Showing posts with label sunnah. Show all posts
Showing posts with label sunnah. Show all posts

Friday, 20 November 2009

ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން

ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން
ލިޔުނީ: ޝެއިޚް އާދަމް ނަސީމް (ބީ.އޭ)
ﷲގެ އިސްމުފުޅުން ފަށަމެވެ.
އިސްލާމްދީނުގެ ނަމުގައި މަސްއަލާތަކާމެދު ވާހަކަދައްކާ ކަމުގައިވަނީނަމަ، ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކެއް ހުރެއެވެ. މިދެންނެވި އުޞޫލުތަކަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކެވެ. އެއީ (1) ކީރިތި ޤުރުއާން (2) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތް (3) ދަންނަބޭކަލުންގެ އިޖްމާޢު (4) ޤިޔާސްކުރުން. މިއެވެ. މި އުޞޫލުތަކުގެ މައްޗަށް ބިނާކޮށްގެން މެނުވީ އިސްލާމްދީނުގެ އެއްވެސް ކަމަކާމެދު ވާހަކައެއް ނުދެއްކޭނެއެވެ. އެކަމަކީ އިންޓަރނޭޝަނަލް މަސްއަލާއެއް ކަމުގައި ވިޔަސް ވެހެވެ. އިސްލާމްދީނަކީ އިންޓަރނޭޝަނަލްދީނެވެ. މި މާތްދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތަކާ އެއްގޮތަށް އެތައް ޤަރުނެއް ވަންދެން މުސްލިމުންވަނީ ދުނިޔޭގައި ވެރިކަން ކޮށްފައެވެ. ޢަދުލު އިންސާފު ޤާއިމުކޮށްދީފައެވެ. އިންސާނީ ޙައްޤުތައްވަނީ އެންމެ ދެރަ ނިކަމެތިންނަށްވެސް ހޯދައިދީފައެވެ. ޖާހިލުކަމުގެ އަދިރިކަމުން ހިދާޔަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރެދީފައެވެ. ސައެންސުގެ ރޮގުގައި ކުރިއަށް ދިޔުމުގެ ބިންގާ އަޅައިދީފައެވެ…. އަދިވެސް އެތައް އެތައް ރޮގެއްގައި އިންސާނިއްޔަތަށް އަލިމަގެއް ކޮށައިދީފައެވެ. އިސްލާމްދީނުގެ އިމުގެ ތެރޭގައެވެ. މިދެންނެވި އިމުގެ ތެރެއިން ބޭރުނުވެ، ތަރައްޤީގެ މަގުތައް ހޯދައިދީފައެވެ

