Thursday 29 April 2010

ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ

ޑރ މަޢުރޫފް ޙުސައިން
ދިވެހިރާއްޖެ މިއަދު މިވަނީ ރުހޭބަޔަކު ރުހުނަސް ނުވަތަ ނުރުހޭ ބަޔަކު ނުރުހުނަސް ޑިމޮކްރަސީ ނިޒާމްގެ ތެރެއަށް ދީލާލާފައެވެ. ޑިމޮކްރަސީގެ މާނަޔަކީ ގިނަބަޔަކަށް ފެންނަގޮތަށް ކަންތައް ގެންދިއުމެވެ. އާދެ، އަޣްލަބިއްޔަތު ނިޒާމެވެ. މިތާގައި ގިނަބައެކޭ މިބުނެވޭ ބަހުގެ ޙަގީގީ މާނައެއް ކަމުގައިވެފައި އޮންނަނީ ގާނޫނު ހަދާ މަޖިލީހުގައި އޭރަކު އެތިބޭ މީހުންގެ ތެރެއިން ގިނަބަޔަކަށް ފެންނަ ގޮތުގެ ވާހަކައެވެ. މިހިސާބުން ހުއްޓި މި ދެންނެވުނު މަޖިލީހާއި ދިމާލަށް ބަލާލަން އެބަޖެހެއެވެ. އެތާގައި ކަންތައް ހިނގަމުންދާގޮތަކީ އަޅުގަނޑުމެންގެ ކުރިމަތީގައި ދިމާލަށް ފެންނަން ހުރި ޙަގީގަތެކެވެ. އެގޮނޑިތަކުގައި އިށީދެތިބެގެން އެކަކު އަނެކަކަށް "ޢިއްޒަތްތެރި" ކަމުގެ ލަގަބު ދީގެންތިބި މީހުންގެ ކިބައިގައިހުރި އިޚުލާޞްތެރި ކަމާއި ތިމާމެން ނިސްބަތްވާ ޕާރޓީގެ މަސްަޙަތުގެ ކުރިޔަށް ދީނާއި ގައުމުގެ މަސްލަޙަތު ނެރޭމިންވަރުވެސް މިދަނީ ލޮލުންފެނި އަތުންހިފެމުންނެވެ.

އަޅުގަނޑަށްފެންނަގޮތުގައި އެތާގައި އަރައިރުންވެ ތަޅާފޮޅާންތިބި "ޢިއްޒަތްތެރިން" ގެތެރެއިން ގިނަބަޔަކު އެއްގަލަކަށް އަރަނީ ހަމަ އެންމެ މަސްއަލައެއްގައެވެ. އެއީ ދީނާއިގުޅުންހުރި އެކިއެކި ބިލްތައް އެމާތް ގެކޮޅުގެ ތަޅަމަށްވެސް ނާރުވާ ބޭރުކޮށްލުމުގައެވެ. ނުވަތަ ކޮންމެވެސް ގޮތަކުން ތަޅަމާއިހަމަޔަށް ގެނެވިއްޖެނަމަ އެއަށް ހަޖޫކިޔައި އެބިލެއް ބޭކާރުކޮށްލުމުގައެވެ. އެތާގައި އެކިއެކި "ޢިއްޒަތްތެރީން" ދައްކާފައިހުރި ވާހަކަތަކުން އެމީހުންގެ ކިބައިގައި މި ލޮބުވެތި ވަޠަނަށާއި މިމާތް ދީނަންހުރީ ކިހާވަރެއްގެ ލޯތްބެއް ކަން ފާޅުވަމުންދެއެވެ

