Showing posts with label maalhohu naseeru. Show all posts
Showing posts with label maalhohu naseeru. Show all posts

Friday, 20 November 2009

ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން

ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުން
ލިޔުނީ: ޝެއިޚް އާދަމް ނަސީމް (ބީ.އޭ)
ﷲގެ އިސްމުފުޅުން ފަށަމެވެ.
އިސްލާމްދީނުގެ ނަމުގައި މަސްއަލާތަކާމެދު ވާހަކަދައްކާ ކަމުގައިވަނީނަމަ، ރިޢާޔަތް ކުރަންޖެހޭ އުޞޫލުތަކެއް ހުރެއެވެ. މިދެންނެވި އުޞޫލުތަކަކީ އިސްލާމްދީނުގެ ޙުކުމްތަކުގެ އަޞްލުތަކެވެ. އެއީ (1) ކީރިތި ޤުރުއާން (2) ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތް (3) ދަންނަބޭކަލުންގެ އިޖްމާޢު (4) ޤިޔާސްކުރުން. މިއެވެ. މި އުޞޫލުތަކުގެ މައްޗަށް ބިނާކޮށްގެން މެނުވީ އިސްލާމްދީނުގެ އެއްވެސް ކަމަކާމެދު ވާހަކައެއް ނުދެއްކޭނެއެވެ. އެކަމަކީ އިންޓަރނޭޝަނަލް މަސްއަލާއެއް ކަމުގައި ވިޔަސް ވެހެވެ. އިސްލާމްދީނަކީ އިންޓަރނޭޝަނަލްދީނެވެ. މި މާތްދީނުގައި ކަނޑައެޅިފައިހުރި އުޞޫލުތަކާ އެއްގޮތަށް އެތައް ޤަރުނެއް ވަންދެން މުސްލިމުންވަނީ ދުނިޔޭގައި ވެރިކަން ކޮށްފައެވެ. ޢަދުލު އިންސާފު ޤާއިމުކޮށްދީފައެވެ. އިންސާނީ ޙައްޤުތައްވަނީ އެންމެ ދެރަ ނިކަމެތިންނަށްވެސް ހޯދައިދީފައެވެ. ޖާހިލުކަމުގެ އަދިރިކަމުން ހިދާޔަތުގެ އަލިކަމުގެ ތެރެއަށް މީސްތަކުން ނެރެދީފައެވެ. ސައެންސުގެ ރޮގުގައި ކުރިއަށް ދިޔުމުގެ ބިންގާ އަޅައިދީފައެވެ…. އަދިވެސް އެތައް އެތައް ރޮގެއްގައި އިންސާނިއްޔަތަށް އަލިމަގެއް ކޮށައިދީފައެވެ. އިސްލާމްދީނުގެ އިމުގެ ތެރޭގައެވެ. މިދެންނެވި އިމުގެ ތެރެއިން ބޭރުނުވެ، ތަރައްޤީގެ މަގުތައް ހޯދައިދީފައެވެ

ދެންފަހެ މިހާރު، ދިވެހިރާއްޖޭގައި ޑރ.ކަމާލީ ވިދާޅުވާ ކަމުގައިވެއެވެ. “އަޅުގަނޑު ދަންނަވާފައިވާނެ. އިސްލާމްދީން އެހެންދީންތަކަށް އުޅުން މަނާ ނުކުރާކަމަށް. އަދި ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކޮށްފައި ވާކަމަށް. މިގޮތުން ޤުރުއާނުގައި ސާފުކޮށް ބަޔާންކުރޭ “لاَ إِكْرَاهَ فِي الدِّينِ” އެއީ ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 256 ވަނަ އާޔަތް.” (މިނިވަން: 01 ނޮވެމްބަރ 2007) ފަހެ ޤުރުއާނުގައިވެސް ދީނީ މިނިވަންކަން ލިއްބައިދިނުމަށް ބަޔާންކުރައްވާފައިވާ ކަމަށް ވިދާޅުވެ، ސޫރަތުލް ބަޤަރާގެ 256 ވަނަ އާޔަތް ވިދާޅުވާއިރު، އެވިދާޅުވާ ދީނީ މިނިވަންކަމާ މިއާޔަތާ ހުރި ގުޅުމަކީ ކޮބައިބާވައެވެ! އާޔަތްތައް ތަފްސީރު ކުރެވޭނީ ޙަދީޘުންނާއި، ތަފްސީރު ޢިލްމުވެރިންގެ ބަޔާންތަކުންނެވެ. އެއްވެސް މީހަކަށް އެމީހެއްގެ ޚިޔާލާ އެއްގޮތަށް ޤުރުއާނުގެ މާނަ ކުރުމަކީ ޙުއްދަކަމެއްނޫނެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ. މިމޭރުމުން މިއާޔަތުގެ މާނައާމެދު ވިސްނާލަމާތޯއެވެ؟ މާނަ: ދީނާމެދު މަޖްބޫރު ކުރުމެއްނެތެވެ. (ގަދަދެއްކުމެއްނެތެވެ.) ހަމަކަށަވަރުން، މަގުފުރެދުމުގެ ތެރެއިން ހިދާޔަތުގެ ސާފު އަލިމަގު އެނގިފާޅުވެއްޖެއެވެ. ފަހެ ޝައިޠާނާއަށް ކާފިރުވެ، ﷲއަށް އީމާންވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ އިތުބާރުހުރި އުޅައްގަނޑުގައި ހިފަހައްޓައިފިކަން ކަށަވަރެވެ. ބިންދައިގެން ދިޔުމެއް އެއަކަށް ނުވެއެވެ. ﷲއީ މޮޅަށް އައްސަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (2/256) ތަފްސީރު ޢިލްމުވެރިން ވިދާޅުވަނީ އިސްލާމްދީނަށް ވެއްދުމަށް އެއްވެސްމީހަކު އެހެން މީހަކަށް މަޖްބޫރެއް ނުކުރެވޭނެ ކަމަށެވެ. އިސްލާމްވާށޭ، އިސްލާމް ނުވެއްޖެނަމަ ބޯކަނޑާލަމޭ ނުބުނެވޭނެ ކަމަށެވެ. އިސްލާމްދީން ފެތުރިގެން ދިޔައީވެސް ބާރުގެބޭނުންކޮށްގެނެއް ނޫނެވެ. ބާރުގެ ބޭނުން ކުރުމަކީ އެއީ ކްރިސްޓިޔަން ދީން ފެތުރުމަށް ކްރިސްޓިޔަނުން ބޭނުންކޮށްއުޅުނު އުސޫލެކެވެ. ގަދަބާރުން، ބިރުދައްކައިގެން ނަޞާރާދީނަށް ވެއްދުމެވެ. ދުނިޔޭގެ ތާރީޚުގެ ތެރެއިން ސެއިންޓް ޕޯލްއާ ހަމައަށް ހިންގަވާށެވެ. ދެން އެއަށްފަހު، މީލާދީން 325 (ތިންސަތޭކަ ފަންސަވީސް) ވަނައަހަރު، އެމްޕެރަރ ކޮންސްޓެންޓީން، ނިއޭސާ (NICEAE) ގައި ބޭއްވި ފާދިރީންގެ ކޮންފަރެންސުގައި ކަންހިގައިދިޔަ ތަނާއި، ތަފާތު ގޮސްޕަލްތަކުގެ ތެރެއިން ހަތަރު ގޮސްޕަލް ހުއްދަކުރައްވައި، އެހެންގޮސްޕަލްތައް އުވާލެއްވި ތަނާއި، މިހަތަރު ގޮސްޕަލް މީސްތަކުންގެ މައްޗަށް ހިންގަންފެށީ ހަރުކަށި އުސޫލުތަކެއް ބޭނުންކޮށްގެން ކަމާއި، މިކަންކަން ދުނިޔޭގެ ތާރީޚުފޮތް ފޮތުގައި ރިކޯޑުކުރެވިފައި އެބަހުއްޓެވެ. މިކަންކަންކޮށްފައިވަނީ ކަނޑީގެ ބާރުގެ ބޭނުންކޮށްގެންނާއި، ވެރިކަމުގެ ބާރުގެ ބޭނުންކޮށްގެންނާއި، މީސްތަކުންނަށް ބިރުދައްކައިގެންނެވެ.