ދެންފަހެ މިހާރު، ދިވެހިރާއްޖޭގައި ޑރ.ކަމާލީ ވިދާޅުވާ ކަމުގައިވެއެވެ. “އަޅުގަނޑު ދަންނަވާފައިވާނެ. އިސްލާމްދީން އެހެންދީންތަކަށް އުޅުން މަނާ ނުކުރާކަމަށް. އަދި ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކޮށްފައި ވާކަމަށް. މިގޮތުން ޤުރުއާނުގައި ސާފުކޮށް ބަޔާންކުރޭ “لاَ إِكْرَاهَ فِي الدِّينِ” އެއީ ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް.” (މިނިވަން: 01 ނޮވެމްބަރ 2007) ފަހެ ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކުރައްވާފައިވާ ކަމަށް ވިދާޅުވެ، ސޫރަތުލް ބަޤަރާގެ 256 ވަނަ އާޔަތް ވިދާޅުވާއިރު، އެވިދާޅުވާ ދީނީ މިނިވަންކަމާ މިއާޔަތާ ހުރި ގުޅުމަކީ ކޮބައިބާވައެވެ! އާޔަތްތައް ތަފްސީރު ކުރެވޭނީ ޙަދީޘުންނާއި، ތަފްސީރު ޢިލްމުވެރިންގެ ބަޔާންތަކުންނެވެ. އެއްވެސް މީހަކަށް އެމީހެއްގެ ޚިޔާލާ އެއްގޮތަށް ޤުރުއާނުގެ މާނަ ކުރުމަކީ ޙުއްދަކަމެއްނޫނެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ. މިމޭރުމުން މިއާޔަތުގެ މާނައާމެދު ވިސްނާލަމާތޯއެވެ؟ މާނަ: ދީނާމެދު މަޖްބޫރު ކުރުމެއްނެތެވެ. (ގަދަދެއްކުމެއްނެތެވެ.) ހަމަކަށަވަރުން، މަގުފުރެދުމުގެ ތެރެއިން ހިދާޔަތުގެ ސާފު އަލިމަގު އެނގިފާޅުވެއްޖެއެވެ. ފަހެ ޝައިޠާނާއަށް ކާފިރުވެ، ﷲއަށް އީމާންވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ އިތުބާރުހުރި އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ބިންދައިގެން ދިޔުމެއް އެއަކަށް ނުވެއެވެ. ﷲއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (2/256) ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އިސްލާމްދީނަށް ވެއްދުމަށް އެއްވެސްމީހަކު އެހެން މީހަކަށް މަޖްބޫރެއް ނުކުރެވޭނެ ކަމަށެވެ. އިސްލާމްވާށޭ، އިސްލާމް ނުވެއްޖެނަމަ ބޯކަނޑާލަމޭ ނުބުނެވޭނެ ކަމަށެވެ. އިސްލާމްދީން ފެތުރިގެން ދިޔައީވެސް ބާރުގެބޭނުންކޮށްގެނެއް ނޫނެވެ. ބާރުގެ ބޭނުން ކުރުމަކީ އެއީ ކްރިސްޓިޔަން ދީން ފެތުރުމަށް ކްރިސްޓިޔަނުން ބޭނުންކޮށްއުޅުނު އުސޫލެކެވެ. ގަދަބާރުން، ބިރުދައްކައިގެން ނަޞާރާދީނަށް ވެއްދުމެވެ. ދުނިޔޭގެ ތާރީޚުގެ ތެރެއިން ސެއިންޓް ޕޯލްއާ ހަމައަށް ހިންގަވާށެވެ. ދެން އެއަށްފަހު، މީލާދީން 325 (ތިންސަތޭކަ ފަންސަވީސް) ވަނައަހަރު، އެމްޕެރަރ ކޮންސްޓެންޓީން، ނިއޭސާ (NICEAE) ގައި ބޭއްވި ފާދިރީންގެ ކޮންފަރެންސުގައި ކަންހިގައިދިޔަ ތަނާއި، ތަފާތު ގޮސްޕަލްތަކުގެ ތެރެއިން ހަތަރު ގޮސްޕަލް ހުއްދަކުރައްވައި، އެހެންގޮސްޕަލްތައް އުވާލެއްވި ތަނާއި، މިހަތަރު ގޮސްޕަލް މީސްތަކުންގެ މައްޗަށް ހިންގަންފެށީ ހަރުކަށި އުސޫލުތަކެއް ބޭނުންކޮށްގެން ކަމާއި، މިކަންކަން ދުނިޔޭގެ ތާރީޚުފޮތް ފޮތުގައި ރިކޯޑުކުރެވިފައި އެބަހުއްޓެވެ. މިކަންކަންކޮށްފައިވަނީ ކަނޑީގެ ބާރުގެ ބޭނުންކޮށްގެންނާއި، ވެރިކަމުގެ ބާރުގެ ބޭނުންކޮށްގެންނާއި، މީސްތަކުންނަށް ބިރުދައްކައިގެންނެވެ.

އިސްލާމްދީނަށް ވެއްދުމުގައި މަޖުބޫރުކަމެއް ނޯންނަކަން އިސްވެދިޔަ އާޔަތުން ސާބިތުވެއެވެ. ފަހެ ހަނގުރާމަކުރަންޖެހިފައި ވަނީވެސް މަޖްބޫރު ޙާލަތްތަކުގައެވެ. ހަނގުރާމައިގެ މަގްޞަދަކީވެސް މީސްތަކުން އިސްލާމްދީނަށް ވެއްދުމަށް މަޖްބޫރު ކުރުމެއްނޫނެވެ. ﷲގެ ދީނުގެ މަގުގައި ހުރަސްއަޅާ އަނިޔާވެރި ވެރިންގެ ސަބަބުން ހަނގުރާމަކުރުން މަޖްބޫރުވަނީއެވެ. އެހިސާބަށް ކަންތައް ދަނީ ޞުލްޙަވެރި ގޮތުގައި އެތައްގިނަ މަރުޙަލާތަކެއް ހުރަސް ކުރުމަށް ފަހުގައެވެ. … މިއީވެސް ނުހަނު ދިގުވާހަކައަކަށްވާތީ ކުރުކޮށްލީއެވެ…