ދިވެހިރާއްޖޭގެ ގާނޫނުހަދާ ގެއަކީ މިވަގުތުވެރިކަންކުރާ ޕާރޓީއާއި ވެރިކަމުންވެއްޓުމުން އަލުންއަރާން މަސައްކަތްކުރާ ޕާރޓީއާއި ދެބައިމީހުން ބަނޑުމުސާރަޔަށްބައްދާން އޮތް ގުޅަކުޅޭފަސްގަނޑަކަށްވެފައިވާއިރު ދިވެހިރާއްޖޭގެ އެކިއެކި ރަށްރަށުންވެސް ތަކުރާރުވެ ތަމްސީލުވެގެންދަނީ ހަމަ މިމަންޒަރެވެ. ކުދިކުދި ރަށްރަށުގެ މުޖުތަމަޢުތައްވަނީ ބައިބައިވެފައެވެ. އެއްބަޔަކު އަނެއްބަޔަކަށް އެއްޗެތިކިއުމާއި، ލަޢުނަތްދިނުމާއި، ތަޅާފޮޅުމާއި، މުދަލަށާއި ޖާނަށް ގެއްލުން ދިނުމަކީ ޢާންމުކަމަކަށް ވަނީ ވެފައެވެ. މިކަންތައް ގޮސްފައިވާ ހިސާބު ދާދިފަހުން އަޅުގަނޑު ކުރި ދަތުރެއްގައި ވަރަށްކާރީން ފެނުމުގެ ފުރުސަތު ލިބުނެވެ. އެއްބަޔަކު އަނެއްބައެއްގެ ހަރުގެ ތައް ސުންނާފަތިކޮށްލާފައި ހުރިތަން އަޅުގަނޑުމެންނަށް ދެއްކިއެވެ. މިނަފްރަތުގެ އަލިފާންގަނޑުގެ ތެރޭގައި ހަލާކުކުރަނީ ހަރުގެތައް އެކަންޏެއްނޫން އިގޭތޯއެވެ. ރޯގަސްގަހާގެހި ވެސް މެއެވެ. އެއްބަޔަކު ހިޔާވެލާން ވަންނަ ގަސްތައް އަނެއްބަޔަކު ކަނޑާލަނީއެވެ. މިގޮަތަށް ކަނޑާވައްޓާލާފައިވާ އެތައްގަހެއް އަޅުގަނޑުމެނަށް ދެއްކިއެވެ. މިހާލުގައި ރައްޔަތުން ފާޑެއްގެ މަސްތެއްގައި ތިއްބާ މިއިން ކޮންމެ ޕާރޓީއަކުންވެސް އެރަށްރަށަށް އަރައި ޖަލްސާތައްބާއްވައި އަނދަމުންދާ އަލިފާންގަނޑަށް ދަރުއަޅަމުންދެއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

ރަށްރަށުގެ އިޖުތިމާޢީ ޙާލަތު މިފަދަ ދަރަޖައަކަށް ދަށަށްގޮސް ދޭދޭދެމަފިރިންނާއި މައިންބަފައިންނާއި ދަރިންގެ ދޭތެރެއަށް ޕާރޓީ ވާދަވެރިކަމާއި ރުޅިވެރިކަން ވަނދެފައިވާއިރު މިއަށްވުރެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ އަޅުގަނޑުމެންގެ ދީނަށެވެ. ސެކިއުލަރ އުސޫލަށް ތަބާވާ ލާދީނީ މީހުންގެ ފަރާތުންނެވެ. މިފަދަ މީހުންނަކީ އިހުގައިވެސް އަދި މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ތިބިބައެކެވެ. ސަރުކާރުގެ އެތެރޭގައްޔާއި ސަރުކާރުގެ ބޭރުގައެވެ. ރާއްޖޭގައްޔާއި ރާއްޖޭން ބޭރުގައެވެ. މިފަދަމީހުންގެ ނުފޫޒު އޭރަކު އެއޮންނަ ސަރުކާރަކަށް ނުހަނު ބޮޑަށް ފޯރައެވެެ. އަދިވަކީން ބޮޑަށް ޑިމޮކްރަސީގެ ނިޒާމް ގާއިމްވެ ބޭރުގެ ނުފޫޒުތަކަށް ރާއްޖެ ހުޅުވާލެވިފައިވާ މިޒަމާނުގައި މިކަމުގެ ނުރައްކާތެރިކަން ބޮޑުވާނެކަމީ ފެންނާންއޮތް ޙަގީގަތެކެވެ. "ދިވެހީންގެ އެކުވެރީން" ނޭ ކިޔައިގެން ނުވަތަ މިނޫނަސް އެކިއެކި ނަންނަމުގައި މިޝަނަރީން ނިކަން ފޯރިއާއިއެކީ މަސައްކަތް ކުރަމުންގެންދާ ކަމީ ކޮންމެ ދިވެއްސަކު ވިސްނާފިކުރު ކުރާންވެއްޖެ ކަމެކެވެ. ދީނަށް އެކިގޮތްގޮތުން ކުރެވެމުން މިދާ ފުރައްސާރަޔަކީ ދިވެހިން ވަރަށް ސީރިޔަސްކޮށް ވިސްނާން ވެއްޖެ ކަމެކެވެ.

