Sunday 9 May 2010

ދެރަނުވާށެވެ. ދަރުސް އަޑުއެހުމަށް އެތައް ހާސްބަޔަކު ޙާޟިރުވި.

އަބްދުއްލަތީފް
ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގެ ސްޓޭޖްގައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ” ދެރަނުވާށެވެ.” މައުޟޫއަށް ދެއްވި ދަރުސް އަޑުއެހުމަށް ވަރަށްގިނަ ޢަދަދެއްގެ މީހުން ޙާޟިރުވިއެވެ.

ދެރަނުވާށެވެ.މިމައުޟޫއަށް ދެއްވި ތަޤްރީރުގައި އިސްލާމްދީނުގައި މުސްލިމުންނަށް ދެއްވާފައިވާ އުފާވެރިކަމުގެ ޚަބަރު ވަރަށް ތަފްސީލުކޮށް އައްޝައިޚް އިލްޔާސް ޙުސައިން ބަޔާންކޮށްދެއްވިއެވެ. ކީރިތި ޤުރްއާނާއި މާތްރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގެ އަލީގައި ހުށަހަޅައިދެއްވި ދަރުސަކީ ވަރަށް އަސަރުގަދަ ދަރުސެއްކަމަށް އަޑުއެއްސެވުމަށް ޙާޟިރުވި ގިނަބަޔަކު ބުނެފައިވެއެވެ. މިރޭގެ ދަރުސަށްވެސް ދިހަހާހަށްވުރެ ގިނަ މީހުން ޙާޟިރުވެފައިވާކަމަށް ދަރުސަށް ޙާޟިރުވީ ގިނަބަޔަކު ބުނެފައިވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހު 29 ގައި ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވުނު ދަރުސަކީ މިހާތަނަށް، އެއްތަނަކަށް ރާއްޖޭގައި އެންމެ ގިނަ މީހުން އެއްވަގުތަކާ އެއްވި އެންމެ ބޮޑު އެއްވުމެވެ. “ސުވަރުގެ އެދޭމީހާއަށް” މިމައުޟޫއަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ދެއްވި ތަޤްރީރަކީ މީހުންނަށް ވަރަށް ކަމުދިޔަ ޢިލްމީ ދަރުސެކެވެ. ލަފާކުރެވޭގޮތުން ދިހަ ހާހާއި، ބާރަހާހާއި ދެމެދުގެ ޢަދަދަކަށް މިދަރުސް އަޑުއެހުމަށް މީހުން ޙާޟިރުވެފައިވެއެވެ. މިދަރުސްގެ ސީޑީއަކީވެސް ރެކޯޑެއް ހޯދާފައިވާ ސީޑީއެކެވެ. 24 ގަޑިއިރުގެ ތެރޭގައި ދެހާހެއްހާ ސީޑީ ވިކިފައިވާ، މިސީޑީއަކީ މިހާތަނަށް ރާއްޖޭގައި ނެރެވުނު ފިލްމުތަކަށާއި ލަވަސީޑީތަކަށް ގޮންޖަހާލާފައިވާ ސީޑީއެކެވެ. މިކަމުން ދިވެހިންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް ދެވިފައިވާ ޤަދަރު އިތުރުވަމުން އަންނަކަމާއި، ދީނުގެ މަޢުލޫމާތު ހޯދުމަށް ދަހިވެތިވެފައިވާ މިންވަރު އެނގިގެންދެއެވެ.

އައްޝައިޚް އިލްޔާސް ޙުސައިން 2010 ވަނަ އަހަރު ދެއްވާފައިވާ ތަޤްރީރުތަކުގެ ތެރެއިން ޢަދާލަތު ޕާޓީއާއި ވިލިގިލީ ޒުވާނުންނާއި ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި “މިޢުރާޖްގެ ހަދިޔާ” މައުޟޫއަށްބޭއްވި ދަރުސާއި، ހެންވޭރު ޒުވާނުންނާއި ގުޅިގެން “ޢިއްފަތްތެރިކަމުގެ ގަހަނާ” މައުޟޫއަށް ބޭއްވި ތަޤްރީރަކީވެސް ވަރަށްގިނަ ޢަދަދެއްގެ މީހުން އެތަޤްރީރުތައް އަޑުއެއްސެވުމަށް ވަޑައިގެންނެވި ތަޤްރީރުތަކެކެވެ.