އިސްލާމްދީނަށް ވެއްދުމުގައި މަޖްބޫރުކަމެއް ނޯވެއެވެ. މަޖްބޫރު ކުރުމެއް ނޯވެއެވެ. ނަމަވެސް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަށްފަހު، ދީނުގެ ޙުކުމްތައް އޭނާގެ މައްޗަށް ތަންފީޒުކުރަންޖެހެއެވެ. ދީނުން ބޭރުވެއްޖެނަމަ އޭނާގެ މައްޗަށް އޮންނަ ޙުކުމެއްވެސް އޮވެއެވެ. އަދި ޒިނޭކޮށްފި މީހާގެ މައްޗަށް ﷲ ޢުޤޫބާތެއް ކަޑައަޅުއްވާފައިވެއެވެ. އަދި މިނޫނަސް އެކިއެކި ޖަރީމާތަކަށް އަރައިގަންނަ މީހާއަށް އިސްލާމްދީނުގައި ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ. މިކަންކަން ތަންފީޒުކުރުމަކީ ޙާކިމާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މަޖްބޫރު ނުކުރެވެނީ ދީނަށް ވެއްދުމަށެވެ. އެކަމަކީ ބާރުގެ ބޭނުން ކޮށްގެން ކުރަންޖެހޭ ކަމެއްނޫނެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުން މުސްލިމުންގެ މައްޗަށް ވެރިވެ، އެބައިމީހުންގެ ދީނުގެ ނުފޫޒު މުސްލިމުންގެ މައްޗަށް ގަދަކުރުމަށްޓަކައި ހަމަހިމޭނުން ތިބުމެއްވެސް ނުމެ ނޫންމެއެވެ. އެއްވެސް އަޞްޙާބުބޭކަލަކު، ނުވަތަ އެއްވެސް ޠާބިޢީ ބޭކަލަކު، ނުވަތަ އެއްވެސް އިމާމުވެރި ބޭކަލަކު މިއާޔަތުގެ މައްޗަށް ބިނާކުރައްވައިގެން ނުވަތަ ޤުރުއާނުގެ އެހެން އާޔަތެއްގެ މައްޗަށް ބިނާ ކުރައްވައިގެން ނުވަތަ ޙަދީޘެއްގެ މައްޗަށް ބިނާ ކުރައްވައިގެން އެހެންދީންތަކުގެ މީހުންނަށް ދީނީ މިނިވަންކަން ދިނުމުގެ މައްޗަކަށް ދަލީލެއް ދެއްކެވިކަމެއް ސާބިތެއްނުވެއެވެ. އެހެންދީންތަކުގެ “އޭޖެންޓުން” މިކަންކުރާންއުޅޭ ކަމުގައި ވިޔަސް ވެހެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުންނަށް އިސްލާމްދީނުގައި މިނިވަންކަމުގެ އިމުގެތެރޭގައި ޙާލަތު ނިޔާކުރާ ގޮތުގެމަތިން މިނިވަންކަން ނޯންނަ ވާހަކައެއްނޫނެވެ. ނަމަވެސް އެކަންއޮންނާނީ ޙާލަތު ނިޔާކުރާ ގޮތުގެ މައްޗަށް ބިނާވެފައެވެ. މުސްލިމުންނަށް ޖިޒީދީގެން މުސްލިމުންގެ ދަށުގައިތިބޭ މީހުންނަށްވެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ދީނީ މިނިވަންކަން އޮވެއެވެ. އެމީހުން އިސްލާމްވުމަށް މަޖްބޫރެއްވެސް ނުކުރެވޭނެއެވެ.