އެކެއްދެމީހެއްގެ ޒާތީ މަސްލަޙަތު ކުރިޔަށް އެރުވުމަށްޓަކައި ދާދިފަހުން ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ރާއްޖޭގެ ގާނޫނުތަކާއި ގަވާޢިދު ތައް ބަދަލު ކުރާން އުޅުމުން ކަންތައްހިގާދިޔަ ގޮތުން ދިވެހީންތިބީ މިކަންތަކަށް ފިސާރި ހޭލާކަމުގެ ނިޝާންތަކެއް ފެނިގެން ދިޔައެވެ. އެކަމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އެކިއެކިކަންކޮޅުތަކުން މީހުން ނިކުތީ ޕާރޓީ ވާދަވެރިކަމާއި ޢަޞަބިއްޔަތު ދޫކޮށްލާފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިވާނޭ ކަމުގައި ފެނެއެވެ. މިފަދަ ކޮންމެ ދަނޑިވަޅެއްގައިވެސް ދިވެހި ކޮންމެ ދަރިޔަކު ތެދުވާންވާނީ ހަމަ މިރޫޙުގައެވެ. ސަބަބަކީ، އެތަނެއްގެ ގާނޫނު އަސާސީގައި އެގައުމެއްގެ ރައްޔަތަކަށްވެވޭނީ ހަމައެކަނި މުސްލިމަކަށްކަމުގައި ލިޔެވިގެންވާ އެއްވެސް ގައުމެއް މިދިވެހިރާއްޖެ ނޫނީ މުޅިދުނިޔޭގައިވެސް ވާކަމަކަށް ނުވެއެވެ. މިމާއްދާ ބަދަލު ކޮށްލަން ބޭނުންވާ އެތައްބަޔަކު މިރާއްޖޭގައި އެބަތިއްބެވެ. 300 އަށްވުރެ ގިނަ ދިވެހި ކްރިސްޓިއަނުން އެބަތިބިކަމަށް މީހުުން ބުނާތީ އެބައިވެއެވެ. މިހެންއޮތުމުގެ ސަބަބުން ތިމަންނަމެން ފަކީރުން މިތިބީ އެކޮޅަށްވެސް މިކޮޅަށްވެސް ލައްވާނުލާ ކަމުގައި މިވެރީން އެބަރޮއިހޭރި ދަޢުވާ އެބަ ކުރެއެވެ. ހަނދާނަށް އަންނަނީ މި ދައުރު ފެށުނު ދުވަސްވަރު ދަރުމައިގެ މަސްއޫލު ވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ފޮނުއްވި ސިޓީއުރައެއްގައި ވާ ލިއުންކޮޅެކެވެ. އެއީ އިގިރޭސިވިލާތުގެ ކޮންސަރވޭޓިވް ޕާރޓީގެ އިސްމީހުންގެ ވެބްސައިޓްގައި އެމީހުންގެ އިސްބައެއް މީހުން ލިޔެފައިވާ ލިއުންތަކެކެވެ. މީގައި ލިޔެފައިވާ މީހުންގެ ތެރޭގައި ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންވެސް ހިމެނެއެވެ. އަލަށް ދިވެހިރާއްޖޭގައި ހޮވުނު ސަރުކާރު ހޮވުނީ އެމީހުންގެ ވަރަށް ބޮޑުއެހީތެރިކަމާއި ލައިގެން ކަމާއި އަދި އާސަރުކާރުގައި އެމީހުންގެ ނުފޫޒު އޮތްކަމާއި އަދި ބަސްވިކޭނޭ ކަމުގައްޔާއި އަދި އެމީހުން އެންމެ ބޮލުގައި ރިއްސާކަމަކީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ދިވެއްސަކަށް ވެވޭނީ ހަމައެކަނި މުސްލިމަކަށް ވެގެން ކަމުގައި ލިޔެފައިވާ ޢިބާރަތް އަދިވެސް އޮންނަ އޮތުން ކަމުގައި ކަމުގައި ބުނުމަށްފަހުގައި ލިޔެފައިވެއެވެ.