ހުކުރު ދުވަހުގެރޭގެ ދަރުސާއި މީގެ ކުރީން ޢަދާލަތު ޕާޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާފައިވާ އެންމެހައި ދަރުސްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވި އެންމެހައި އަޚުންނާއި އުޚުތުންނަށް، ދަރުސް އިންތިޒާމްކުރުމުގައި އެކިގޮތްގޮތުން އެހީތެރިކަންދެއްވި ގިނަޢަދަދެއްގެ ޒުވާނުންނަށް ވަކީން ޚާއްސަ ޝުކުރެއް ޢަދާލަތު ޕާޓީގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއިއެކު ދަންނަވާކަމަށް އެޕަރޓީން ވަނީ ވިދާޅުވެފައެވެ

ޚަބަރު މިއަދު ނޫހުން ނަކަލުކޮށްފައި

Read more...

މާޔޫސްވެފައިތިބުމުގެ ބަދަލުގައި ތައުބާވެ ހެޔޮ ޢަމަލުކުރުމަށް ޝޭޚު އިލްޔާސް ނަސީހަތްދެއްވައިފި

މޫސާ ހަލީލް
އެކި އެކި ފާފަކުރެވިގެން އެކަމާމެދު މާޔޫސްވެގެން އުޅޭމީހުން އެގޮތްދޫކޮށްލާފައި، މާތްﷲ ސުބްހާނަހޫ ވަތަޢާލާ އަށް ތަޢްބާވެ އެކަލާނގެ އަންގާފައިވާ ފަރްޟުފަސްނަމާދުއަދާކޮށް ހެޔޮޢަމަލުކުރާމީހަކަށްވުމުން ، އޭނާގެ ފާފަފުއްސަވައި މާތްﷲގެ ރަޙްމަތާއި މަޣްފިރަތުއެމީކަށްލިބި ހިތާމަތަކާއި މާޔޫސްވުންކެޑި ހިތްހަމަޖެހުމާއި ބާއްޖަވެރިކަންލިބޭނެކަމަށް ރާއްޖޭގެ މިހާރު އެންމެ މަގްބޫލު ދީނީ އިލްމުވެރިޔާ އައްޝައިޚު އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ރޭ ހެދިގޮޑު ދޮށަށް އެއްވެފުރިފައިވާ އެތައްހާސް މީހުންނަކަށް ދީނީނަސީޙަތްދެއްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ ކުރެވިފައިވާ ފާފަތަކާއި އަދި ދިރިއުޅުމުގައި ކަންތައްތައް ކުރެވިފައިވާ ގޮތާއިމެދު މާޔޫސްވެ ހިތާމަކުރުން ދޫކޮށްލާފައި މާތްﷲ އަށް އީމާންވެ އެކަލާނގެ ޚަޟްރަތަށް އިޚްލާސްތެރިކަމާއެކު ތަގްވާވެރިވެ ތައުބާވުމާއެކު ހެޔޮއަމަލުކުޅުމުގައި ޙަޔާތުގެދުވަސްތައް ހޭދަކޮށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިގަންނަންވީކަމަށެވެ.

ކުރެވޭ ކުށްފާފަތަކަށް އިޚްލާޞްތެރިކާއެކު ތައުބާވުމުން މާތްﷲ އެފާފަތައް ފުއްސަވައި އެކަލާނގެ ރަހްމަތާއި ހެޔޮދަރުމަ އެމީހަކަށް ދެއްވާނެ ކަމަށާއި އެގޮތަށް މާޔޫސްވެފައިވާ ޙާޔާތްތައް ބާއްޖަވެރި އުފާވެރި ޙަޔާތަކަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އިސްލާމްދީނުގައި މާޔޫސްވުމެއްނެތްކަމަށާއި ކުރެވޭ ކުށްފާފަތަކަށް ތައުބާވުމުގެ މަތިވެރި ފުރުޞަތު އޮންނަކަމުގައި ޝޭޚު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަޑުމެންނަން ދިމާވާ އެކިއެކި ދަތިތަކާއި ބަދުނަސީބުތަކަކީވެސް މާތްﷲ އަންގަވާފައިވާ މަގުން އެއްކިބާވެވި ކުށްފަާފަކުރުމުގައި އަޅުގަޑުމެންގެ ހިތާއި ނަފްސުދޫކޮށްލެވޭތީ ކަމަށެވެ. އެހެންވުމާއެކު އީMާންކަމާއި ތަގްވާވެރިކަން ވަރަށްގަދަކޮށް ފާފަތަކާއި ފާހިޟްކަންތައްތަކަށް ހެއްލިގެން ދިޔަނުދިނުމަށް އަބަދުވެސް ސަމާލުވެގެން ހުރުމަށް ސޭޚުވިދާޅުވިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި އަޅުގަޑުމެންގެ އިގްތިސާދު ރަގަޅުވެ ދަތިތައް ފިލައިގެން ދާނީވެސް އަޅުގަޑުމެން މާތްﷲއަށް އިޚްލާސްތެރިވެ މުޖްތަމައުގައި އަށަގަންނަމުންދާ ފާހިސްކަންތައްތަކާއި ވިޔާނުދާ ކަންތައްތަކުން ސަލާމަތްވެގެން އަޅުގަޑުމެންގެ ހިތާއި ނަފްސުތާހިރު ކޮންގެންކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ޝޭޚް އިލްޔާސްގެ ދަރުސް ވަގުތުން ޓީވީއެމުން ދެއްކިއެވެ. މިދަރުސްތަކަކީ އަދާލަތުޕާރޓީން އިންތިޒާމް ކޮށްގެން ބާއްވަމުންދާ ދަރުސްތަކެވެ. ރޭގެ ދަރުސްގެ މައުޟޫއަކީ ޑޯންޑްބީސޭޑް – ހިތާމަ ނުކުރާށެވެ މިމައުޟޫޢެވެ.

ޚަބަރު މިއަދު ނޫހުން ނަކަލުކޮށްފައި

Read more...

Monday 3 May 2010

ފިޔަވަޅަކަށް ފަހު ފިޔަވަޅަކުން ރާއްޖޭގައި އިސްލާމީ ވެރިކަމެއް ޤާއިމްކުރުމަށް ޢަދާލަތު ޕާޓީ ތައްޔާރުވަނީ

ލިޔުނީ ޙުސައިން
www.hussaenh.blogspot.com
ޢަދާލާތު ޕާޓީއަކީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި، ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ ޤާނޫނީ މުއައްސަސާއެކެވެ. ވެރިކަމަށް ކުރިމަތި ލުމަކީ ބޮޑު ދެ ޕާޓީކަމަށް ދަޢުވާކުރަމުންދާ ދެ ޕާޓީއަށް އެކަނި ލިބިގެންވާ ޙައްޤެއް ނޫނެވެ. ޢަދާލަތު ޕާޓީއަށްވެސް މިފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ގައުމު މިއަދު މިއޮތް ޙާލަތުން އެހެން ހާލަތަކަށް ގެނެވޭނީ ޢަދާލަތު ޕާޓީގެ ވެރިކަމަކުންކަން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ގައުމު މިއަދު ޣަރަޤުވެފައިވާ ކަނޑުން، ސަލާމަތުގެ އައްސޭރިއަކަށް ގައުމުގެންދެވޭނީ ޢަދާލަތު ޕާޓީގެ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރެވިގެންކަމުގައިވެސް އެރައްޔިތުން ދަނީ ބުނަމުންނެވެ. މިފަހަކަށް އައިސް ޢަދާލަތު ޕާޓީއަށް ރާއްޖެއިން ލިބެމުންދާ ތާޢީދާއި މަޤުބޫލުކަމަކީ، ފާހަނގަކޮށްލަން ޖެހޭފަދަ މަޤުބޫލުކަމެކެވެ. ރާއްޖޭގެ އެކިކަންކޮޅު ތަކުން ޢަދާލަތު ޕާޓީ އެރަށްރަށަށް ޒިޔާރަތް ކުރުމަށް ލިބިފައި ދަޢުވަތު ތަކުގެ ގިނަކަމާއި ހުރެ، މިއަހަރުގެ ސެޕްޓެންބަރ މަހާއިހަމަޔަށް ދަތުރުތައްވަނީ ކުރަންޖެހިފައެވެ. އަދިވެސް ވެއިޓިންގް ލިސްޓުގައިވެސް ވަރަށް ގިނަ ރަށްރަށުން އިންތިޒާރުގައި އެބަތިއްބެވެ. އަދި މިދަތުރު ތަކުގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން ގެންދަނީވެސް އެރަށްތަކުންނެވެ. މިކަމުންވެސް ޢަދާލަތު ޕާޓީއަށް މިފަހަކަށް އައިސް ލިބެމުންދާ މަޤުބޫލުކަން ހާމަވެގެންދެއެވެ. މިދިޔަ މަރޗް ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މުޒާހިރާޔަކީ ޢަދާލަތު ޕާޓީއާއި، މަދަނީ ޖަމްޢިއްޔާތައް ގުޅިގެން މުޅި ރާއްޖޭގައި އެއްދުވަހެއްގެ އެއްވަގުތެއްގައި، ބަނގުރާއަށް ނޫނެކޭބުނެ ކުރިމުޒާހަރާއެވެ. އީމާނުން ފުރިގެންވާ މުޒާހަރާއެކެވެ. ރާއްޖޭގެ ބޮޑެތި ރަށްރަށުގައި، ޢަދާލަތު ޕާޓީއާއި މަދަނީ އިއްތިހާދުގެ ޢިލްމުވެރިންގެ ގޮވައިލުމަށް ކުރެވުނު މުޒާހިރާއެވެ. މިކަމުންވެސް ޢަދާލަތު ޕާޓީއަށް ލިބެމުން އަންނަ ތާޢީދާއި، މަޤުބޫލުކަން ހާމަވެގެންދެއެވެ.