އިސްލާމްދީނަށް ވެއްދުމުގައި މަޖުބޫރުކަމެއް ނޯންނަކަން އިސްވެދިޔަ އާޔަތުން ސާބިތުވެއެވެ. ފަހެ ހަނގުރާމަކުރަންޖެހިފައި ވަނީވެސް މަޖްބޫރު ޙާލަތްތަކުގައެވެ. ހަނގުރާމައިގެ މަގްޞަދަކީވެސް މީސްތަކުން އިސްލާމްދީނަށް ވެއްދުމަށް މަޖްބޫރު ކުރުމެއްނޫނެވެ. ﷲގެ ދީނުގެ މަގުގައި ހުރަސްއަޅާ އަނިޔާވެރި ވެރިންގެ ސަބަބުން ހަނގުރާމަކުރުން މަޖްބޫރުވަނީއެވެ. އެހިސާބަށް ކަންތައް ދަނީ ޞުލްޙަވެރި ގޮތުގައި އެތައްގިނަ މަރުޙަލާތަކެއް ހުރަސް ކުރުމަށް ފަހުގައެވެ. … މިއީވެސް ނުހަނު ދިގުވާހަކައަކަށްވާތީ ކުރުކޮށްލީއެވެ…

އިސްލާމްދީނަށް ވެއްދުމުގައި މަޖްބޫރުކަމެއް ނޯވެއެވެ. މަޖްބޫރު ކުރުމެއް ނޯވެއެވެ. ނަމަވެސް ދީނުގެ ތަރަހައިގެ ތެރެއަށް ވަނުމަށްފަހު، ދީނުގެ ޙުކުމްތައް އޭނާގެ މައްޗަށް ތަންފީޒުކުރަންޖެހެއެވެ. ދީނުން ބޭރުވެއްޖެނަމަ އޭނާގެ މައްޗަށް އޮންނަ ޙުކުމެއްވެސް އޮވެއެވެ. އަދި ޒިނޭކޮށްފި މީހާގެ މައްޗަށް ﷲ ޢުޤޫބާތެއް ކަޑައަޅުއްވާފައިވެއެވެ. އަދި މިނޫނަސް އެކިއެކި ޖަރީމާތަކަށް އަރައިގަންނަ މީހާއަށް އިސްލާމްދީނުގައި ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ. މިކަންކަން ތަންފީޒުކުރުމަކީ ޙާކިމާގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން މަޖްބޫރު ނުކުރެވެނީ ދީނަށް ވެއްދުމަށެވެ. އެކަމަކީ ބާރުގެ ބޭނުން ކޮށްގެން ކުރަންޖެހޭ ކަމެއްނޫނެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުން މުސްލިމުންގެ މައްޗަށް ވެރިވެ، އެބައިމީހުންގެ ދީނުގެ ނުފޫޒު މުސްލިމުންގެ މައްޗަށް ގަދަކުރުމަށްޓަކައި ހަމަހިމޭނުން ތިބުމެއްވެސް ނުމެ ނޫންމެއެވެ. އެއްވެސް އަޞްޙާބުބޭކަލަކު، ނުވަތަ އެއްވެސް ޠާބިޢީ ބޭކަލަކު، ނުވަތަ އެއްވެސް އިމާމުވެރި ބޭކަލަކު މިއާޔަތުގެ މައްޗަށް ބިނާކުރައްވައިގެން ނުވަތަ ޤުރުއާނުގެ އެހެން އާޔަތެއްގެ މައްޗަށް ބިނާ ކުރައްވައިގެން ނުވަތަ ޙަދީޘެއްގެ މައްޗަށް ބިނާ ކުރައްވައިގެން އެހެންދީންތަކުގެ މީހުންނަށް ދީނީ މިނިވަންކަން ދިނުމުގެ މައްޗަކަށް ދަލީލެއް ދެއްކެވިކަމެއް ސާބިތެއްނުވެއެވެ. އެހެންދީންތަކުގެ “އޭޖެންޓުން” މިކަންކުރާންއުޅޭ ކަމުގައި ވިޔަސް ވެހެވެ. މީގެމާނައަކީ އެހެންދީންތަކުގެ މީހުންނަށް އިސްލާމްދީނުގައި މިނިވަންކަމުގެ އިމުގެތެރޭގައި ޙާލަތު ނިޔާކުރާ ގޮތުގެމަތިން މިނިވަންކަން ނޯންނަ ވާހަކައެއްނޫނެވެ. ނަމަވެސް އެކަންއޮންނާނީ ޙާލަތު ނިޔާކުރާ ގޮތުގެ މައްޗަށް ބިނާވެފައެވެ. މުސްލިމުންނަށް ޖިޒީދީގެން މުސްލިމުންގެ ދަށުގައިތިބޭ މީހުންނަށްވެސް އިސްލާމްދީނުގައި ކަނޑައެޅިފައިވާ އިމުގެ ތެރޭގައި ދީނީ މިނިވަންކަން އޮވެއެވެ. އެމީހުން އިސްލާމްވުމަށް މަޖްބޫރެއްވެސް ނުކުރެވޭނެއެވެ.