“real opportunity for Conservative shadow ministers to exercise quiet diplomacy behind the scenes.”

މާނަޔަކީ: "މިއީ އަހަރެމެން ކޮންސަރވޭޓިވް ޕާރޓީގެ ހިޔަނި ކެބިނެޓްގެ ވަޒީރުންނަށް ފަރުދާގެ އަނެއްފަރާތުގައި ތިބެގެން މިކަމަށް ބާރުއަޅައި ޕްރެޝަރ ކުރުމަށް ލިބިފައިއޮތް ރަނުގެ ފުރުޞަތެކެވެ."

ލޮބުވެތި ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ފަރުދާގެ އަނެއްފަރާތުގައި ބަޔަކު ކޮށްފާނޭ ކަމަކަށް ވިސްނައި ފާރަވެރިވެގެން ތިބޭހުށި ކަމެވެ! ތިޔައިން އެއްވެސް ބޭފުޅަކު މަރުވުމަށްފަހު ކުރެވޭ ސުވާލު ތަކުގައި ތިބާ އުޅުނީ ކޮންޕާރޓީއެއްގައިތޯ ސުވާލުކުރައްވާނެކަމަކަށް އަޅުގަނޑަށް ހިޔެއް ނުވެއެވެ. ނަމަވެސް އިސްލާމަދީނަށް ގޮންޖަހައި ދީން ނައްތާލުމަށް ބަޔަކު މަސައްކަތް ކުރިއިރު ތިބާ ހެދީ ކިހިނެއްތޯ ސުވާލު އައުން އެކަށީގެން ވެއެވެ. މިއަދު މިއޮތީ ކޮންމެ ދިވެއްސަކުވެސް އެމީހަކު ނިސްބަތްވާ ޕާރޓީ ދީނާއި ގައުމަށް ވަފާތެރިކަން ހުރި މިންވަރުގެ ތަރާދުން ކިރާލަން ޖެހިފައެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. drmauroof.blogspot.com އިން ނަގާފައި

Read more...

Thursday 22 April 2010

ގައުމުގައި ތިބި ސެކިއުލަރރިސްޓުން އެންމެ ބޭނުންވަނީ ދީނަށް ލޯބިކުރާ ފަރާތްތައް ބައިބައިކޮށްލުން – ޝަހީމު

ހަބަރު: ދިއިސްލާމް ޑެއިލީ
ޝަހީމުމިހެން ވިދާޅުވީ ޢަދާލަތު ޕާޓީގެ ފަރާތުން ޒުވާނުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވަމުންގެންދަވާ ސިލްސިލާ ބައްދަލުވުމުގެތެރެއިން ރޭގައި، ޢަދާލަތު ޕާޓީގެ މެންބަރުންގެ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

ޝަހީމު ވިދާޅުވީ ގައުމުގައި ޢަލްމާނީ ފިކުރު ފަތުރަމުންދާ ފަރާތްތަކުން، ދީނަށް ލޯބިކުރާ ފަރާތްތައް ބައިބައި ކޮށްލުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ދީނަށް ލޯބިކުރާ ޖަމްޢިއްޔާތަކުގެ މެދުގައި ބައިބައި ކުރުމަށް ރޭވުންތަކެއް ރާވަމުންދާ ކަމަށާއި، ޙާއްސަކޮށް ޖަމްޢިއްޔަތުއް ސަލަފާއި ޢަދާލަތު ޕާޓީއާއި ދެމެދު ބައިބައިވުން އުފެއްދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިކަމާމެދު ދީނަށް ލޯބިކުރާ ހުރިހާ ފަރާތްތަކުން ވިސްނެވުމަށްވެސް ޝަހީމުވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ ގައުމުގައި ފަތުރެމުންދާ ޢަލްމާނިއްޔަތާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ހަމަޙަޤީގަތުގައިވެސް ދީނަށް ލޯބިކުރާފަރާތްތަކުން، އެއްބައިވެގެން ނޫނީ މިކަމާއި ދެކޮޅަށް މަސައްކަތް ނުކުރެވޭނެކަމަށް ޝަހީމުވިދާޅުވިއެވެ.