މިއަދު ގައުމުގެ ޙާލަތުވަނީ ވަރަށް ދަށު ދަރަޖައަކަށްގޮސްފައެވެ. ރައްޔިތުންނަށް ލިބެންޖެންހޭ އިންސާނީ އަސާސީ ޙައްޤުތަކަކީ ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، އެންމެބޮޑަށް އިސްކަންދޭނެ އެއްކަމެވެ. އެގޮތުން އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާ އެންމެ ފުޅާދާއިރާއެއްގައި އިންސާނީ އަސާސީ ޙައްޤުތައް މުޖުތަމަޢުގެ އަފުރާދުންނަށް ހަމަހަމަކަމާއިއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ.
ޢަދާލަތު ޕާޓީވެރިކަމެއްގައި:
ޢަދުލުޢިންސާފް – ޢަދުލުއިންސާފަކީ ކޮންމެ ގައުމަކާއި މުޖުތަމައެއްގެ ކާމިޔާބީގެ އެންމެ ފުރަތަމަ ހަރުފަތެވެ. މުޖުތަމަޢުގެ އަފުރާދުން ތަމްސީލުކުރާ ކޮންމެ މައިދާނެއްގައިވެސް ޢަދުލާއި އިންސާފް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ޚަޤީގަތުގައި ޢަދުލުއިންސާފަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި އެއްގޮތްވާ ގޮތުގެ މަތިން އަޅުތަކުން ބިންމަތީގައި އުޅުމަށްޓަކާ އެއުރެންގެ މެދުގައި ކުރަންޖެހޭ މުޢާމަލާތްތަކާއި، ދޭދޭ ފަރުދުންގެ ގުޅުންތައްވެސް މާތް ﷲ ރުހިވޮޑިގަންނަވާ ގޮތުގެ މަތިން ޤާޢިމުކުރުމެވެ. އަހެންކަމުން ޢަދާލަތު ޕާޓީގެ ފަރާތުން ރައްޔިތުންގެ މެދުގައި ޢަދުލް އިންސާފް ޤާއިމުކުރުމަށް މަސައްކަތް ކުރާނެއެވެ.