ޑރ.ކަމާލީ ވިދާޅުވާކަމުގައި 1.11.07 ވަނަދުވަހުގެ “މިނިވަން” ނޫހުގައި އަންނަނިވި ޢިބާރާތްތައް އޮވެއެވެ. “އެހެންދީންތަކެއް އައުމުން ރާއްޖޭގައި ހަމަނުޖެހުންތަކެއް ނުހިނގާނެ… މިކަމުގެ ބިރެއްނެތް މި ޢިބާރާތްތަކާމެދު ކޮންމެ ދިވެހި ދަރިއަކުމެ ވިސްނައިލާންޖެހޭ ކަމާމެދަކު ޝައްކެއްނެތެވެ. ފަހެ، ރާއްޖޭގައި މިއޮތް ޞުލްޙަ މަޞްލަޙަތުކަން އެތައްގިނަ ގަރުނެއްވަންދެން އޮތުމުގެ ސަބަބަކީ ރާއްޖޭގައި އޮތީ ހަމައެކަނި އިސްލާމްދީންކަމަށްވާތީއެވެ. އެހެންދީނެއްގެ ބަޔަކު ޤާނޫނީ ބާރު ލިބިގެން ރާއްޖޭގައި އުޅޭ ކަމުގައި ނުވާތީއެވެ. އެހެންދީން ދީނުގެ މީހުން ޤާނޫނީ ބާރު ލިބިގެން ރާއްޖެ އަތުވެއްޖެނަމަ ރާއްޖޭގައި ބައިބައިވުން އުފެދި ތަޅާފޮޅުން ނުހިނގާނެ ކަމުގެ ގެރެންޓީއަކީ ކޮބައިތޯއެވެ؟ އިންޑިޔާފަދަ ޤައުމުތަކުގައި ޤަދީމީ ޒަމާނުއްސުރެ މުސްލިމުންނާއި ހިންދީންގެ ގުޅުންހުރީ ކޮންފަދައަކުންތޯއެވެ؟ ޕާކިސްތާނު އުފައްދަން ޖެހުނީ ކީއްވެގެންތޯއެވެ؟ މިގަޑުބަޑުގެ ތެރޭގައި މަރައިލެވުނީ ކިތައްމިލިޔަން އިންސާނުންތޯއެވެ؟ ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށްބަލާއިރު، ޚާއްޞަކޮށް މިޒަމާނުގައި ހުރިހައި ނުބައިކަމަކާ، ޓެރަރިޒަމާ، ބޮޑެތި ޖަރީމާތައް މުސްލިމުންނަށް ނިސްބަތްކުރަމުންދާ ޒަމާނެއްގައި ޤާނޫނުގެ ބާރު ލިބިގެން އެހެންދީންތަކުގެ މީހުން ރާއްޖެ އަތުވެއްޖެނަމަ ދެން ވާނެގޮތަކާމެދު ވިސްނަންޖެހެއެވެ. ފައިސާއާއި ނުފޫޒާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ އެހީގައި މުސްލިމު ގައުމުތަކުގައި އެހެންދީންތަކުގެ ނުފޫޒު އެކިފަރާތްފަރާތުން ފަތުރަމުންދާ ޒަމާނެކެވެ. މުސްލިމުން ނިކަމެތިކޮށްލެވޭތޯ ފަރާތްފަރާތުން ތަފާތު މަސައްކަތް ކުރަމުންދާ ޒަމާނެކެވެ. މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުން ކަމުގައި، ނުވަތަ ދީނުގެ ކަންކަމުގައި އެކްސްޓްރީމިސްޓުން ކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ. ޓެރަރިސްޓުންކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ. މިވާހަކަތައް ތިރީގައިމިވާ އިގިރޭސި ޢިބާރާތުގައި އެކުލެވިގެންވެއެވެ. މިއީ މިއަދު މުސްލިމުންނާމެދު މިއަދުގެ ދުނިޔެދެކޭ ގޮތެވެ.

“Muslim fundamentalism is fast becoming the chief threat to global peace and security as well as a cause of national and local disturbances through terrorism. It is akin to the menace posed by Nazism and facism in the 1930s and then by Communism in the 50s”.

(The New York Times/ International Herald Tribune 9/9/93)

Do you think this is true? And what is so called fundamentalism?

(މިލިޔުމަކީ މިނިވަން ނޫހުން ނަގާފައިވާ ލިޔުމެކެވެ.)

Read more...