މިބައްދަލުވުމުގައި ޒުވާނަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަހީމު ވިދާޅުވީ އެއްވެސް ޢިލުމުވެރި ބޭފުޅަކާއިމެދު ފިޔަވަޅެއް ނާޅުއްވާނެކަމަށާއި، ދީނީ ދަޢުވަތު ފެތުރުމުގައި، އިލުމުވެރިން ވިސްނާވަޑައިގެން، ކެތްތެރިކަމާއެކު ކުރިއަށްދާންވީ ކަމުގައި ޝަހީމު ވިދާޅުވިއެވެ.

މިފަހަކަށް އައިސް ދީނަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައިވަނީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް އުފެދިފައެވެ. ނަމަވެސް މިގައުމުގެ ނަވުގެ އެންމެ އުސް ކުރިބޯށީގައި، ތިބި ބަޔަކު މަސައްކަތް ކުރަމުން ގެންދަނީ އެބައިމީހުން އެދޭ އެދުން ޙާޞިލުކުރުމަށްޓަކައި، ދީނަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ފިތުނަ އުފެއްދުމަށެވެ.

Read more...

Thursday 15 April 2010

ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމުގެ ކޮޅުމަތި ފެންނަން ފަށައިފި

ރާއްޖެއިސްލާމް
ރާއްޖޭގައި ދީނީ ހޭލުންތެރިކަން ވަރަށްބޮޑުތަން އިތުރުވެގެން ހިނގައްޖެކަމަށް ދިރާސާއަކުން ދައްކައިފި.

ދިވެހިރާއްޖޭގައި ފާއިތުވެދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދީނީ ހޭލުންތެރިކަން ވަރަށްބޮޑަށް އިތުރުވެގެން ހިންގައްޖެކަމަށް މިސައިޓުގެފަރާތުން ކުރި ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ވަރަށްގިނަ ފަރާތްތަކެއްގެ ތަފާތު ޚިޔާލުތައް ވަނީ ތަޙުލީލުކުރެވިފައެވެ. އެ ހުރިހާބޭފުޅުންވެސް އެއްކަމަކަށްވަނީ އިއްތިފާޤުވެލައްވާފައެވެ. އެއީ މިދިޔަ އަހަރެއްހާދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތެއްގައިވެސް ނަމާދު ކުރާމީހުންގެ ޢަދަދު ދެ ގުނައަށް އިތުރުވެގެންދިޔަކަމެވެ.

އަޅުގަނޑުމެންގެ ދިރާސާގައި ދީނީހޭލުންތެރިކަން އިތުރުވެގެންދިޔަ ސަބަބުތަކާއި ގުޅޭގޮތުން އެކިއެކިބޭފުޅުން ފާޅުކުރައްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ބައެއް ކަންތައްތައް ހިމަނާލާނަމެވެ.

1- ކުރީގެ މައުމޫނުސަރުކާރުގައި ދީނީ ދަޢުވަތަށް އޮތް ހިފެހެއްޓުން ނަޝީދުގެ ސަރުކާރުން ދޫކޮށްލައި ދީނީ ދަޢުވަތު ދިނުމުގައި މިނިވަންކަން ދީފައިވުން.
2- ދީނަށް ދަޢުވަތުދޭ ޖަމާޢަތްތައް ގިނަވެ ގިނަ ޢިލްމުވެރިންތަކެއްގެ ދަރުސްތައް އާއްމުންނަށް ލިބިގެން ދިއުން.
3- އަދާލަތު ޕާޓީ ސަރުކާރުގެ ބައެއްގެ ގޮތުގައި އޮތުން.
4- ދީނަށް ލޯބިކުރާ ވަކިވަކި ފަރުދުންގެ މަސައްކަތްތައް ގިނަވުން.
5- ރޭޑިއޯއެޓޯލްގެ ދައުރު ރަނގަޅުވުން.