މިނިވަންކަން- މިނިވަންކަމަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ މަތިވެރި ނިޢުމަތެވެ. މިނިވަންކަމުގެ މާނައަކީ މީހާ ބޭނުންހާ ގޮތަކަށް އުޅުންނޫން ކަމުގައިވާތީ އިސްލާމީ އުޞޫލުތަކާއި، ދުނިޔޭގެ ޤާނޫނުތަކާއި ހަމަތކުގެމަތީގައި ރައްޔިތުންނަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި މިނިވަންކަން ދިނުމަށްޓަކައި ގައުމީ ފެންވަރުގައި އެކަމުގެ ޤާނޫނު ޤަވާޢިދު އެކަށައަޅައި، އެޤާނޫނަށް ފުރިހަމައަށް ޢަމަލުކުރާނެއެވެ. ދިވެހި ރާއްޖެއަކީ 100 އިން 100 މުސްލިމް ގައުމަކަށް ވީހިނދު ދިވެހިންނަށް އެބައިމީހުންގެ ލޮބުވެތި ދީނުގައި އުޅުމަށް މިނިވަންކަމާއެކު ޖާގަ ދިނުމެވެ. ދިރިއުޅުމުގައި އެކަކު އަނެކަކާ ބައިވެރިވެ މުޢާމަލާތް ކުރުމުގައި، ރިވެތި އަހްލާގާއި ސުލޫކުގެ މަތީގައި، މުޢަމާލާތްކުރުމާއި މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރާނެއެވެ.
ލިއުންތެރިކަމާއި ނޫސްމަޖައްލާގެ މިނިވަންކަން ދިނުމުގައި އިސްލާމްދީނާއި ތަޢާރުޒުނުވާ ގޮތުގެ މަތިން، މިނިވަންކަން ފޯރުކޮށް ދޭނެއެވެ.
ތަޢުލީމާއި ތަރުބިއްޔަތު – ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓައިދޭ އެބައެއްގެ މެދުގައި އޮންނަ ތަޢުލީމީ ނިޒާމެވެ. އެހެންކަމުން ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، ތަޢުލީމީ އޮނިގަނޑު އެކުލަވައިލުމުގައި ދިވެހިންގެ އަމިއްލަ ގައުމީ ކަރިކިއުލަމެއް އެކުލަވައިލުމަށް އިސްކަން ދޭނެއެވެ. ގައުމީ ބަހަކީ ދިވެހި ބަސްކަމުގައިވާތީ ދިވެހި ބަހަށް ޚާއްސ އަހަމިއްޔަތުކަމެއްދީގެން ތަޢުލީމް ނިޒާމު އެކުލަވައިލުމަށް މަސައްކަތް ކުރާނެއެވެ. ސާނަވީ ތަޢުލީމު ނިމޭއިރު ދެވަނަ ބަހެއްގެގޮތުގައި ސާނަވީ ފެންވަރަށް އަރަބިބަސް ކިޔަވައި ދޭނެއެވެ. ތަޢުލީމީ ހުރިހާ މަރުހަލާއެއްގައި މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ޙާއްސަ އަހަމިއްޔަތު ކަމެއްދޭނެއެވެ. އަރަބި އިސްލާމީ ތަޢުލީމު ދެވޭ މުއައްސަސާތަކުގައި އަރަބިބަހާއިއެކު ގައުމީ ފެންވަރަށް އިނގިރޭސިބަސް ކިޔަވައި ދޭނެއެވެ. ދިވެހި ރާއްޖޭގެ ގައުމީ މުގައްރަރު އެކުލެވިފައިވަނީ އިނގިރޭސި މީޑިއަމަށް ކަމުގައިވާތީ ރާއްޖޭގެ ހުރިހާ ސުކޫލުތަކެއްގައި ހަމަހަމަކަމާއެކު އެމީޑިއަމަށް ކިޔަވައިދޭނެއެވެ. ތަޢުލީމީ ހުރިހާ އިދާރާތަކެއްގައި ދީނީ ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތް ކުރުމާއިއެކު މަޛްހަބީ ތަޢައްޞުބާއި ނޭއްގާނީކަން ދިވެހިންގެ ތެރޭގައި އަށަގަނެ ނުދިނުން. ޓީ.ވީއާއި ރޭޑިޔޯގެ ވަޞީލަތަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަޞީލަތެއްކަމުގައި ނަހަދައި، ތަރބަވީ ލަނޑުދަނޑިތަކުގެ ދަށުން އެވަޞީލަތްތަކުގެ ބޭނުންހިފުން. ކިޔަވާ ކުދިންގެ ތެރޭގައި އުޅޭ އާދަޔާ ހިލާފް ތޫނު ފިލިކުދިން ދެނެގަނެ ގައުމަށް އެންމެ ފައިދާ ހުރިގޮތެއްގެ މަތިން އެކުދިން ބިނާކުރުމަށް މަސައްކަތް ކުރުން. މިލަނޑު ދަނޑި ތަކަކީ ޢަދާލަތު ޕާޓީގެ ވެރިކަމެއްގައި، ތަޢުލީމާއި ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރާނެ މަސައްކަތެވެ.