ޑރ.ކަމާލީ ވިދާޅުވާކަމުގައި 1.11.07 ވަނަދުވަހުގެ “މިނިވަން” ނޫހުގައި އަންނަނިވި ޢިބާރާތްތައް އޮވެއެވެ. “އެހެންދީންތަކެއް އައުމުން ރާއްޖޭގައި ހަމަނުޖެހުންތަކެއް ނުހިނގާނެ… މިކަމުގެ ބިރެއްނެތް މި ޢިބާރާތްތަކާމެދު ކޮންމެ ދިވެހި ދަރިއަކުމެ ވިސްނައިލާންޖެހޭ ކަމާމެދަކު ޝައްކެއްނެތެވެ. ފަހެ، ރާއްޖޭގައި މިއޮތް ޞުލްޙަ މަޞްލަޙަތުކަން އެތައްގިނަ ގަރުނެއްވަންދެން އޮތުމުގެ ސަބަބަކީ ރާއްޖޭގައި އޮތީ ހަމައެކަނި އިސްލާމްދީންކަމަށްވާތީއެވެ. އެހެންދީނެއްގެ ބަޔަކު ޤާނޫނީ ބާރު ލިބިގެން ރާއްޖޭގައި އުޅޭ ކަމުގައި ނުވާތީއެވެ. އެހެންދީން ދީނުގެ މީހުން ޤާނޫނީ ބާރު ލިބިގެން ރާއްޖެ އަތުވެއްޖެނަމަ ރާއްޖޭގައި ބައިބައިވުން އުފެދި ތަޅާފޮޅުން ނުހިނގާނެ ކަމުގެ ގެރެންޓީއަކީ ކޮބައިތޯއެވެ؟ އިންޑިޔާފަދަ ޤައުމުތަކުގައި ޤަދީމީ ޒަމާނުއްސުރެ މުސްލިމުންނާއި ހިންދީންގެ ގުޅުންހުރީ ކޮންފަދައަކުންތޯއެވެ؟ ޕާކިސްތާނު އުފައްދަން ޖެހުނީ ކީއްވެގެންތޯއެވެ؟ މިގަޑުބަޑުގެ ތެރޭގައި މަރައިލެވުނީ ކިތައްމިލިޔަން އިންސާނުންތޯއެވެ؟ ރާއްޖެފަދަ ކުޑަކުޑަ ޤައުމަކަށްބަލާއިރު، ޚާއްޞަކޮށް މިޒަމާނުގައި ހުރިހައި ނުބައިކަމަކާ، ޓެރަރިޒަމާ، ބޮޑެތި ޖަރީމާތައް މުސްލިމުންނަށް ނިސްބަތްކުރަމުންދާ ޒަމާނެއްގައި ޤާނޫނުގެ ބާރު ލިބިގެން އެހެންދީންތަކުގެ މީހުން ރާއްޖެ އަތުވެއްޖެނަމަ ދެން ވާނެގޮތަކާމެދު ވިސްނަންޖެހެއެވެ. ފައިސާއާއި ނުފޫޒާއި، އިންޓަރނޭޝަނަލް މުޢާހަދާތަކުގެ އެހީގައި މުސްލިމު ގައުމުތަކުގައި އެހެންދީންތަކުގެ ނުފޫޒު އެކިފަރާތްފަރާތުން ފަތުރަމުންދާ ޒަމާނެކެވެ. މުސްލިމުން ނިކަމެތިކޮށްލެވޭތޯ ފަރާތްފަރާތުން ތަފާތު މަސައްކަތް ކުރަމުންދާ ޒަމާނެކެވެ. މުސްލިމުންނަކީ ފަންޑަމެންޓަލިސްޓުން ކަމުގައި، ނުވަތަ ދީނުގެ ކަންކަމުގައި އެކްސްޓްރީމިސްޓުން ކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ. ޓެރަރިސްޓުންކަމުގައި ސިފަކުރެވެމުންދާ ޒަމާނެކެވެ. މިވާހަކަތައް ތިރީގައިމިވާ އިގިރޭސި ޢިބާރާތުގައި އެކުލެވިގެންވެއެވެ. މިއީ މިއަދު މުސްލިމުންނާމެދު މިއަދުގެ ދުނިޔެދެކޭ ގޮތެވެ.

“Muslim fundamentalism is fast becoming the chief threat to global peace and security as well as a cause of national and local disturbances through terrorism. It is akin to the menace posed by Nazism and facism in the 1930s and then by Communism in the 50s”.

