Saturday 4 September 2010

ޒަކާތް ދެއްކުމާއި މެދު ފަރުވާ ތެރިވެ ލައްވާށެވެ.

ޢަބްދުލްޙަމީދު (ކުޅުދުއްފުށި) މަނަދޫލައިވް
މާތްވެގެންވާ އިސްލާމް ދީން ބިނާވެގެންވަނީ މައިގަނޑު ފަސްރުކުނުގެ މައްޗަށެވެ. ﷲ ފިޔަވައި އެހެން އިލާކު ނުވާކަމަށާއި މުހައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމާއި، ފަރުޟު ފަސްނަމާދު ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، ކުޅަދާނަކަންލިބިގެންވާ މީހާ ހައްޖުވުމާއި މިފަސްރުކުނެވެ. އަޅުގަނޑު މިލިޔުމުގައި އަލިއަޅުވާލަން މި މަސައްކަތް ކުރާނީ ޒަކާތުގެ މައްޗަށެވެ. އާދެ ކުޑަވެސް ޝައްކެތް ނެތޭ އިސްލާމް ދީނުގައި ޒަކާތަކީ ވާޖިބެއްކަން އެނގިއްޖެއެވެ. އެކަން އެގި ހުރެ އެކަމަށް އިންކާރުކުރުުމީ އެމީހަކު އިސްލާމް ދީނުން ބޭރު ކުރުވާނެ ކަމެކެވެ.

ވީމާ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް މިބަރަކާތްތެރި ރަމަޟާން މަސް އަލްވަދާއު ކިޔަމުންދާއިރު ޒަކާތް ދިނުމުގައި އަވަސްވެ ގަންްނާށެވެ. މިގޮތުން ފިތުރު ޒަކާތާއި މުދަލު ޒަކާތް ހިމެނެއެވެ. މުދަލުޒަކާތާއި ހިލާފަށް ފިތުރު ޒަކާތް ދެއްކުން ވާޖިބުވަނީ ތިމާގެ އަމިއްލަނަފްސުގެ މަތިންނާއި ތިމާ ހަރަދުކޮށް ބަލަހައްޓަން މަޖުބޫރުވާ ބައެއްގެ މަތިންނެވެ. އަނބިންނާއި ދަރީން، މައިންބަފައިންނާއި މިނޫންވެސް މިފަދަ މީހުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން މިޖެހެނީ އެބަޔަކު ކެއުމަށް ބޭނުން ކުރާ ގޮވާމުގެ ތެރެއިން ބާވަތެކެވެ. ނޫންނަމަ އެބޭނުން ކުރާ ގޮވާމެއްގެ ގަންނަން ލިބޭ އަގެވެ.

މުދަލުޒަކާތް ދެއްކުން ވާޖިބުވާ ބޭފުޅުން ވެސް މިކަމަށް ސަމާލް ކަން ދީގެން ޒަކާތް ދެއްކުމަށް އަވަސްވެ ގަންނާށެވެ. މާތްﷲ އެކަލާނގެ ދީލަތިވަންތަކަމުން ދެއްވި މުދަލަށް ދަހިވެތިވެ ޒަކާތް ނުދީ ނުތިއްބަވާށެވެ. ގިޔާމަތްދުވަހަށް ބިރުވެތިވާށެވެ. ބުއްދި ވެރިންނަކީ މިފަދަ ބިރުވެތި ދުވަހެއް އައުމުގެ ކުރިން އެބިރުވެތި ކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަންތައް ކުރާ މީހުންނެވެ. ފަނާވެ ދަނިވި މުދަލަށް އޮތް ދަހިވެތިކަން ދޫކޮށްލާ މީހުންނަކީ އަމިއްލަ ނަފްސު ހަލާކު ތެރެއަށް އެއްލާނުލާ މީހުންނެވެ.


= މަނަދޫލައިވް އިން ނަގާފައިވާ ލިޔުމެއް=

Read more...