ހެންވޭރުން ތިކަމުގައި އިސްވެ ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހެންވޭރެކޭ އެއްފަދައިން އެހެން އަވަށް ތަކުންވެސް ތިފަދަ ދަރުސްތައް ރާވާ ހިންގުމީ ހަމަޔަޤީނުންވެސް އޭގެ ފައިދާ މުޅި ޤައުމަށް ލިބިގެން ދާނޭ ކަމެއް. އަދާލަތު ޕާޓީގެ ދީނީ އެންމެހާ ބޭފުޅުން ތިޔަ ކުރައްވާ ބުރަ މަސައްކަތްތަކުގައި ﷲ ބަރަކާތް ލައްވާށި. އާމީން.

    ReplyDelete
  2. ހެންވޭރު ޒުވާނުން ގެ މި އިސްނެގުމަކީ މާލޭގެ އެހެން އަވަށްތަކަށް ރަގަޅު ނަމޫނާއެކެވެ. ދީނީ ހޭލުންތެރިކަން އާންމު ކުރުމަކީ މި ވަގުތު މުޅި ރާއްޖެއަށް އެންމެ ބޭނުންތެރި ކަންތަކެވެ. މަސްތުވާތަކެއްޗާއި ކަޓަރުއެޅުންތައް އަދި ވައްކަންކުރުން ރާއްޖޭގައި ހައްދު ފަހަނައަޅާ މި ދިޔައީ ދީނީ ހޭލުންތެރިކަން އާންމު ނުވުމުގެ ސަބަބުންނެވެ. އަދި ރަސްމީ ބައެއް މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތް އުފެދެން ދިމާވާ ސަބަބަކީ ވެސް އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި މަސްއޫލު ވެރީންގެ ހިތުގައި ދީނީ ރޫޙު ކުޑަވެ ކީރިތި މާތް ﷲ ހުރިހާ ކަމެއް ބައްލަވާވޮޑިގެން ވާކަން ހަދާންނެތިގެން ދިޔުމެވެ. މި ބަލީގެ ފަރުވާ އަކީ ދީނީ ހޭލުންތެރިކަން ޢާންމު ކުރުން ކަމަށްް ވާ އިރު މި ކަމަށް އިސްނަގާ ކޮންމެ ފަރާތަކަށް ހިތްވަރު ދިނުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ. އަދި މި ކަމުގައި މަދަނީ ޖަމްޢިއްޔާތަކާއި ވިޔަފާރިވެރީންނާއި ސިޔާސީ ހުރިހާ ޕާޓީތަކާއި ދީން އުގެނިގެން ތިއްބެވި ޢިލްމު ވެރީންނާއި އަދި ދީނީ ޢިލްމު ނޫން އެހެނިހެން ޢިލްމުތަކުން ސްޕެޝަލައިޒް ވެގެން ތިއްބެވި ބޭފުޅުން އެއްބާރުލައްވާ މަސައްކަތް ކުރައްވަން ވެއްޖެއެވެ.

    ReplyDelete
  3. alhamdhu lillahi

    ReplyDelete