(The New York Times/ International Herald Tribune 9/9/93)

Do you think this is true? And what is so called fundamentalism?

(މިލިޔުމަކީ މިނިވަން ނޫހުން ނަގާފައިވާ ލިޔުމެކެވެ.)

Read more...

Tuesday, 10 November 2009

ޖާރިޔާ ޖާރިޔާ ޖާރިޔާ

ޖާރިޔާ ޖާރިޔާ ޖާރިޔާ
އިބްނު ޢަލީ
މިހާރަކަށް އައިސް އެންމެގިނައިންއިވޭ އެއްއަޑަކީ ދިވެހިރާއްޖޭގައި ޖާރިޔާއިން ގެންގުޅޭ ވާހަކަ ދައްކާ އަޑެވެ. މިހާވަރަށް މިވާހަކަ ދެކެވެނީ ފަހަރެއްގައިވެސް އަންހެންކުއްޖަކު އަޅުވެތިކޮށްގެން ގެންގުޅޭތީ އެއްނޫނެވެ. މިކަންކުރާކަމަށް މިވާހަކައިގައި ކިޔަނީ ދިނީގޮތުން ވަކިފިކުރެއް ގެންގުޅޭ ބައެއްކަމަށް ވީތީއެވެ. މިވާހަކަ މުޖުތަމައު ތެރޭގައި ފަތުރަން އެންމެގަދައަށް ފޫގަޅައިގެން އުޅޭތީ ފެންނަނީ އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނެވެ. ހިއްލަތު ރަޝީދު، މާޅޮހު ނަސީރު އަދި ހިއުމަންރައިޓްސް ކޮމިޝަންގެ އިތުރުން އާޒިމާ ފަދަ މީސްމީހުނެވެ.

މީގެ އެންމެ ހެއްވާކަމަކީ މިޖާރިޔާ އަކާއިބެހޭ އެއްވެސް މައުލޫމާތެއްދޭކަށް މީންއެކަކަށްވެސް ނުކެރެއެވެ. އެވެނިމީހާ ކައިރީ މިވެނިމީހާބުއްޏޯލައެވެ. އެވެނި ހޮސްޕިޓަލަކަށް ގެންދިޔަޔޯލައެވެ. މިވާހަކަ ދައްކާމީހުންގެ މަޤްސަދަކީ ފަހަރެއްގައިވެސް މުޖުތަމައުތެރޭގައި ނުބައިކަމެއްހިގާތީ ކަންބޮޑުވެގެނެއްނޫނެވެ. އެހެންނަމަ ދައްކާނެ ސާބިތުހެކިހުރި ބައިވަރު ކަންތައް އެބައޮތެވެ. 18 އަހަރުންދަށުގެ 85 ވަރަކަށް އަންހެނުން ބަލިވެއިންތޯ ބެލުމަށް އަޖިއެމްއެޗްގައި ޓެސްޓްހެދިވާހަކަ އެއީ އެހޮސްޕިޓަލުން ޔަޤީން ކޮށްދޭ ކަމެކެވެ. އެކަމަކު މިމީހުނަކަށް އެއީ މަސްއަލައަކަށް ނުވެއެވެ. ދާދިފަހުން މާލޭގައި ޒުވާނަކު ރަހީނުކޮށްގެން އެތައްއަނިޔާއެއް ކުރުމަށްފަހު އެތައްހާސް ރުފިޔާއެއް ފޭރިގަތްކަން އެއީ ފުލުހުން ޔަޤީން ކޮދީފައިހުރި ކަންތަކެވެ. ކަޓަރުއެޅުމާއި ފޭރުން އެއީ ކޮންމެދުވަހަކު ހިގާކަންތައްތައްކަމަށް ހުރިހާ ދިވެހިން ހެކިވާނެއެވެ. ބަލިވެއިނުމުގެ ސަބަބުން ދަރިވައްޓާލަނީ ކިތައްއަންހެނުންތޯ ބަލަން އިންޑިއާ ސިލޯނުގައި ސާވޭއެއް ކުރަންވީނޫންހެއްޔެވެ. ވައްކަމާއި ފެރުން މިޤައުމުގައި ނެތީހެއްޔެވެ. މިހިރަކަންތައްތަކަކީ އިންސާނީހައްޤުތަކާއި ގުޅުންހުރި ކަންތަކަށް ނުވަނީހެއްޔެވެ. އިސްލާމްދީނުގައި މިކަންތައް ހުއްދައީހެއްޔެވެ. މިވާހަކަ ދައްކަން ނުވަތަ ލިޔަން ނޭގުނީބާވައޭ ހިތަށްއަރައެވެ. ބަލަތިޔަ ޖާރިޔާއެއް ގެންގުޅޭކަން ޔަޤީންވާއިރު އެކަންސާބިތުކޮށްދޭން ފަސްޖެހެނީ އެކަންކުރުވަނީ ތިޔަބައިމީހުންކަމަށް ވެގެންހެއްޔެވެ. ނުވަތަ އެކަމަށް ދެވޭތަރުހީބެއްގެ ބޮޑުކަމުން ބާވައެވެ. ބަލަ ކިތައްމެގިނައިން ތިޔަވާހަކަ ދެއްކިއަސް އެކަމުން އިސްލާމްދީނަށް އެއްވެސް އުނިކަމެއް ތިޔަބައިމީހުނަށް ނުދެވޭނެއެވެ. ހަނދާ ދިމާއަށް ކިސަޑުއުކީމައި އެކިސަޑުއައިސް ޖެހޭނީ އެންމެފަހުން ތިމާގެ މޫނުގައިކަންވެސް ނުވިސްނެނީ ހެއްޔެވެ.