Monday, 2 November 2009

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް

ހުޅަނގުގެ ފައިލަސޫފިންގެ އަރިހުގައި ޤާނޫނާއި އަޚްލާޤިއްޔާތުގެ ނަޒަރިއްޔާތުތައް
އަޙްމަދު ޢަބްދުލް މަތީން
މިދުވަސްވަރަކީ އަޅުގަނޑުމެންނަށް “މިނިވަން” ކަމެއް ލިބިގެންއުޅޭ ދުވަސްވަރެކެވެ. ކޮންމެ މީހަކަށްވެސް ފެންނަ ޝުޢޫރުތައް ފާޅުކުރަމުން ދަނީއެވެ. އެއީ ކޮންމެ މަޢްޟޫއަކަށްވިޔަސް އަދި ކޮންމެ ކަމަށް ވިޔަސްމެއެވެ. މިސާލަކަށް އަޅުގަނޑުމެން އަބަދުވެސް ބުނެއުޅޭބަހެއް އޮވެއެވެ. އެއީ “ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް” ޤާނޫނާއި ޤަވާއިދާއި އެއްގޮތަށް” މިފަދަ ބަސްތަކެވެ.އެހެންކަމުން އަޅުގަނޑުމެންނަށް ހުޅަނގުގެ ފިލޯސަފަރުން ނުވަތަ ފައިސަލޫފީން “ޤާނޫނާއި” މެދު ދެކޭ ނަޟަރުތައް ހާމަކޮށްލުމަށް އަޅުގަނޑު ޤަސްދުކުރަމެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައި ވީހިނދު އަޅުގަނޑު އެންމެ ފުރަތަމަ ބަލާނީ އިސްލާމީ ޝަރީޢަތާއި ނުވަތަ އިސްލާމީ އަޚްލާޤިއްޔާތާއި ހުޅަނގުގެ އަޚްލާޤިއްޔާތުތަކުގެ ތަފާތު ފާހަގަކުރުމަށެވެ. އިސްލާމީ ޤާނޫނުގެ މައިގަނޑު ދެމަސްދަރަކީ ކީރިތި ޤްރުއާނާއި މާތް ރަސޫލާގެ ސުންނަތެވެ. މިއީ ކަނޑައެޅިގެން ބަޔާންވެގެންވާ އަދި ﷲ ގެ ހަޟުރަތުން އައިސްފައިވާ ޤާނޫނެވެ. މިމާނާގައި އިސްލާމީ ޝަރީޢަތަކީ ޝާމިލް އެއްޗެއްކަމާއި އެކަމުގައި ރޫޙާނީ ފައިދާއެކުލެވިގެންވާކަން އެގެއެވެ. އަދި އެއީ ޤިޔާމަތާއި ހަމައަށްދާންދެންވެސް އެއްވެސް ބަދަލުވުމެއް ނުވާ ޤާނޫނެކެވެ. އެއީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަ ޤާނޫނެކެވެ. އެހެންކަމުން އިސްލާމީ އަޚްލާޤިއްޔަތުގެ މައިގަނޑު ދެއަސްލަކީ ކީރިތި ޤްރްއާނާއި ސުންނަތެވެ.