މިއީ ދިރާސާގައި މައިގަނޑުގޮތެއްގައި ގިނަ ބޭފުޅުންގެ ޚިޔާލު ހުރިގޮތެވެ. ގިނަބޭފުޅުން ވިދާޅުވެފައިވަނީ ރާއްޖޭގައި ދީނީހޭލުންތެރިކަން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއްސަބަބަކީ ކުރީގެ މައުމޫނުސަރުކާރުގައި ދީނީ ދަޢުވަތަށް އޮތް ހުރަސްތަކާއި ހިފެހެއްޓުންތައް ނަޝީދުގެ ސަރުކާރުން ދޫކޮށްލައި ދީނީ ދަޢުވަތު ދިނުމުގައި މިނިވަންކަންދިނުމެވެ. މިހެންވުމުގެ ސަބަބުން ޢިލްމުވެރިން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމު އޭގެ އެންމެ ފުރިހަމަގޮތުގައި އާއްމުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ދިޔައީއެވެ.

ކޮންމެއަކަސް ޔަޤީނުންވެސް އެނގޭކަމަކީ ދީނީ ހޭލުންތެރިކަން ވަރަށް ބޮޑުތަން އިތުރުވެގެން ދިޔަކަމެވެ. ބަންގިގޮވީމައި މިސްކިތަށް ނަމާދަށްއަރާ މީހުންގެ އަދަދު އިތުރުވެގެން ގޮސްފައިވުމެވެ. ދަރުސްތައް އަޑުއެހުމަށްޓަކައި ދާމީހުން ގިނަވިކަމެވެ. ވަރަށްގިނަ އަންހެން ކަނބަލުން އެކަނބަލުންގެ އައުރަ ނިވާކުރިކަމެވެ.

މީގެ އިތުރުން ލާދީނީ ފިކުރުގެ މީހުންގެއަޑު ކުރިއަށްވުރެ ބާރަށް އެއްވެސް ޖެހިލުމެއްނެތި ފާޅުކަން ބޮޑުގޮތެއްގައި އިވޭ އިވުމަކީ އިސްލާމްދީނަށް ލޯބިކުރާމީހުން އިތުރުވެގެންދާކަމުގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ޢަލާމާތެވެ.

އެއްވެސް އޮޅުމެއް ނެތްގޮތުގައި ދީނީ ހޭލުންތެރިކަން އިތުރުވެގެންދާ، މިފަދަ ދަނޑިވަޅެއްގައި، އެކަމާމެދު ނުރުހުންތެރިވާ ބަޔަކު ދީނާ ދެކޮޅު ޙަރަކާތްތައް އިތުރު ކުރާނެކަން ކަށަވަރެވެ. އެކަމުގެ ހެއްކެއްގެ ގޮތުން މިހާރު އިންތިޒާމު ކުރެވެމުންދާ އިންޓަނޭޝަނަލް ފެންވަރުގެ މިޔުޒިކް ޝޯތަކާއި، ސެކިޔުލަރިސްޓް ހަރަކާތްތައް ގިނަވެގެންދާކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި ބަޔަކު މީހުން ފާޅުގައި ނުކުތުމާއި، ދީނީ ދަރުސްތަކުގައި ވަކިކަހަލަ ވާހަކަތަކެއް މެނުވީ ނުދެއްކުމަށް ދެވޭ އިންޒާރުތައްވެސް ދިވެހިރާއްޖޭގެ މަޞްރަޙުން ދަނީ ފެންނަމުންނެވެ.

އުފަލާއެކު ފާހަގަ ކޮށްލަންޖެހޭ ކަމަކީ، ދިވެހީންގެ ގިނަބަޔަކީ ދީނީ މަޢްލޫމާތު އިތުރުކުރަމަށް ލޯބިވާބަޔަކުކަން މިފަދަ ދިރާސާތަކުން ހާމަވެގެންދާކަމާއި، އަދި ރަނގަޅު މަޢުލޫމާތު ލިބުމުން އެއަށް ކޮންމެ ބޭފުޅަކުވެސް އިތުބާރު ކުރައްވާކަމެވެ.

ނޯޓް: މިލިޔުމަކީ ރާއްޖެއިސްލާމްއިން ނަގާފައިވާ ލިޔުމެއް


Read more...