ހިއުމަންރައިޓްސް ކޮމިޝަނުގެ ވެރިންނާއި އަދިވެސް މާލޭގައި ޖާރިޔާއެއް ގެންގުޅޭކަން އެގޭކަމަށް ބުނާމީހުން ބަންދުކޮށްގެން ނަމަވެސް އެކަމުގެ ހަޤީގަތް ހޯދައި އެކުއްޖާ މިނިވަންކޮށް އަދި އެކަންކުރިމީހަކު ނުވަތަ ބަޔަކު ޝަރީއަތަށް ހާޒިރު ކޮށްދިނުމަށް ދިވެހި ފުލުހުންނަށް އިލްތިމާސް ކުރަމެވެ. އަދި މިކަންސާބިތު ކޮށްދިނުކުގައި މިމީސްމީހުން ނުކުޅެދިއްޖެނަމަ މުޖުތަމަޢުގައި މިފަދަ ނުބައިވާހަކައެއް ފެތުރީތީވެ މިބައިމީހުންގެ މައްޗަށް ޝަރީޢަތް ކުރުމަށްވެސް ގޮވައިލަމެވެ.

Read more...

Friday, 6 November 2009

މާޅޮހު ނަސީރުގެ މޮޅު ލިއުމެއް: ޖާރިޔާއިންގެ ފަހަށް، ދެންއޮތީ ނަޢަމްސޫފިޔަކަށް ސަވާރުވުން

މާޅޮހު ނަސީރުގެ މޮޅު ލިއުމެއް: ޖާރިޔާއިންގެ ފަހަށް، ދެންއޮތީ ނަޢަމްސޫފިޔަކަށް ސަވާރުވުން
ރާއްޖެ އިސްލާމް މުރާސިލު
މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި މުނާފިގުންގެ ޢަމަލުތަށް ހުރިގޮތަށް މިއަދު މިރާއްޖޭގައިވެސް މުސްލިމުންގެ ނަމުގައި ތިބިމީހުންގެ ޢަމަލުތަށް ބަދަލުވަމުން އެބަދެއެވެ. ނުވަތަ ބަދަލުވެފައި ވެއެވެ. މިބުނާ 'ޖާރިޔާއިންގެ' މައްސަލައަކީ މިފަދަމީހުން އިސްލާމު ދީނަށް 'ލޯބިކުރާ' މިންވަރު ފާޅުކޮށްދިން އަލާމާތެކެވެ. އިސްލާމު ދީނާއިމެދުގައި މިބައިމީހުންގެ ހިތުގައި އުފެދިފައިވާ ނަފުރަތުގެ ޝުޢޫރުތަށް ފާޅުވެގެން އަލިގަދަ ހެއްކެކެވެ. އަދި އިސްލާމުދީނުގެ ޢިލްމުން، މިމީހުނަށް އުގެނިފައިވާ މިންވަރުވެސް މިފަދަކަންކަމުން ހާމަކޮށްދެއެވެ.


އަޅުގަނޑު މިދަންނަވަންއުޅެނީ ޖާރިޔާއިންގެ ވާހަކަ ނުލިޔާށެކޭ ނޫނެވެ. އެކަމުގެ ޞައްޙަ މަޢުލޫމާތު ދިވެހިންނަށް ފޯރުކޮށް ނުދޭށެކޭނޫނެވެ. އަޅުގަނޑު މިދަންނަވަން އުޅޭވާކަހައަކީ 'ޖާރިޔާއޭ' ބުނުމަށްފަހު ވަރަށްގިނަ ލިޔުންތެރިންނަށް ދެން ފެށެނީ ދީނަށް ފުރައްސާރަކުރާށެވެ. ކަމާނުބެހޭ މީހުންގެ ސިފަތަކާ، ލާހެދުމުގެކުލަޔާ، ތުބުޅިއާ ބުރުގާގެ ވާހަކަތަކެވެ. އެފަދަ އަމަލުތަށް ކުރާ މީހުންނަކާ ބެހޭކަމެއްވެސް ނޫނެވެ. މިއީ މިއަދުގެ ބަޔެއް ލިޔުންތެރިން އެމީހުންގެ ފަންނަށް ތަސައްރަފު ނުފުދޭ ކަމުންވާގޮތެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

ދިވެހި ރާއްޖޭގައި ކައިވެނި ކުރުމަކާނުލާ، 'ޖާރިޔާއިންގެ' ނަމުގައި އަންހެން ކުދިންނާއި ނުވަތަ އަންހެނުންނާއި ޖިންސީގުޅުން ހިންގުމަކީ، އެކަމަށް އަޅުގަނޑުވެސް ދެކޮޅުހަދާކަމެކެވެ. އަދި އެފަދަ ކަންތަށް ހުއްޓުވުމަށް ސަރުކާރަށާ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑުވެސް ގޮވާލަމެވެ. އެހެން ނަމަވެސް، އެހިސާބަކުން ނިމުނީކީ ނޫނެވެ. ކައިވެނި ކުރުމަކާނުލާ ކޮންމެ ނަމެއްފައިވިއަސް ޖިންސީ ގުޅުން ހިންގުމާއި އަޅުގަނޑު ދެކޮޅުހަދަމެވެ. އެޅުގަނޑުމެން މޭކަރައިގަންނަނީ ޖަރިޔާއިން ކީމައެވެ. 'ގާލްފުރެންޑް ކިޔަސް' އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ 'ބޯއި ފުރެންޑް' ކިޔަސް އެންމެ ރަގަނޅެވެ. ބޭނުން ކަމެއް ކުރަންވީއެވެ. ނުވަތަ ހަލާލު އަނބިމީހާގެ އިތުރުން 'ސައިޑް ބިޓެއް' ނުވަތަ 'ސައިޑް ބިޓުންތަކެއް' ގެންގުޅުނަސް އެންމެ ރަގަނޅެވެ. ނުވަތަ އެހެންވެސް ނަމެއްގައި އަނބިމީހާފިޔަވައި އެހެން މީހުނާއި ޒިނޭކުރުމަކީ މިއަދު މައްސަލައަކަށް ނުވެއެވެ. ހިތާމައަކީ އެފަދަ ވާހަކަތަށް ލިޔަން މިދަންނަވާ ލިޔުންތެރިންގެ ގަލަމުގެ ދެއްޔެއްވެސް ނުހިނގައެވެ. މިއީ ޙަޤީޤަތުގައިވެސް ދިވެހިންނަށް ހެޔޮއެދިގެން ލިޔާލިޔުންތެރިންބާވައެވެ؟