ދުޅަހެޔޮ ޞިއްޙައްތު – ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވުމަކީ، އިންސާނަކަށް ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ނިޢުމަތެވެ. ދިވެހި ކޮންމެ ދަރިއަކީވެސް ދުޅަހެޔޮ ޞިއްޙަތެއް ލިބިފައިވާ މީހަކަށް ހެދުމަށް ޢަދާލަތު ޕާޓީގެ ފަރާތުން މަސައްކަތްކުރާނެއެވެ. މިގޮތުން ބޭސް ފަރުވާގެ ޚިދުމަތަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސްފަސޭހަ ފަށެއްގައި ހެދުމަށް ޢަދާލަތު ޕާޓީގެ ފަރާތުން މަސައްކަތް ކުރާނެއެވެ. އެކި ދާއިރާތަކުން ސްޕެސަލިސްޓް ޑޮކުޓަރުން ރާއްޖޭގައި އިތުރުކުރުމަށް މަސައްކަތްކުރުމާއިއެކު، ބޭސްވެރިކަމުގެ ވަޞީލަތްތައް ޒަމާނީ ކުރުމަށް މަސައްކަތް ކުރާނެއެވެ. އަތަޅޮތަކުގައި ހުރި ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަޤުވާމީ ފެންވަރަށް ޚިދުމަތްދޭ ހަސްފަތާލްތައް ބިނާ ކުރުމަށް މަސައްކަތްކުރާނެއެވެ. އަމިއްލަ ހާލައިގެން ނޫޅެވޭ ވަރުގެ ބޮޑެތި ފަރުވާތައް ކުރަންޖެހިފައިވާ ރައްޔިތުންނަށް ލުއި ގޮތަކަށްއެފަދަ ފަރުވާތައް ދިނުމަށް މަސައްކަތް ކުރާނެއެވެ.

އިންސާނީ ވަޞީލަތް – ދިވެހިންގެ އިންސާނީ ވަޞީލަތްތަރައްޤީކުރުމަކީ ޢަދާލަތު ޕާޓީއިން އެންމެ އިސްކަންދޭނެ އެއްކަމެވެ. އެގޮތުން ކޮންމެ ދިވެއްސަކީވެސް އާމްދަނީ ލިބޭފަދަ ކޮންމެސް މަސައްކަތެއް ދަންނަ މީހަކަށް ހެދުމަށް މަސައްކަތްކުރާނެއެވެ. ރާއްޖޭގައި ތިބި ދިވެހި ހުނަރުވެރިންގެ ހުނަރުތައް އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ދިރުވައި އާލަކުރުމަށް މަސައްކަތްކުރާނެއެވެ. ޕްރޮފިޝަނަލް ދާއިރާތަކުން ތަމްރީނު ލިބިފައިވާ ދިވެހިން އިތުރުކުރުމަށް މަސައްކަތްކުރާނެއެވެ. މަތީތަޢުލީމު ލިބިފައިވާ ދިވެހި ދަރިން އިތުރުކުރުމަށް މަސައްކަތް ކުރާނެއެވެ. އަތަޅުތަކުގެ ރައްޔިތުން ހުނަރުވެރިކަމާއި ފެންވަރު އިތުރުކުރުމަށްޓަކައި ތަފާތު މަރުކަޒުތައް ޤާއިމްކުރާނެއެވެ.

މިކަންތައްތަކަކީ ޢަދާލަތު ޕާޓީގެ ފަރާތުން، ދިވެހި ރައްޔިތުންގެ މެދުގައި އިންސާނީ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށް އެކަށައަޅައިފައި ޕުލޭންތަކެވެ. މާތް ﷲ އިރާދަކުރެއްވިޔާ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނު ހުއްދަކުރާ އެންމެ ފުޅާދާއިރާއެއްގައި އިންސާނީ އަސާސީ ޙައްޤުތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެއެވެ. ތިޔަ ލޮބުވެތި ރައްޔިތުން ޢަދާލަތު ޕާޓީއާއިއކު ތިއްބަވާށެވެ. ދިވަހިރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމެވެ.

ލިޔުނީ ޙުސައިން
www.hussaenh.blogspot.com

Read more...