އަޚްލާޤިއްޔަތަކީ މީހަކު ކުރާކަމެއް ނުވަތަ އޭނާގެ ސުލޫކީ މިންގަނޑު ޤާނޫނާއި އެއްގޮތަށް ރަގަޅުގޮތަކަށް ހުރުމެވެ. އެހެންކަމުން ސުލޫކަކީ އޭގައި ރަގަޅާއި ނުބައި ހިމެނޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި ހަމައެހެންމެ އަޚްލާޤިއްޔަތަކީ ރަގަޅުގޮތްކަމަށް މާނަކުރެވެއެވެ.
އިސްލާމީ އަޚްލާޤިއްޔާތުތައް ތަންޒީމްކޮށްދޭ އަނެއް އަސާސަކީ އިސްނާނުން އުފައްދާ ވަޟަޢީ ޤާނޫނުތަކެވެ. އިސްލާމީ ޤާނޫނުގައި އިންސާނާކުރާ ހުރިހާ ޢަމަލެއް ޞަރީޙަކޮށް އޭގެ ޙުކުމް އައިސްފައި ނެތުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން އިޖްމާޢާއި ޤިޔާސްއަކީ އިސްލާމީ ޤާނޫނުގެ ތިންވަނަ އަދި ހަތަރުވަނަ މަސްދަރުކަމުގައި ފިޤްހް ޢިލްމްވެރިން ޤަބޫލުކުރައްވައެވެ. ވަޟައީ ޤާނޫނުތަކަކީ ޤްރުއާނާއި ސުންނަތާއި ޚިލާފްނުވާނޭގޮތުގެމަތިން އިންސާނުން އުފައްދާ އެއްޗެއްކަމުން އެއީ ފުރިހަމަ އެއްޗެއްކަމަށް ނުބެލެވޭނެއެވެ. އެއީ އިންސާނާގެ ވިސްނުންއެއީ ފުރިހަމަ އެއްޗަކަށް ނުވާތީއެވެ. ހުރިހާ ވަޞަޢީ ޤާނޫނުތަކެއްވެސް ދެމިއޮންނާނީ އެޤާނޫނެއް ޤްރްއާނާއި ސުންނަތާއި އަދި އެހެން އަސްލުތަކާއި ޚިލާފްނުވާނަމައެވެ.
ހުޅަނގުގެ އަޚްލާޤިއްޔަތު މިއާއި މުޅީން ތަފާތެވެ. އެމީހުންދެކޭގޮތުގައި އަޚްލާޤިއްޔަތަކީ މުޖުމަޢުގެ އުފެއްދުމެކެވެ. އެބައިމީހުންގެ މުޖުތަމަޢުތަކުގެ ނަތީޖާއެކެވެ. ހުރިހާ ކަމެއް ބިނާވެފައިވާނީ އެމީހުންގެ ވިސްނުމުގެ މައްޗަށެވެ. އެމީހުންނަށް ވިސްނޭނީ ރަގަޅަށެވެ. އެއީ ޤާނޫނެވެ. އެއަޚްލާޤިއްޔަކީ ޙުކޫމަތްތެރިކަމަށް ބިނާވެފައިވާ އެއްޗެއްނޫނެވެ. އެހެންކަމުން އެއީ އަބަދުވެސް ބަދަލުކުރަންޖެހިފައިވާ އެއްޗެކެވެ. އެކިޒަމާނާއި އެކިތަންތަނަށް އެއަޚްލާޤިއްޔާތުތައް ތަފާތެވެ. މިސާލަކަށް އެމެރިކާގެ މީހުންގެ އަޚްލާޤިއްޔަތުއެއީ އިންޑިމީހުންގެ އަޚްލާޤިއްޔަތުކަމުގައި ނުހިމެނިދާނެއެވެ.
އެންމެ އިހުގައި މީހުން ދުށީ ޤާނޫނާއި އަޚްލާޤިއްޔަތާއި އެއްވެސް ގުޅުމެއް ނުވާކަމަށެވެ. އެކަން އެހެންވެފައިވަނީ ޤާނޫނާއި އަޚްލާޤިއްޔަތު އެމީހުންގެ މައްޗަށް ހިންގަނީ އެއް އަސާސެއްގެ މަތީގައިކަމަށްވާތީއެވެ. އަސާސްކަމުގައި އެމީހުން ދެކެނީ ހަމައެކަނި ދީނާއި އެމީހުންގެ އާދަތަކެވެ. އާދައަކާއި ޚިލާފަށް ޢަމަލުކުރިޔަސް އަޚްލާޤިއްޔަތުގެ އިމުން ބޭރުވިޔަސް އަދަބުދެވެއެވެ. އޭގެތެރޭގައި އެބައިމީހުންގެ ދީނީ ފިކުރާތުތަކުގެ މައްޗަށް އެކަށައަޅާ އަދަބުތަކާއި ހަމައެހެންމެ އިޖްތިމާޢީ ގޮތުން އަޅާ ހުރަސްތައްވެސް ހިމެނެއެވެ.