ދާދިފަހުން އައި ޖީ އެމް އެޗުން ހާމުކުރި ގޮތުގައި، މިއަހަރުގެ މިހާހިސާބަށް އައިއިރު 18 އަހަރު ނުފުރޭ 85 ކުއްޖަކު ޕްރެގްނެންސީ ޓެސްޓަށް ޕޮސިޓިވް ވެފައި ވެއެވެ. 85 އެއީ އައި ޖީ އެމް އެޗަށް ދެއްކު ކުދިންގެ އަދަދެވެ. އެ ހޮސްޕިޓަލުގެ ރެކޯޑްތަކަށްނާރާ މާބަނޑުވެފައިވާ ކިތަށް ކުދިންވާނެ ބާވައެވެ؟ އަދި މިފަދަ ކުރިއަރާފައިވާ ޒަމާނުގައި އެކިކަހަލަ 'ހުރަސް' ބޭނުންކޮށްގެން އެ ފާޙިޝް އަމަލު ހިންގާފައިވާ ކިތަށް މީހުންވާނެ ބާވައެވެ؟ ނަމަވެސް، މިފަދަ ކަންތައްތަތް ބޮޑުކަމަކަށް ވާހެނެއް ހިޔެއް ނުވެއެވެ. އަދި ނިމުނީކީ ނޫނެވެ. މިފަދަ ފާހިޝް އަމަލު ތަކުގެ ނަތީޖާ ކުރިމަގުގައި ވަރަށް ހިތިވާނެ ކަމުގެ ސިގުނަލްތަށްވެސް ވަރައް ސާފުކޮށް އެއަންނަނީ ލިބެމުންނެވެ.

ރާއްޖެތެރޭ ރަށެއްގައި އެއިޑްސް ޖެހިފައިވާ 26 އަހަރުގެ ފިރިހެނަކު ވަނީ ތަފާތު 4 އަންހެން ކުއްޖަކާއެކީގައި ބަދުއަޚްލާޤީ އަމަލު ކޮށްފައެވެ. މީނާ ލޯބީގެގޮތުން ރައްޓެހިވެގެން އުޅުނީ، އަންހެން ކުއްޖާގެ އާއިލާގެވެސް ރުހުމުގައި، ގްރޭޑް 9 ގައި އުޅޭ ކުއްޖަކާއެވެ. އެއަންހެން ކުއްޖާއާއިއެކުގައި ޖިންސީގުޅުން ހިންގާކަމުގައި އަންހެން ކުއްޖާގެ އާއިލާއިް ވަނީ ކަށަވަރު ކޮށްދީފައެވެ. މިދިޔަ އޮގަސްޓް މަހުގައި ފުލުހުން އޭނާ އަތުލައިގަތީ، ފަޅުގެއެއްގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކާ އެކީގައި ބަދުއަޚްލާޤީ އަމަލު ހިންގަން އޮއްވައި ކަމުގައި ވެއެވެ. ނަމަވެސް މިފަދަ ވާހަކަތަށް ލިޔެ، މީހުންގެ ސަމާލުކަމަށް މިކަން ގެނައުމަށް، ދީނާއި ޤައުމަށް 'ލޯބިކުރާ' ލިޔުންތެރިންގެ ގަލަމަކުން ދެއްޔެއް ނުހިގައެވެ.

ލިޔުން ތެރިޔާއެވެ! އަޅުގަނޑުވެސް އެއްބަހެވެ. "މީގެ ސާދަސަތޭކަ އަހަރުކުރިން، ޢަރަބިކަރާގައި ކަންތައް ހުރިގޮތަށް، މިހާރު މިރާއްޖެ މިހިރަދަނީ ބަދަލުވަމުންނެވެ."

