Monday 19 October 2009

އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް ޤާނޫނު ހެދުމުގެ ބާރެއް ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއްނުވެއެވެ.
މުހައްމަދު އިސްމާއިލް
ރަސޫލު ޒަމާނުގައި ކަންކުރި ގޮތަށް މިހާރު ކަންކަން ނުކުރެވުމަކީ، އިސްލާމީ ޝަރީޢަތާއި ޚިލާފު ވުމަށް ދެއްކޭނެ އުޒުރެއް ނޫނެވެ. ވައްކަން ކުރާ މީހުންގެ އަތް ކެނޑުމާއި، މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އަންގަވާފައިވަނީ ހަމައެކަނި ވަކި ޒަމާނެއްގެ ބަޔަކަށް ނޫނެވެ. އިސްލާމީ ޝަރީޢަތް ނުވަތަ މުސްލިމުންގެ މައްޗަށް ބާވާލެއްވި ޤާނޫނަކީ މިބިންމަތީ ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ކުރާ އަދި މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް އަކީ ﷲ ގެ ރަސޫލާކަމަށް ޤަބޫލު ކުރާ ކޮންމެ އިންސާނަކަށް ކޮންމެ ޒަމާނެއްގައި ވެސް އެއެއްޗެއްގެ މައްޗަށް އަމަލު ކުރުން ލާޒިމު ކުރައްވާފައިވާ އެއްޗެކެވެ.

ރައީސް ނަޝީދުގެ ރޭޑިޔޯ ތަގްރީރުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަށް ފާޑު ކިޔުމުގެ އިތުރުން އިސްލާމީ ޝަރީޢަތާއި ދެކޮޅު ހެއްދެވި ކަމީ ދެރަވެ ހިތާމަކުރާ ކަމެކެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ރައީސަކު ހަތް އުޑު މަތިން ﷲ ބާވާލެއްވި ގާނޫނު ވަކި ޒަމާނަކާ މަތި ކުރުވާ އެޝަރީޢަތުގެ ހައްދުތަކާއި ޚިލާފަށް ވާހަކަ ދެއްކެވުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތު އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވެމުންދާ މިދަނޑިވަޅުގައި ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އެދެއްވީ ވަރަށް ނުރައްކާތެރި މެސެޖެކެވެ.
އިސްލާމް ދީން މިބިންމަތިން ފުހެލުމަށްޓަކައި ޔަހޫދީން އެކި ދުވަސްވަރު ކުރަމުންދަނީ ތަފާތު ކަންތައްތަކެވެ. ކަނޑި އާއި ބަޑިން ހަނގުރާމަ ކޮށްގެން މުސްލިމުން ބަލި ނުކުރެވޭނެކަން އެނގުމުން އެޔަހޫދީން ބޭނުން ކުރަން ފެށީ އެއަށްވުރެ ވަރުގަދަ ހަތިޔާރެކެވެ. އާދެ، މުސްލިމުންގެ މެދުގައި ދީނާއި މެދު ޝައްކު އުފެއްދުމުގެ ހަނގުރާމައެކެވެ. ފިކުރީ ގޮތުން ކުރެވޭ މިހަނގުރާމައިގައި އެންމެ ފުރަތަމަ ވެސް އެބައިމީހުން ކުރަމުންދާ ކަމަކީ އިސްލާމީ ޝަރީއަތާއި މެދު މުސްލިމުން ތަކުގެ މެދުގައި ޝައްކު އުފެއްދުމެވެ.
ރައީސް ނަޝީދުގެ އަމިއްލަ ޚިޔާލު ދިވެހިރައްޔިތުންނާއި ހިއްސާ ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ތިމާއަށް ފެންނަ ގޮތަކީ މިއީ އޭ ބުނެ ﷲ ޝަރީޢަތަކާއި ދެކޮޅެއް ނުހެދޭނެއެވެ. ﷲ ކަނޑައަޅާފައިވާ ޙުކުމަކަށް ފާޑުކިޔާ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ހައްޤެއް އެއްވެސް މީހަކަށް ނުވެއެވެ.
ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމަށެވެ. އެމާއްދާގެ ށ ގައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ. އިސްލާމްދީނުގެ އަޞްލު ތަކަކީ ކޮބައިކަން ވެސް އެޤާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފައެވެ. ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގައި “އިސްލާމްދީނުގެ އަޞްލު” ކަމުގައި ބުނެފައިވަނީ ކީރީތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މިދެއަޞްލުން ދޭހަކޮށްދޭ އުޞޫލުތަކަށެވެ. އަދި “އިސްލާމީ ޝަރީޢަތް” ކަމަށް ބުނެފައިވަނީ ކީރީތި ޤުރުއާނާއި، ސުންނަތުގައިވާ ޖިނާއީ، މަދަނީ، އަލްއަޙްވާލުއްޝަޚްޞިއްޔާ އާއި މިނޫންވެސް ކަންތައްތަކާ ގުޅިފައިވާ އަހްލުއްސުއްނަތި ވަލް ޖަމާޢަތުގެ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތަށެވެ. ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ނ) ގައި ވަނީ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ޤާނޫނެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮސްގެން ނުވާނެކަމަށެވެ. ކަންމިހެން އޮތްއިރު ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ޢަމަލު ކުރުމުގެ އެއްވެސް އިޚްތިޔާރެއް، ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަކަށް ލިބިގެނެއް ނުވެއެވެ.

ނޯޓް: މިލިޔުމަކީ ކުޅުދުއްފުށިޑޮޓްކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

No comments:

Post a Comment