މީހުންގެ އިޖްތިމާޢީ ހާލަތުބަދަލުވެ ދުނިޔެއަށް ލޯހުޅުވެން ފެށުމާއި އެކުގައި އިސްވެ ދެންނެވުނު ވިސްނުން ބަދަލުވާންފެށިއެވެ. އަދި ހަމައެހެންމެ ޤާނޫނު އެކަށައަޅާނެ ފަރާތަކަށް އެބައިމީހުން އެއްބަސްވިއެވެ. އެއީ ރަސްގެފާނުކަމަށްވިޔަސް ނުވަތަ ފުރިހަމަ މާނައިގައި ބާރުލިބިގެންވާފަރާތްކަމުގައިވިޔަސް މެއެވެ. އެދުވަސްވަރު ވާންފެށިގޮތަކީ އަޚްލާޤިއްޔަތުގެ މައްޗަށް ޤާނޫނުތައް އެކަށައަޅަން ފެށުމެވެ. ޤާނޫނު އުފެދުނީ އަޚްލާޤިއްޔަތު ތަންފީޒުކުރުމަށެވެ. އަދި އޭގެތެރިން ބައެއްކަންތައްތައް މުޖުތަޢުގެ އިޚްތިޔާރަށް ދޫކޮށްލެވުނެވެ. އެހެންކަމުން އަޚްލާޤިއްޔަތާއި ޤާނޫނު ކަނޑައެޅިބަޔާންވެގެންވާ ފަރާތަކުން އައިކަމުގައިވިޔަސް އެއީ އެކައްޗެއްގެ ގޮތުގައި ނުބެލެވުނެވެ. މިޡާލަކަށް ޢަމަލުކުރުން ލާޒިމް ކަންތައްތައްތަކަކީ އަނެކާގެ ޙައްޤަކަށް ނޭރުމެވެ. އަދި މީހަކަށް ކަމެއްގައި އެހީވުން އެއީ މުޖުތަޢުގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.
ތަބީޢަތަކީ ޤާނޫނުގެ އަސްލުކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުން ވިދާޅުވަނީ އިންސާނުން ހަދާޤާނޫނު ރަގަޅުވާނީ އޭގެ މަޞްދަރު ރަގަޅުވެގެންނެވެ. އިޖްތިމާޢީ ޒާވިއާއިން ދެކެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ރޮސްކޯ ޕޮންޑް(1964-1870) ވިދާޅުވަނީ ޤާނޫނުގައި އިޖްތިމާޢީ ބޭނުމެއްވެއެވެ. ޤާނޫނުގެ މަޤްޞަދަކީ ޖަމާޢަތެވެ. އެހެންކަމުން ޤާނޫނަކީ ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭ އެއްޗަކަށް ވާންޖެހޭނެއެވެ. އަދި ޤާނޫނުގެ ބޭނުމަކީ ވީހާވެސް ބޮޑު ފައިދާއެއްނަގައި ޚިޔާލުތަފާތުވުން މަދުކުރުމެވެ. އެހެންކަމުން ހަޢްޤާއި މަޞްލަހަތު ކަނޑައެޅުމުގައި ތިންކަމަކަށް ބަލަންޖެހެއެވެ. އެއީ ފަރުދާއި، ޖަމާޢަތާއި ދައުލަތެވެ.
ޖޯން އޮސްޓިން ގެ ރައުޔުގައި ޤާނޫނާއި އަޚްލާޤިއްޔަތާއި ގުޅުމެއްނެތެވެ. އެދެމެދުގައިވާ ގުޅުން އޮސްޓިން ނަފީކުރެއެވެ. އޮސްޓިންގެ މަޝްހޫރު ނަޞަރިއްޔާތަކީ “އަމުރުގެ ނަޟަރިއްޔާ”އެވެ. ނުވަތަ ކޮމާންޑް ތިޔަރީއެވެ. އޭގައިވާގޮތުން ތިންކަމެއް ފުރިހަމަވާންޖެހެއެވެ. އެއީ އަމުރަކާއި، އަމުރުކުރާފަރާތަކާއި އަދި އަދަބެވެ. މިތިޔަރީގައިވާގޮތުން