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިކަރާގައި އެމީހުނަށް ލިބޭދަރިން، ޚަރަދު ބޮޑުވާތީވެ، އެމީހުން ދިޔައީ މަރަމުންނެވެ. ނުވަތަ ދިރިތިއްބާ ވަޅުލަމުންނެވެ. އިސްލާމްދީން އައުމަށްފަހު އެކަން ޙަރާމްކުރެވުނެވެ. އެހެންނަމަވެސް އެޒަމާނުގެ އަރަބިންނެކޭ އެއްފަދައިން ދިވެހި ރާއްޖޭގައި މިގޮތަށް ޅަކުދިން މަރާލުން މިވަނީ އާންމު ކަމަކަށް ވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ބޯނުކޮށާ، ތުބުޅި ނުބާލާ އަދި ޖަގިޔާ ނުލާވާހަކަ ދެއްކެވި އިރު މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބި ކަރާގައި މަސްތުވާތަކެތި ބޭނުންކުރުމަކީ އާންމުވެފައިވާ ކަމެކެވެ. އެމީހުނަށް ރަލަކީ ހިތިއެއްޗެކެވެ. އެކަން ޚަރާމް ކުރެވުނީ އިސްލާމުދީން އައުމަށް ފަހުގައެވެ. އެހެން ނަމަވެސް އަރަބިންގެ އެނާތަހުޒީބީ ޢަމަލު މިއަދު ދިވެހިން މިވަނީ ތަހުޒީބީ އަމަލަކަށް ހަދައި ކުރަންފަށާފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބި އެންހެނުން ކަޅުހެދުންލާވާހަކައާއި މަސައްކަތްނުކޮށް ގޭގައިތިބޭވާހަކަ ލިޔުއްވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ޒިނޭކުރުމަކީ އާންމު ކަމެކެވެ. އިސްލާމްދީން އައުމަށްފަހު އެކަން މަނާކުރެވުނެވެ. ނަމަވެސް ދިވެހިން މިއަދު މިވަނީ އެކަންވެސް ރީތިކަމަކަށް ހަދާފައެވެ. އެކި ނަންނަމުގައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. 'ޖާރިޔާއިންގެ' ވާހަކަ ލިޔުއްވިއިރު މީހުނާ އިދެގެން އުޅޭ ފިރިހެނުންގެ ނުވަތަ އަންހެނުންގެ 'ސައިޑް ބިޓުންގެ' ވާހަކަ ނުދެއްކެވީ ހަމަ ހަދުމަފުޅު ނެތުނީ ތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރަށްވުރެވެސް މާކުރިން (ލޫތު އަލައިހި ސަލާމްގެ ޒަމާނުގައި)، ފިރިހެނުންނާއި އަންހެނުން އެއްޖިންސުން ގުޅުން ހިންގުމަކީ ވަރަށް 'ފޯރިނަގާފައި' ކުރަމުން އާކަމެކެވެ. ލޫތު އަލަހިސަލާމް އެކަން މަނާކުރެއްވުމުން، އެކަލޭގެފާނަކީ 'ހިއުމަން ރައިޓްސް'އާއި ދެކޮޅަށް މަސައްކަތް ކުރަށްވާ ބޭފުޅެއްކަމުގައިބުނެ އެކަލޭގެފާނުގެ އަމުރާއި އެބައިމީހުން ދެކޮޅުހެދިއެވެ. އިސްލާމުދީނުގައި މާތްﷲގެ ވަނީ އެފަދަ ފާހިޝް، ދަށުފަންތީގެ އަމަލުތަށް ޙަރާމް ކުރައްވާފައެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހިންގެ ދައުވާއަކީވެސް އެތައް ހާސް އަހަރެއްކުރިން ލޫތުގެފާނުގެ ޤައުމުގެ މީހުންވެސް ކުރި ދައުވާއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޖަމަލާއި ގާޑިޔާގެންގުޅުނުވާހަކަ ލިޔުއްވިއިރު، މިދަންނަވާލިވާހަކަ އިތުރުކޮށްލަން ހަދުމަފުޅު ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އޮންނަ އުސޫލަކީ ކޮންމެ ގޮތަކުންނަމަވެސް މުދާ އެއްކުރުމެވެ. އެއީ ރިބާ ކައިގެން ކަމުގައިވިއަސް، ވިޔަފާރީގައި މަކަރުހަދާ އޮޅުވާލައިގެން ކަމުގައިވިއަސް، އަދި ނާސިގެތަށް ހުޅުވައިގެން ކަމުގައިވިއަސް ވަރިހަމައެވެ. އިސްލާމުދީން އައުމަށްފަހު އެފަދަ ހުރިހާކަމެއް މަނާކުރެވުނެވެ. އަދި ޒަކާތްނެރުމަށާ ފަޤީރުންނަށް އެހީވުމަށް އެންގުނެވެ. ނަމަވެސް މިއަދު ދިވެހި ރާއްޖޭގައި މުދަލާއި ފައިސާ އިތުރުކުރުމަށްޓަކައި، އެހުރިހާ ނުބައިކަމެއްވެސް ކުރަމުންދެއެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އެވާހަކަ ލިޔުއްވަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، އަރަބިންގެ ތެރޭގައި އެއްވެސް ޙައްޤަކާނުލާ މީހުންގެ ފުރާނަހިފުމާ، ކިޑްނޭޕުކުރުމާ، އެއްބަނޑު އެއްބަފާ ދެބެންގެތެރެއިން އެކަކު އަނެކަކު ކަތިލުންފަދަ ކަންކަމަކީ އާންމު ކަންތަކެވެ. އިސްލާމުދީން އައުމަށްފަހު ޙައްޤަކާނުލާ މީހުންގަތުލުކުރުމާ، އެހެންވެސް އެފަދަކަންތައްތައް މަނާކުރެވުނެވެ. ނަމަވެސް މިއަދު ރާއްޖޭގައި އެކަން އެވަނީ އާންމުވެފައެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ނައަމުސޫފި ހުއިހެއްޕިވާހަކައާއި ކަދުރުހެއްދިވާހަކަ ލިޔުއްވިއިރު، މިވާހަކަތަށް ލިޔަން ހަދުމަ ނެތުނީތޯއެވެ؟

މީގެ ސާދަސަތޭކަ އަހަރު ކުރިން (އިސްލާމު ދީން އައުމުގެ ކުރިން)، ވައްކަންކުރުމާ، މީހުންގެ މުދާ ނުހައްޤުން ފޭރުން އަރަބި ކަރާގައި ވަނީ އާންމުވެފައެވެ. އިސްލާމުދީން އައުމަށްފަހު އެކަންތަށް މަނާކުރެވުނެވެ. އެހެން ނަމަވެސް، މިއަދު ވަރަށް ގިނަ ދިވެހި ޒުވާނުންގެ ވަޒީފާއަކީ (ނުވަތަ އާމުދަނީ ހޯދަން ކުރާ މަސައްކަތަކީ) ވައްކަންކުރުމާ، މަގުފޭރުމެވެ. ނޫސްވެރިޔެއްގެ ޚައިޞިއްޔަތުން ތިބާއަށް އެކަން މާބޮޑަށް އެގިލައްވާނެއެވެ. އަރަބިން ޝާމުކަރަޔަށް ވިޔަފާރި ދާވާހަކަ ދެއްކެވިއިރު، މިވާހަކަ ލިޔަން ހަދުމަފުޅު ނެތުނީތޯއެވެ؟