އަމުރުކުރާފަރާތުން އޭނާ ކުރާ އަމުރަށް ކިޔަމަންވުން ލާޒިމެއްނޫނެވެ. އަދި އަމުރުކުރާފަރާތަކީ ކޮންމެ ހާލަތެއްގައިވެސް ބާރުވެރި ކިޔަމަންކުރެވޭ ފަރާތަކަށްވާންޖެހެއެވެ. އަދި އަމުރަށް ކިޔަމަން ނުވެއްޖެ ނަމަ އަދަބުދެވޭނެއެވެ. އެހެންކަމުން މިނަޞަރިއްޔާތަކީ އެހާ ހަމަޖެހޭ އެއްޗެއްކަމަކަށް ނުބެލެވެއެވެ. މިޒަމާނުގެ ނަޞަރިއްޔާތުތައް ހުންނަނީ ޤާނޫނު ހަދާފަރާތުންވެސް އެމައްޗަށް ލާޒިމްކުރުވާފައެވެ. ޤާނޫނުގެ ވެރިކަން ހިންގޭގޮތަށެވެ.
ޖޯން އޮސްޓިން (1890-1790) ނަޟަރިއްޔާތާއި އެންމެ ގާތްކުރާ ނަޟަރިއްޔާތަކަކީ ޖެރަމީ ބެންތަމްގެ(1832-1748) ނަޟަރިއްޔާތެވެ. ބެންތަމްވެސް ޤާނޫނާއި އަޚްލާޤިއްޔަތާއިދެމެދު ގުޅުމެއްނުވާކަމަށް ވިދާޅުވެއެވެ. ޤާނޫނެއް ޤާނޫނަކަށްވާނީ އެޤާނޫނެއް އުފެދޭގޮތަށް ބަލައިގެންނެވެ. ޤާނޫނެއް އުފެދެންޖެހޭނީ އެކަމުގެ ޙައްޤު ބާރު ލިބިގެންވާ ފަރާތަކުންނެވެ. އަދި ޤާނޫނުގައި އަޚްލާޤީ އެއްވެސް އަސާސެއްވާކަށް ނުޖެހެއެވެ. ބޭނުމަކީ އިންސާނާގެ ޢަމަލުތަކާއި ގުޅުންތައް ހިންގާނެ މަގުދެއްކުމެވެ.
ހާޓް (1992-1907) ދެކެވަޑައިގަންނަވާގޮތުގައި ޤާނޫނެއް ޤާނޫނެއްގެ އަސްލުސިފަ ޖެހުމަށްފަހު ދެން އެއަށް އިންކާރު ކުރެވޭނެ ހަމަ އެއްވެސް ހަމައެއް ނޯންނާނެއެވެ. މާނައަކީ އެއަށް ޢަމަލުކުރަން ލާޒިމްވުމެވެ. ޤާނޫނެއް އަޚްލާޤިއްޔަތާއި ފުށުއަރާނަމަ އެފަދަ އެއްޗެއް ޖެހޭނީ ބަދަލުކުރާށެވެ. އަޚްލާޤީ ގޮތުން ޤާނޫނު ފުރިހަމަ ނުވިޔަސް އެއީ އެއަށް ޢަމަލުކުރުމުން އެއްކިބާވެވޭނެ ހަމައެއްނޫނެވެ. އަދި ހަމައެހެންމެ ޤާނޫނަކީ ކޮންމެތަނެއްގައިވެސް އެއަށް ޢަމަލުކުރަންޖެހޭނެ ޤާނޫނު ވުޖޫދުގައިވާނެ އެއްޗެކެވެ. ބޭނުމަކީ ގިނަބަޔަކަށް އުފާވެރިކަން ހޯދައިދިނުމެވެ.
މާކްސް (1883-1818) ޤަބޫލުކުރާގޮތުގައި ޤާނޫނަކީ މުޖުމަޢެއްގެ މަތީފަންތީގެ މީހުން ނުވަތަ ޣާލިބުން ފައިދާއެއް ނެގުމަށް ބޭނުންކުރާ މަޞްދަރެކެވެ. އަދި ފަޤީރު ފަންތީގެ މީހުންނަށް ނާޖާއިޒްގޮތުގައި މިކަން ބޭނުންކުރަމުން ދެއެވެ. އަދި އެކަމުގެ ނަތީޖާއަކީ ފަޤީރުން ޣާލިބުންގެ މައްޗަށް ބާރުހޯދައި ހުދުމުހުތާރު ވެރިކަމެއް ގެނައުމެވެ. އެހުދުމުހުތާރު ވެރިކަމުގެ ބޭނުމަކީ މުޖުތަމަޢުގެ އެންމެންގެ ހަމަހަމަކަން ޤާއިމްކޮށް އިޤްތިޞާދުގައި ތަފާތުނުކުރުމެވެ.
މިއީ ކުޅުދުއްފުށި.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.

Read more...