އާއެކެވެ! ތިބާއަކީ ނޫސްވެރިޔެކެވެ. އަދުލުވެރި 'ތަސައްރަފު ފުދިފައިވާ' ނޫސްވެރިންގެ ގޮތަކީ ކަމެއްހިނގާއިރަށް ތިމާގެ ހަވާނަފްސާއެއްގޮތަށް، ދިރާސާކުރުމެއްނެތި ލިޔުންތަށް ލިޔެނެގުމެއްނޫނެވެ. އެ މައުޟޫއަކާ ގުޅޭގޮތުން އެކަމުގެ ޞައްހަ މައުލޫމާތު މީހުނަށް ފޯރުކޮށް ދިނުމެވެ. ތިމާއަށް ކިޔޭނުކިޔޭއެއްޗެހި ނޭންގޭވަރަށް ތިމާގެ ދަރަޖަ ދިއުމެއް ނޫނެވެ. އާއެކެވެ. ކުރިންވެސް ބުނިހެން، ކައިވެނިން ބޭރުގައި ޖާރިޔާއިންގެ ނަމުގައި އަންހެންކުދިންނާއި ޖިންސީގުޅުން ހިންގުމަކީ ކުއްވެރިކުރަން ޖެހޭނެ ކަމެކެވެ. އެކަން ކުއްވެރިކުރައްވާއިރު އެކަމުގެ ވާހަކަ ދައްކަވާށެވެ. އެކަމުގެ ޞައްޙަމައުލޫމާތު އާމުންނަށް ފޯރުކޮށްދޭށޭވެ.

އޭގެބަދަލުގައި ތި ދައްކަވަނީ، ސާދަސަތޭކަ އަހަރު ކުރިން ޢަރަބިން ޖަގިޔާ ނުލާ އުޅުނުވާހަކައެވެ. އެއީ މިކަމަކާ ގުޅުން ހުރިކަމެއް ނޫނެވެ. އަދި ތި މައުލޫމާތަކީވެސް ޞައްޚަ މައުލޫމާތެއް ނޫނެވެ. އެމީހުންވެސް ޖަގިޔާ ނުވަތަ 'އަންޑަވެޔަރ' ލައިއުޅުނެވެ. އަޅުގަނޑު މިތާނގައި މިފާހަގަކޮއްލި ކުށުގެ އިތުރުން މުޅި ލިޔުމުގައިވެސް ޖުމްލަކޮށް ވަނީ މަޢުލޫމާތުގެކުށެވެ. އަދި ގިނައިން ހަދާފައިވަނީ ބުހުތާނު ދޮގުތަކެވެ.

ލިޔުންތެރިޔާއެވެ! މުސްލިމުންނަކީ އިސްލާމު ދީނެއް ނޫނެވެ. އަދި މުސްލިމުންގެ ދިރިއުޅުމަކީވެސް އިސްލާމުދީނެއް ނޫނެވެ. އެކަމަކު މުސްލިމުން ދިރިއުޅެން ޖެހެނީ އިސްލާމު ދީނުގައިވާ ގޮތަށެވެ. އެހެންކަމުން މުސްލިމުންގެ ދިރިއުޅުމަށް ބަލައިގެން އިސްލާމު ދީނެއް ނޭންގޭނެއެވެ. އިސްލާމުދީން އެގޭނީ ﷲގެ ފޮތާ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ސުންނަތަށް ބަލައިގެންނެވެ. މުސްލިމުން ނަކީ އިންސާނުންނެވެ. އެމީހުން ގޯސްކަންތަށް ވެސް ކުރާނެއެވެ. ނުވަތަ ކުރެވޭނެއެވެ. ނަމަވެސް އިސްލާމު ދީނަކީ މާތްﷲ ބާވާލައްވާފައިވާ ދީނެކެވެ. އެއީ ޙިކްމަތްވަންތަ އިލާހުގެ ދީނެވެ. އެއީ އިންސާނުންނާއި ޖިންނީން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހުގެ ދީނެވެ. އެ އިންސާނާއަށް ރަގަޅީ ކޮންގޮތެއްކަމާ، ގޯހީ ކޮންގޮތެއްކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ދީނެވެ. ވިމާ، އެ އިލާހުގެ ޝަރީއަތުގައި ކުށެއް ނުހުންނާނެއެވެ. މައްސަލައެއް ނުހުންނާނެއެވެ. މައްސަލަހުރީ އަހަރުމެންގެ ކިބާގައެވެ. ޙަޤީގަތަކީ ކޮބައިތޯ ނުބަލަނީ އަހަރުމެންނެވެ.

ވީމާ، މީހަކު ކުށެއްކުރާއިރަށް، އެމީހާ ހުންނަ ސިފައަށް ނުވަތަ އެމީހާނިސްބަތްވާ ދީނަށް އެއްޗެހިގޮވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އަދި އެކަމުން ދޭހަވާކަމަކީ، އެފަދަ ލިޔުންތެރިންނަކީ، ކަންކަމުގެ މަޢުލޫމާތު އޮޅުންނުފިލާ މީހުންކަމެވެ. ލިޔުންތެރިކަމުގެ ދާއިރާއަށް ތަންދޮރު އޮޅުންނުފިލާ ތަސައްވަރު ނުފުދޭމީހުންކަމެވެ. އަޅުގަނޑު މަތީގައި ދަންނަވާފައިވާ، ވައްކަން ކުރުމާ، ޒިނޭކުރުމާ، މަސްތުވާތަކެތި ބޭނުންކުރުމާ، މާރާމާރީ ހިންގުމާ އަދިވެސް މިފަދަ ގިނަކަންތައްތައް ކުރާމީހުންގެ 'ބެކްގްރައުންޑް' ދިރާށް ކުރައްވާށެވެ. އޭގައި ގިނައިންވަނީ ތުބުޅިލީ މީހުންތޯއެވެ؟ ނުވަތަ ކަޅުހެދުންލާ އަންހެނުންތޯއެވެ؟ ނޫނެކެވެ. މިއީ ކޮންމެ މީހަކަށްވެސް އެނގޭކަމެކެވެ. ވީމާ ތުބުޅިލީ މީހަކު ގޯސްކަމެއްކުރާއިރަށް، ތުބުޅިލީ ހުރިހާމީހުނަށް އޭގެ އެތިވަރުގޮވާ، ދީނަށާ ސުންނަތަށް ފުރައްސާރުކުރުމުން ލިބޭފައިދާއެއް އޮވޭތޯއެވެ؟

Read more...